އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިގަނެފައި ނޯންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފާއިތުވި ތަނުގައި އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެފައި ނޯންނާނެ ކަމަށާއި އެފަދަ މައްސަލަ އޮތް ނަމަ ބެލުމަކުން މައްސަލައެއް ނެތް ކަމަށެވެ.
"އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިގެންފައި ނޯންނާނެ. އަރައިނުވެސް ގަންނާނަން. އެއްވެސް މީހަކަށް އަނިޔާއެއް ނުދެން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ މައްސަލައެއް އޮތް ނަމަ ސިޔާސީ ނުފޫޒުން އެއްކިބާވެ، އެކަމެއް ބެލުމަކުން އޭނާގެ މައްސަލައެއް ނެތް ކަމަށެވެ.
"މައްސަލައެއް އޮތިއްޔާ ރަސްމީ އިދާރާތަކުން ބައްލަވަންވީ. ސިޔާސީ ނުފޫޒުން އެއްކިބާވެ، އިންސާފުވެރިކަމާ މިނިވަންކަމާއެކު ބައްލަވަންވީ. އެގޮތަށް ބަލައިފި ނަމަ އެކަންކަމުގެ ހަގީގަތް މާރީތިކޮށް ސާފުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ "ޒާތީ ގޮތުން ދިމާކުރުމަކީ" ކެމްޕެއިން ކުރުން ނޫން ކަމަށާއި ކެމްޕެއިން ކުރުމަކީ ކެންޑިޑޭޓުގެ ވިސްނުން ރައްޔިތުންނަށް ހުށަހަޅައިދިނުން ކަމަށެވެ.
"ޒާތީ ގޮތުން ދިމާކުރުމަކީ ކެމްޕެއިން ކުރުމެއް ނޫން. އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންނަށް ކަންކަން ހުށަހެޅުމަށް. އަޅުގަނޑު މިކުރަނީ އެކަން،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު ސެޕްޓެމްބަރު 9، ގައި ބޭއްވި އެ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ވޯޓުލީ އާބާދީގެ 46 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ. ދެ ވަނައަށް ވަޑައިގެންނެވި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.













