ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވަމުން އަންނަ އުރީދޫ މޯލްޑިވްސް އިން ބައިނަލްއަގުވާމީ "ޕީސް ކޭބަލް" އަށް އިންވެސްޓްކޮށް، އަންނަ ޑިސެމްބަރުގައި ހދ. ކުޅުދުއްފުށިން ސިންގަޕޫރު އަދި ޔޫރަޕާ ގުޅައިލާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެެވެ.
އުރީދޫ މޯލްޑިވްސްގެ އައު ހެޑް އޮފިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިކަން އިއުލާނުކުރީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް އެވެ. ނިޔާޒް ވިދާޅުވީ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަކުރުމަކީ އުރީދޫއިން އަބަދުވެސް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޕީސް ކޭބަލާއި ރާއްޖެ ގުޅާލެވޭނެ ކަމަށް ވިދާޅުވި އެވެ.
"ބައިނައްލަގުވާމީ ސަބްމެރިން ކޭބަލް، ޕީސް ކޭބަލް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުޅުދުއްފުށީ މަގުން ސިންގަޕޯރާ ޔޫރަޕާ ގުޅުވައިދެވޭނެ،" ނިޔާޒް ފާހަގަކުރެއްވި އެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ ޕީސް ކޭބަލާއެކު ދުނިޔޭގެ ބޮޑެތި ޑިޖިޓަލް ހަބްތަކާ ރާއްޖެ ގުޅާލެވޭނެ ކަމަށެވެ. އަދި އިންޓަނެޓުގެ ކެޕޭސިޓީއާ ކަސްޓަމަރުންގެ ތަޖުރިބާ ކުރިއަށްވުރެ އިތުރުވެގެން ދާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.
titledesc

ޕީސް ކޭބަލާއި ރާއްޖެ ގުޅާލަން ނިންމައި އުރީދޫއިން އެކަން އެންމެ ފުރަތަމަ އިއުލާނުކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ކުންފުނިން އެ ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރުމަށް ނިންމީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުންނެވެ.
އެ ކޭބަލްއާ އެކު 5ޖީ ގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި، ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
މި މަޝްރޫއުއާއިއެކު ކުޅުދުއްފުށި ވެގެންދާނީ މާލެ ސަރަހައްދުގެ އިތުރުން އިތުރުން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލެއް މެދުވެރިކޮށް ގުޅާލެވޭ ފުރަތަމަ ރަށަށެވެ.
އިންޓަނެޓު އަގު ހެޔޮ ކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުން އިންވެސްޓުކޮށްގެން ގެނައި "އިންޑިއާ އޭޝިއާ އެކްސްޕްރެސް" (އައިއޭއެކްސް) ސަބްމެރިން ކޭބަލް ވެސް ވަނީ މިއަހަރުގެ އޮގަސްޓު މަހުގައި ހުޅުމާލެއަށް އެއްގަންކޮށް، ކޭބަލް ލޭންޑިން ސައިޓާ ގުޅާލާފަ އެވެ.
އައިއޭއެކްސްއަކީ އިންޑިއާގެ ޖިއޯ ޓެލެކޮމް ކުންފުނިން ފްރާންސުގެ މާސޭ އާއި ސިންގަޕޫރާ ދެމެދު އަޅާ އެންމެ ޒަމާނީ ގިންތީގެ ސަބްމެރީން ކޭބަލް ވިއުގައެކެވެ.












