ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް އެންމެ އުސްކޮށް އިމާރާތް ކުރެވޭ ފަންގިފިލާގެ އަދަދު 10 އަކަށް ހެދުމަށް ކަމާގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް އާބަންކޯއިން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު އާންމުކުރި "ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތް ކުުރުމުގެ އުސޫލު" ގައި ވާގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ ހަ ފަންގިފިލާއަށް ކަމަށެވެ.
ނަމަވެސް އާބަންކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެންމެ އުސްކޮށް އިމާރާތް ކުރެވޭ ފަންގިފިލާގެ އަދަދަކީ ހައެއް ކަމުގައި އެ އުސޫލުގައި ހިމަނާފައި އެވަނީ ދެވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އެތަންތަނުގެ މަސައްކަތް މިހާރުން މިހާރަށް ފަށަން ބޭނުންވެގެން ހުއްދައަށް އެދެމުން ދާތީ ކަމަށާއި އެ އުސްމިނަށް ވަރަށް އަވަހަށް ބަދަލު އަންނާނެ ކަމަށެވެ.
"މިހާރު ވެސް ވާނީ އެ އަދަދު 10 އަކަށް ހެދުމަށް ކަމާގުޅޭ އިދާރާތަކަށް ހުށަހަޅާފައި، ވަރަށް އަވަހަށް އެ ބަދަލު އަންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މިއަދު އާންމުކުރި އުސޫލުގައި އިތުރަށް ބުނެފައި ވަނީ އިމާރާތުގެ އުސްމިން ކަމުގައި ބެލެވޭނީ ދުވާރުން ފެށިގެން ސްޕްރިން ލައިން ނުވަތަ ރޫފްބީމުގެ މަތީ ކައިރިއާ ހަމައަށް ކަމަށެވެ. އަދި އިމާރާތުގެ އެންމެ މަތީގައި ޓެރަހެއް ލާނަމަ ދުވާރުން ޓެރަސް ސްލެބް ނުވަތަ ޑެކުގެ މަތީ ކައިރިއާ ހަމައަށް އެއީ އިމާރާތުގެ އުސްމިން ކަމުގައި ބަލާނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އެ އުސޫލުގައި ވާގޮތުން އިމާރަތުގެ އުސްމިން 15 މީޓަރަށް ވުރެ އުސްވާނަމަ ނުވަތަ ފަސް ފަންގިފިލާއަށް ވުރެ މައްޗަށް ނަގާނަމަ ލިފްޓު ހިމަނަން ޖެހޭނެ އެވެ.
އާބަންކޯއިން އެ އުސޫލަށް ބަދަލު ގެންނަން ހުށަހަޅާފައި ވާއިރު، ހުސްވި މަސް ތެރޭގައި ވަނީ ހުޅުމާލޭގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭ ފަންގިފިލާގެ އަދަދު ހަތަކުން 10 އަށް ބަދަލުކޮށްފަ އެވެ.











