ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ ހަ ބުރިއަށް ކަމަށް އާބަންކޯއިން ނިންމައިފި އެވެ.
އާބަންކޯއިން މިއަދު އާންމުކުރި "ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތް ކުުރުމުގެ އުސޫލު" ގައިވާ ގޮތުން އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރެެވެ. އަދި އިމާރާތެއްގައި އެންމެ ގިނަވެގެން ބެހެއްޓޭނީ ހަ ފަންގިފިލާ އެވެ.
އިމާރާތުގެ އުސްމިން ކަމުގައި ބެލެވޭނީ ދުވާރުން ފެށިގެން ސްޕްރިން ލައިން ނުވަތަ ރޫފްބީމުގެ މަތީ ކައިރިއާ ހަމައަށެވެ. އަދި ޓެރަހެއް ލާނަމަ ދުވާރުން ޓެރަސް ސްލެބް ނުވަތަ ޑެކްގެ މަތީ ކައިރިއާ ހަމައަށް އެއީ އިމާރާތުގެ އުސްމިން ކަމުގައި ބަލާނެ އެވެ.
އެ އުސޫލުގައިވާ ގޮތުން އިމާރަތުގެ އުސްމިން 15 މީޓަރަށް ވުރެ އުސްވާނަމަ ނުވަތަ ފަސް ފަންގިފިލާއަށް ވުރެ މައްޗަށް ނަގާނަމަ ލިފްޓު ހިމަނަން ވާނެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކުގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ ހަ ފަންގިފިލާ ކަމަށް ކަނޑައެޅިއިރު, މިދިޔަ މަސް ތެރޭގައި ވަނީ ހުޅުމާލޭގެ އިމާރާތްތައް 10 ބުރިއަށް އުފުލުމުގެ ހުއްދަ ދީފަ އެވެ.

ކުރިން އޮތް ގޮތުން ހުޅުމާލޭގައި މީހުން ދިރިއުޅޭ އިމާރާތްތައް އެންމެ މައްޗަށް އުފުލޭނީ ހަތް ބުރިއަށެވެ. އެކަން ބަދަލުކޮށް އާބަންކޯއިން ބުނީ, މީހުން ދިރިއުޅެން ހުޅުމާލޭން ދޫކޮށްފައިވާ ގޯތިތަކުގައި މިހާރު 10 ބުރިއަށް (31 މީޓަރު) ގެ އުސްމިނުގައި އިމާރާތްކުރެވޭނެ ކަމަށެވެ. އަދި އެ އުސްމިނުގައި އިމާރާތްކުރާ އިރު އަމަލުކުރަން ޖެހޭނެ މިންގަނޑުތައް އާންމު ކުރި އެވެ.
ހުޅުމާލޭގައި އިމަރާތް ކުރުމުގެ އުސޫލަށް އޭރު ބަދަލުގެނައީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިތަކެއް ދޫކުރުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. ނަމަވެސް މިއަދު އާބަންކޯއިން ވަނީ ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތަކަށް ވަކި އުސޫލެއް އެކުލަވާލައި, އާންމުކޮށްފަ އެވެ.












