ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކުރަން ވީ ވައުދަށް ބަދަލުގެންނަން ޖެހިދާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗެނަލް 13 ގެ ޕްރޮގްރާމެއްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އެއީ ނުކުރެވިދާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. އަދި އެކަން އޭނާގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށާއި އެހެންވެ އެ ވައުދު ފުއްދޭނެ ގޮތްތައް އިތުރަށް ބައްލަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުންގެ މުސާރަތައް ބޮޑުކުރަން މުއިއްޒު ވިސްނަވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން، ވެރިކަމުގެ ފުރަތަމަ އަހަރު 35 ޕަސެންޓު ދެވަނަ އަހަރު 25 ޕަސެންޓު، އަދި ދައުރުގެ ފަހު އަހަރު ބާކީ 40 ޕަސެންޓު މުސާރަ ބޮޑުކުރާ ގޮތަށެވެ.
ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތުން އެވައުދު ނުފެއްދޭ ހާލަތެއް އައިސްދާނެ ކަމަށް ބެލެވޭ ނަމަ އެ ވައުދަށް ބަދަލުތަކެއް ގެންނަންޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެކަންބޮޑުވުން އެހާބޮޑަށް އައިމަ އަޅުގަނޑު މިހާރުވެސް އެ މަޝްވަރާކުރަމުން މިދަނީ ޓީމާ. މިވަގުތު ނެތް އެކަމުގެ މައްސަލައެއް. އަޅުގަނޑުމެން މި ހުށަހަޅާ އިކޮނޮމިކް ޕްލޭނުގެ ތެރެއިން އެކަން ކުރެވޭނެ... ނަމަވެސް އެއީ އެއްވެސް ވަރަކަށް ކަންބޮޑުވުން އޮތް، ނުފުއްދޭނެ ވަރުގެ ހާސިލުނުކުރެވޭނެ ވަރުގެ ކަމެއްވިއްޔާ ބަދަލުވެސް ގެންނާނަން" މުއިއްޒު ވިދާޅުވި އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުން ފުލުހުންނަށް މުސާރަ މި އަހަރު 510 މިލިއަން ރުފިޔާ ހަރަދު ވާއިރު ސިފައިންގެ މުސާރަތަކަށް 370 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ. އެއީ ޖުމްލަ 881 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއަށް ޕެންޝަނަށް ހިނގާ ހަރަދު އެއްކުރުމުން 940 މިލިއަން ރުފިޔާ އަރަ އެވެ.













