ސަރުކާރުގެ ކުންފުނިތައް މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ޒިންމާ އަދާކުރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތިން މެމްބަރެއްގެ ދައުރު ހަމަވެ މަގާމުން ވަކިވެއްޖެ އެވެ.
ދައުރު ހަމަވެގެން ޕީސީބީން ވަކިވި މެމްބަރުންނަކީ އެ ބޯޑުގެ ރައީސް އާސިމް މުހައްމަދު އާއި ބޯޑު މެމްބަރު އަލީ ޝަފީއުގެ އިތުރުން ބޯޑު މެމްބަރު ރުޝާހާ އަހުމަދު ޝަރީފް އެވެ. މި ތިން މެމްބަރުންގެ ދައުރު ހަމަވީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ގާނޫނުގައިވާ ގޮތުން ބޯޑުގައި ތިބެން ޖެހެނީ ހަތް މެމްބަރުންނެވެ. މެމްބަރުންގެ ދައުރަކީ ހަތަރު އަހަރެވެ.
އާސިމް އާއި އަލީ ޝަފީއު އަދި ރުޝާހާ ވެސް އެ ބޯޑަށް އައްޔަންކުރީ 17 ސެޕްޓެމްބަރު 2019އިގަ އެވެ. އާސިމް ފުރަތަމަ އައްޔަންކުރީ އެ ބޯޑުގެ ނައިބު ރައީސްގެ މަގާމަށެވެ. ރައީސްގެ މަގާމަށް އޭނާ އައްޔަންކުރީ 13 ޑިސެމްބަރު 2021 ގަ އެވެ.
ޕީސީބީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، ރައީސް އަކު އައްޔަންކުރެވެންދެން ޕީސީބީ ހިންގެވުމާއި ހަވާލުވެ ހުންނަވާނީ އެ ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޝް އެވެ.

ޕީސީބީ ބޯޑު މެމްބަރުން ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ލިބެނީ ރައީސަށެވެ. އެކަމަކު، ޕީސީބީ އަށް އައްޔަން ކުރާ މެމްބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ އެވެ.













