މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވައިފި ނަމަ އުފެދޭ ސަރުކާރެއްގައި ރާއްޖެއާ ބޭރުގެ ގައުމުތަކާ އެކު ހެދިފައިވާ އެއްބަސްވުންތަށް ގާނޫނު ތަންދޭ މިންވަރަކުން ހާމަކުރާނެ ކަމަށް މުއިއްޒުގެ ކެމްޕޭން ތަރުޖަމާނު މުހައްމަދު ތޮލާލު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕޭނުގެ އަޕްޑޭޓުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ތޮލާލު ވިދާޅުވީ، މުއިއްޒުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ބަލައި ދިރާސާކޮށް އާންމުކުރުން ހިމެނޭނެ ކަމަށެވެ.
"އާންމުކުރުމޭ މި ދަންނަވަނީ، ގާނޫނީ ގޮތުން އެނގެންޖެހޭ ފަރާތްތަކަށް އެބަ އެނގެންޖެހޭ މިސާލަކަށް ރައްޔިތުންގެ މަޖިލީހަށްވެސް [އެއްބަސްވުންތައް] މި އޮންނަނީ ސިއްރުކޮށްފަ، ރައްޔިތުންނަށް ހާމަކުރަންޖެހޭ ހުރިހާ ކަމެއް ހާމަކުރާނަން، މަޖިލީހަށް ހާމަކުރަންޖެހޭ ކަންކަން މަޖިލީހަށް ފޮނުވާނަން"
ތޮލާލު ވިދާޅުވީ، އެއްބަސްވުންތައް އާންމުކުރާނީ ގާނޫނީ އިމުގެ މަތިން ޖާގަ ލިބޭ މިންވަރަކުން ކަމަށެވެ. މި ސަރުކާރުންވެސް ގިނަ އެއްބަސްވުންތައް ސިއްރުކޮށްފައިވަނީ ގާނޫނީ އެކި ސަބަބުތަކާހުރެ ކަމަށް ބުނެ އެވެ.
އިދިކޮޅުން ހާމަކުރުމަށް އެންމެ ބޮޑަށް އެދޭ އެއްބަސްވުންތަކަކީ އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާއާއެކު ހެދި އެއްބަސްވުމާއި، ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ހެދި އެއްބަސްވުމާއި، އައްޑޫގައި ޕޮލިސް އެކަޑަމީ ހެދުމަށް އިންޑިއާއާއެކު ވެވުނު އެއްބަސްވުންތަކެވެ.

އަދި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ކަމަށް ކުރާ ތުހުމަތުތަކާއި ޗާގޮސް މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވި ސިޓީވެސް ހާމަކުރުމަށް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ. ސަރުކާރުން ބުނަނީ އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި ތަކެތި ކަމަށެވެ. އަދި އިންޑިއާ ސިފައިން ނުތިބޭނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ތަކުރާރުކޮށް ދަނީ ދެމުންނެވެ.













