މިމަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައި ވީނަމަވެސް އެ ޕާޓީގެ ނަން ބޭނުން ނުކޮށް އަމިއްލަ ހައިސިއްޔަތުން އާންމު މެންބަރުންނަށް ފެންނަ ބޭފުޅަކަށް ތާއީދުކޮށް ވޯޓުލުމަކީ މައްސަލައެއް ނޫން ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް އެހެން ވިދާޅުވީ ދާދި ދެންމެއަކު މީސްމީޑިއާގައި ލިޔުއްވި މެސެޖެއްގަ އެވެ.
"ޕާޓީގެނަން ބޭނުން ނުކޮށް އެމެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމުގައި އަޅުގަނޑުދެކޭތީ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކާ މި ވާހަކަ ދެންނެވީމެވެ،" އިއްޔެ ޖޭޕީގެ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން ޕާޓީގެ އާންމު މެންބަރުންގެ ހައްގަކަށް އަތުވެދާނެކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމީ ދެ ކެންޑިޑޭޓުންގެ ޓީމާ ވެސް ބައްދަލު ކުރެއްވުމަށްފަހު އެތަނުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދ ކުރުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ވާތީ ކަމަށް ގާސިމް އިއްޔެ ވިދާޅުވި އެވެ. އެ ނިންމުން ނިންމާފައި ވަނީ ޖޭޕީގެ ކައުންސިލް މެންބަރުންގެ ހިޔާލު ހޯއްދެވުމަށްފަހު ގާސިމް އިބްރާހިމް އަށް ކައުންސިލުން ދީފައިވާ ބާރުގެ ދަށުން ސީދާ އެ މަނިކުފާނެވެ.
ކޯލިޝަން ހެދުމަށް ޖޭޕީއާއެކު އެންމެ ފުރަތަމަ ބައްދަލުކުރީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ. ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު، ހުސައިން މުހައްމަދު ލަތީފު ލީޑުކުރެއްވި ޓީމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރީ މި މަހު 12 ގަ އެވެ.

ޖެހިގެން އައި ދުވަހު ރައީސް ސޯލިހު ވެސް ވަނީ ގާސިމްގެ އަރިހަށް ސަން އައިލެންޑަށް ވަޑައިގެން ބައްދަލުކުރައްވައިފަ އެވެ. އެ ރަށުގައި ރައީސް ދެ ދުވަސް ހޭދަކުރެއްވި އެވެ. ރައީސްގެ އަރިހުގައި ރަނިން މޭޓު މުހައްމަދު އަސްލަމްއާއި އެމްޑީޕީގެ ބައެއް އެހެން އިސް ބޭބޭފުޅުން ވަޑައިގަތެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ ދެކޮޅަށް ވާދަކުރަނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ. ފުރަތަަމަ ބުރުގައި މުއިއްޒުއަށް ލިބުނީ 101،581 ވޯޓެވެ. ރައީސް ސޯލިހަށް ލިބުނީ 86،164 ވޯޓެވެ. ފުރަތަމަ ބުރުގައި ގާސިމަށް ލިބުނީ 5،460 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 2.47 އެވެ.












