ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމުން ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރަން ޕީޕީއެމް/ޕީއެެންސީމް ރޭ ހދ. ފިނޭގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ގްރާންޓަކީ ކައުންސިލްތަކަށް އެންމެ އެކަށޭނަ ފަންޑެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ތެރެއިން ވެސް ކައުންސިލްތަކަށް ރަނގަޅު މިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށެވެ. އެ ކަންކަން ހަމަޖެއްސުމަށް ޓަކައި، އޭނާގެ ސަރުކާރެއްގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކައުންސިލްތައް ފުރިހަމައަށް ފަންކްޝަން ވާނެ ގޮތަށް ހަމަޖައްސާނަން، އެ ކަމަށް ހާއްސަ މިނިސްޓްރީއެއް ގާއިމުކޮށްގެން، އޭރުން ހަމައެކަނި ގްރާންޓްގެ ގޮތުގައި ކަނޑައެޅޭ ފައިސާ އެކަންޏެއް ނޫން، ސަރުކާރުގެ ތެރެއިން އިތުރު ފަންޑުގެ ފުރުސަތުތައް ލިބޭނެ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ އެ ސިޔާސަތާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި އެއީ "ލާމަރުކަޒީ ސިޔާސަތު މަރައިލުން" ކަހަަލަ ކަމެކެވެ. މަރުކަޒީ ސަރުކާރުގެ ދަށަށް ގެންދިއުމުން ކައުންސިލްތައް ބާރުވެރިވާނީ ކިހިނެތްތޯ ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީއަށް ބަދަލުނުވާ އިރު، އޮތް އެޓޯލްސް މިނިސްޓްރީ އަލުން އުފެއްދުން ކަމަށް ވެސް އެތައް ބަޔަކު ސިފަކުރި އެެވެ.

"މިއީ ހުރިހާ ކޯޓްތަކަށާއި ޝަރުއީ ހުރިހާ މުއައްސަސާތަކަށް ޖަސްޓިސް މިނިސްޓްރީއެއް އުފެއްދުން ކަހަލަ ކަމެއް،" އަލީ މުއުމިން ގެ ނަމުގައި ޓްވިޓާގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ކައުންސިލްތަކަށް މިނިސްޓްރީ އެއް ހެދުމަކީ މިހައިތަނަށް ހާސިލުކުރެވުނު ލާމަޒުކަޒީ ހުރިހާ ބާރެއް ރޫޅައިލުން ކަމަށެވެ. އެއީ ނުރައްކާތެރި ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
"އަލުން އަނެއްކާ އެޓޯލްސް މިނިސްޓްރީ ހެދުމަކީ، މިހާތަނަށް ހާސިލުކުރެވުނު ލާމަރުކަޒީ ހުރިހާ ބާރެއް ރޫޅާލުން. މިއީ ވަރަށް ނުރައްކާ ކަމެއް،" ކައުންސިލްތަކަށް މިނިސްޓްރީއެއް ހަދަން މުއިއްޒު ހުށަހެޅުއްވި ވާހަކަ ގެނެސްދިން ހަބަރެއް ކްއޯޓް ޓްވީޓްކުރައްވަމުން ވަހީދު ލިއުއްވި އެވެ.
ވިލާ ކޮލެޖްގެ ޑީން އޮފް ގްރެޖުއޭޓް ރިސާޗް އިބްރާހީމް ލަތީފު ވިދާޅުވީ ކައުންސިލްތަކަށް މިނިސްޓްރީއެއް ހެދުމަކީ ތަރައްގީއަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. އެެއީ އަލުން ވިސްނައިލަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާޑުކިއުންތައް އަމާޒުވުމުން މުއިއްޒު މިހާރު އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ސިޔާސަތު އިތުރަށް ތަފްސީލުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ހެދުމުގެ ބޭނުމަކީ ރައްޔިތުންގެ މަންދޫބުންންނަށް، ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރު މެދުވެރިކޮށް ފުރިހަމައަށް ކުރެވޭނެ ގޮތް ހެދުމެވެ.
ލޯކަލް ކައުންސިލްތަކާ ސަރުކާރާ ގުޅުވައިދޭ އިދާރާއަކަށް މިހާރު އޮންނަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ އެވެ. އެ އޮތޯރިޓީގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރައްވަނީ ހޯމް މިނިސްޓަރެވެ.













