ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރަޖިސްޓްރީ ކޮށްފައި އޮތް ތަން ނޫން އެހެން ތަނަކަށް ވޯޓުލާން އެދި ދެ ދުވަސް ތެރޭ 25،000 އެއްހާ މީހުން ފޯމު ހުށަހެޅި ނަމަވެސް އީސީއިން އެ ފޯމުތައް ވެރިފައިކުރާނެ ކަމަށާއި ސުވާލު އުފެދޭނެ ޖާގައެއް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން އީސީއިން ބުނެފި އެވެ.
އީސީއިން މިފަދައިން ބުނެފައިވަނީ، ދެ ދުވަހުގެ ތެރޭ އެހާ ގިނަ ބަޔަކު ރީ-ރަޖިސްޓާ ކުރުމުން ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ޕާޓީތަކާއި ބައިނަލްއަގުވާމީ މޮނީޓަރުން ސަމާލުކަން ދިނުމަށް އެދި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވި ފަހުންނެވެ.
އެކަމާ ގުޅިގެން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު "އަދަދު" އަށް ވިދާޅުވީ، މިހާތަނަށް ހުށަހެޅުނު ފޯމުތައް ވެރިފައިކުރަމުންދާ ކަމަށާއި އޭގެ ތެރެއިން 15،000 އެއްހާ ފޯމު އަދިވެސް ހުރީ ޕެންޑިންގަ ކަމަށެވެ. އަދި ރީ-ރެޖިސްޓަ ކުރާނީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
"އޮންލައިންކޮށް ހުށަހެޅި ގިނަ ފޯމުތައް ހުރީ ޕެންޑިންގަ، އޭގަ ރިއަލް ޓައިމް ފޮޓޯއެއްވެސް އިންނާނެ، ގޯސްކޮށް ފޯމެއް އިނިއްޔާ ރިޖެކްޓް ކުރެވޭނެ، ފިސިކަލް ފޯމުތައް ވެރިފައި ކުރުމަށް އޭގަ އިންނަ ނަމްބަރަށް ގުޅަމުން އަޅުގަނޑުމެންގެ އޮފިޝަލުން ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ، ރީ-ރަޖިސްޓަ ކުރުމަށް ވަކި އަދަދެއް ނެތުމުން އީސީއަށް ލިބޭ ހުރިހާ ފޯމެއް ވެސް ބަލައިގަނެ ވެރިފައިކުރާނެ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ވޯޓުލީ މީހުން މަދުވުމަކީ ވެސް މިހާ ގިނައިން ފޯމު ހުށަހެޅުމުގެ ސަބަބަކަށް ވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

"ފުރަތަމަ ބުރުގައި 60،000 އެއްހާ މީހުން ފުރަތަމަ ބުރުގައި ވޯޓުލާން ނުނިކުމޭ، އޭގެ ތެރޭގައި އުޅޭނެ ރާއްޖެއިން ބޭރުގަ ތިބި މީހުންވެސް، ގިނައިން ރީ-ރަޖިސްޓަ ކުރަނީ ދެވަނަ ބުރުގައި އޭގެތެރެއިން ވޯޓުލާން ބޭނުންވާ މީހުން ކަމަށްވެސް ވެދާނެ، އެއީ ވަރަށް ރަނގަޅު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު 9، ގައި ބޭއްވިއިރު އެއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ މަދު މީހުން ވޯޓުލާން ނުކުތް ރިޔާސީ އިންތިހާބެވެ. އެ ބުރުގައި ވޯޓުލީ ވޯޓުލެވޭ އާބާދީގެ 79 ޕަސެންޓު މީހުންނެވެ.
ހަބީބު އިތުރަށް ފާހަގަކުރެއްވީ ވޯޓުލާ މީހުންގެ ލިސްޓަށް އަންނަ ބަދަލުތައް ސިޔާސީ ޕާޓީތަކާ ހިއްސާކުރެވޭނެ ކަމަށާއި ޝަކުވާ ހުށަހެޅުމަށް ވެސް ހުޅުވާލެވޭނެ ކަމަށެވެ. އެ މުއްދަތުގައި ހުރިހާ ފަރާތްތަކުން ވެސް ރަޖިސްޓްރީ ވެފައިވާތަން ބެލުމަށް ހަބީބު އިލްތިމާސްކުރެއްވި އެވެ.
ދެ ވަނަ ބުރުގައި ވޯޓުލުމަށް ރީ-ރެޖިސްޓަ ވުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 10،271 މީހުން ރީ-ރެޖިސްޓަ ކޮށްދެވިފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
"ރީ-ރަޖިސްޓްރީ ކުރަން، ދެ ވަނަ ބުރުގައި ހުށަހެޅި ފޯމުތަކުން، އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1546 ފޯމު ރިޖެކްޓް ވެފައިވޭ. ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާތީ،" ހަބީބު ވިދާޅުވި އެވެ.
ސެޕްޓެމްބަރު 30، ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ރީ-ރެޖިސްޓަކުރުމުގެ މުއްދަތު ހަމަވާނީ މިއަދު 4:00 ގަ އެވެ.












