ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ ހދ. ފިނޭއަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ގްރާންޓަކީ ކައުންސިލްތަކަށް އެންމެ އެކަށޭނަ ފަންޑެއް ނޫން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުގެ ތެރެއިން ވެސް ކައުންސިލްތަކަށް ރަނގަޅު މިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށެވެ. އެ ކަންކަން ހަމަޖެއްސުމަށް ޓަކައި، އޭނާގެ ސަރުކާރެއްގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ވިދާޅުވި އެވެ.
"ކައުންސިލްތައް ފުރިހަމައަށް ފަންކްޝަން ވާނެ ގޮތަށް ހަމަޖައްސާނަން، އެ ކަމަށް ހާއްސަ މިނިސްޓްރީއެއް ގާއިމުކޮށްގެން، އޭރުން ހަމައެކަނި ގްރާންޓްގެ ގޮތުގައި ކަނޑައެޅޭ ފައިސާ އެކަންޏެއް ނޫން، ސަރުކާރުގެ ތެރެއިން އިތުރު ފަންޑުގެ ފުރުސަތުތައް ލިބޭނެ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
ފިނޭއަކީ ބިން ބޮޑު، ޓުއަރިޒަމްގެ ވިޔަފާރި ފުޅާކުރެވޭނެ ގުދުރަތީ ވަސީލަތްތައް ފުރިހަމަ ރަށެއް ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެ ރަށުގައި އެ ކަމަށް އިންވެސްޓަރުން ހޯދައި އިންވެސްޓް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރަށުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި މަގުތައް ހެދުމުގެ މަސައްކަތް ވެސް ހިނގަން ވަނީ ޓުއަރިޒަމްގެ ވިޔަފާރިއަށް ފަހިވާ ގޮތަށް އަދި ރައްޔިތުންނަށް ވެސް އެއިން ފަސޭހަކަމާއި ލުއިތައް ލިބިދޭނެ ގޮތެއް ހޯދައިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ހަމަ ހުރެފައި ތާރޭ، މަގޭ، ނިންމާކަށް ނުވާނެ، މަގުތައް ހެދުމަށް ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ހޯދަން ޖެހޭ، ޓުއަރިޒަމަށް ވެސް ފަހިވާ ގޮތަށް އަދި ރައްޔިތުންނަށް ވެސް ފަސޭހަވާނެ ގޮތަކަށް ހެދުމަށް ވިސްނާނީ،" މުއިއްޒު ވިދާޅުވި އެވެ.
ހދ. ފިނޭއަށް ފަހު މިރޭ އެ އަތޮޅުގައި އޮންނަ ނޮޅިވަރަންފަރަށް މުއިއްޒު ވަޑައިގަންނަވާނެ އެވެ.
ފުރަތަމަ ބުރުގެ ކާމިޔާބީއަށް ފަހު، މުއިއްޒު ފިނޭގައި ވެސް ވިދާޅުވީ އަދި އިތުރު ވޯޓު ހޯއްދެވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރައްވައި ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މުއިއްޒު ވަނީ 101،635 ވޯޓު ހޯއްދަވައިފަ އެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ. ދެވަނަ ބުރުގައި ދެން ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.












