ހުޅުމާލެ-މާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ސޯލާ ޕެނަލް ސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
މި އެކްސިޑެންޓު ހިނގީ ޓެކްސީއެއް ކޮންޓްރޯލު ނުވެގެން ގޮސް ސޯލާ ޕެނަލް ސްޓްރަކްޗާގައި ޖެހިގެންނެވެ. އެކްޑިޓުން ހިނގީ ހެނދުނު 8:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
މި ސޯލާޕެނަލް ސްޓްރަކްޗާއަކީ ވޯލްޑް ބޭންކުގެ އެހީގައި ހުޅުމާލެ-މާލެ ހައިވޭ ސަރަހައްދުގައި ކުރިއަށް ގެންދާ "އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ" (އެސްޕަޔާ) ގެ ދަށުން ސޯލާ ޕެނަލް ހަރުކުރުމަށް ތައްޔާރުކޮށްފައިވާ ސްޓްރަކްޗާއެކެވެ.
އެކްސިޑެންޓުގައި ލިބުނު ގެއްލުން ދެ ލައްކަ ރުފިޔާއަށް އަރާނެ ކަމަށް މިހާރު ބެލެވެ. އަދި ފަސް ސޯލާ ޕެނަލެއް ނަގަންޖެހޭނެ ކަމަށް ވެސް ބެލެވެ އެވެ.
ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު "އަދަދު"އަށް ވިދާޅުވީ، އެސްޕަޔާ މަޝްރުއޫގެ ދަށުން ހަރުކުރާ ސޯލާ ޕެނަލްތަކާއި ސްޓްރަކްޗާއަކީ ވެސް އިންޝުއަރެންސް ކުރެވިފައިވާ ތަކެތި ކަމަށެވެ.

މި ހާދިސާގައި ލިބުނު ގެއްލުން އަންދާޒާކުރުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާކުރުމަށް ފަހު ހާމަކުރާނެ ކަމަށް އިފާދު ވިދާޅުވި އެވެ.
އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
މި އެކްސިޑެންޓު ހިނގި އިރު ހައިވޭގެ ހުޅުމާލެ-މާލެ އާއި މާލެ-ހުޅުމާލެ ލޭނުގެ މެދުގައިވާ އައިލެންޑު އޭރިއާގެ ޕެނަލް ހަރުކުރުމުގެ މަސައްކަތް ވަނީ މުޅިން ނިމިފައި ކަމަށް އިފާދު ވިދާޅުވި އެވެ. އަދި މިހާރު ކުރިއަށް ދަނީ އެހެނިހެން ބައެއް މަސައްކަތްތައް ކަމަށް ވެސް ވިދާޅުވި އެވެ.
މި މަޝްރުއޫގެ ޖުމްލަ ހަރަދަކީ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ އެވެ. މި ޕެނަލްތަކުގެ އޮނިގަނޑު ޑިޒައިންކޮށްފައި ވަނީ ގަޑިއަކު 115 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހުނަސް ހިފެހެއްޓޭނެ ގޮތަށެވެ. އެއީ ރާއްޖޭގައި މޫސުން ގޯސް ދުވަސްވަރުގައި ވެސް ވައިގެ ބާރުމިން ނާރާ މިންވަރެކެވެ.












