ހުޅުމާލެއިން އަލަށް ހިއްކަން ނިންމާފައިވާ ސަރަހައްދު އެއްކޮށް ހިއްކާ ނިމޭނީ އަންނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ކަމަށް އެ މަޝްރޫއުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުގައި ބުނެފި އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމަށް ބޭނުންވާ ގެދޮރު އިމާރާތްކުރުމަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ. ސީއެމްސީން މި މަޝްރޫއުގެ ބިން ހިއްކުން ހަވާލުކޮށްފައިވަނީ ބޮސްކާލިސް އަށެވެ.
ހުޅުމާލެ ތިންވަނަ ފިޔަވައްސަކީ ދެ މަރުހަލާއަކަށް ބަހާލެވިފައިވާ މަޝްރޫއެކެވެ. ފުރަތަމަ މަރުހަލާގައި ހިމެނެނީ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކޮށް ރިވެޓްމެން ޖެހުމެވެ. ދެވަނަ މަރުހަލާގައި ކުރިއަށްދާނީ އެތަނުގައި މީހުން އާބާދުކުރަން ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލެއަށް 62.6 ހެކަޓްރު ބިން އިތުރުކުރުމަށް ހަމަޖެހިފައިވާއިރު ބިން ހިއްކާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ބިން ހިއްކުމުގެ ފަހު މަރުހަލާގައި ހުޅުމާލެ މެރީބްރައުން ހުންނަ ސަރަހައްދާ ހަމަޔަށް ފަޅުން ބައެއް ހިއްކާނެ އެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުން ތިމާވެއްޓަށް ކޮށްފާނެ އަސަރު ވަޒަންކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ އީއައިއޭ ގައި ބުނެފައިވާ ގޮތުން ފުރަތަމަ ފިޔަވަހީގައި 10 ހެކްޓަރުގެ ބިން އަދި ދެވަނަ ފިޔަވަހީގައި 53 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ބިން ހިއްކުމަށް ހަމަ ޖެހިފައިވަނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 2.1 މީޓަރު އުހަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 7.1 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ އެެވެ. އަދި އެކަމަށްޓަކައި 3،600 އަކަ މީޓަރުގެ ސަރަހައްދެއް 2.5 މީޓަރަށް ކޮންނަން ޖެހޭނެ އެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނެގުމަށް ކޮންނަން ހުށަހަޅާފައިވަނީ މާލެ އަތޮޅު އިހުރު އަދި ވައްބިންފަރު ރިސޯޓާއި ދިމާލުން ކަނޑުގެ ސަރަހައްދު ކަމަށް އީއައިއޭ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ރިޕޯޓުގައި ބުނެފައިވާގޮތުން ބިން ހިއްކުމަށް ބޭނުންކުރާނީ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާ (ޓީއެސްއެޗްޑީ) އެކެވެ. އަދި ޓީއެސްއެޗް ޑްރެޖަރުން 7.1 މިލިއަން ކޮޑިމީޓަރުގެ ވެލި ނަގަން ހޭދަވާނީ ހަތް މަސްދުވަސް ނުވަތަ އެއަށްވުރެވެސް ކުރު މުއްދަތެއް ކަމަށް ވަނީ ބުނެފަ އެވެ.
އެގޮތުން މި ސެޕްޓެމްބަރުގައި ބިން ހިއްކަން ފަށައި އަންނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އީއައިއޭގައި ލަފާކޮށްފައިވެ އެވެ. އަދި ބިންހިއްކާ ނިމުމުންގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކާއެކު އެ މަރުހަލާގެ ހުރިހާ މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ހިންގަމުންދާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. އާބަންކޯއިން ހާމަކޮށްފައިވާ ގޮތުގައި ބިން ހިއްކާ ނިންމައި ހުޅުމާލެ ފޭސް 3 ގެ މަގު ހެދުމާއި، ފާލަން ހެދުމާއި، ޖެޓީ ހެދުން ހިމެނޭހެން މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނީ ތިން އަހަރުންނެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއު ސީއެމްސީ އާ ހަވާލުކުރީ ސަފާރީ ބަނދަރު ހަދާ ދިޔަނެރު ފަޅު އަދި ތިލަފުށިން ބައެއް ހިއްކުމުގެ މަސައްކަތާ އެކު އެވެ. މި ތިން ފަޅު ހިއްކުން އެކުންފުންޏަށް ދިނީ 259 މިލިއަން ޑޮލަރު (3.98 ބިލިއަން ރުފިޔާ) އަށެވެ.
އާބަންކޯ އިން ބުނީ މި މަޝްރޫއުތަކުގެ އަގު އަދާ ކުރަން ރާވާފައިވަނީ ހުޅުމާލެ އާއި ތިލަފުށިން ދެ ބިމެއް ވިއްކައިގެން ކަމަށެވެ. އެގޮތުން ހުޅުމާލޭގެ 10 ހެކްޓަރުގެ ބިން އަދި ތިލަފުށިން 9.6 ހެކްޓަރުގެ ބިން ވިއްކާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.












