މައްސަލަ ބޮޑުވެފައިވާ ކޭޕާކް ރެސިޑެންސްގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައި އެޕާޓްމަންޓުތައް އޭގެ ހައްގުވެރިންނާ ހަވާލުކުރާނެ ކަމަށް ހަމްބޯ ކުންފުނިން ބުނެފި އެވެ.
ހަމްބޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެކުންފުންޏާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މިއަހަރުގެ ނިޔަލަށް ތަނުގެ މަސައްކަތް ނިންމައ،ި އެޕާޓްމަންޓުތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.
އަދި ކޭޕާކު މައްސަލައިގައި އެކުންފުންޏަށް ޝަކުވާ ހުށަހެޅި ފަރާތްތަކާ ބައްދަލުކޮށް އިތުރަށް ކުރިއަށްދެވޭނެ ގޮތްތަކާ މަޝްވަރާކުރުމަށްޓަކައި 12 ސެޕްޓެމްބަރު 2023 އިން ފެށިގެން ޝަކުވާ ހުށަހެޅި ފަރާތްތަކާ ވަކިވަކިން ބައްދަލުކުރަމުންދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކޭޕާކު ޕްރޮޖެކްޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. 110 ޔުނިޓުގެ މި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްގެ އެޕާޓުމެންޓުތައް ވިއްކުމުގައި ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް އޮޅުވާލާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަަލަ އެކުންފުނީގެ މެޖޯރިޓީ ހިއްސާދާރު، ޗައިނާގެ ޖިން ޝީ ހޫ ވަނީ ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ.
އޭނާ ތުހުމަތުކުރާ ގޮތުގައި މަމްދޫހު ވަނީ އެތައް ބަޔަކަށް އޮޅުވާލައި އެޕާޓްމަންޓްތައް ވިއްކާފަ އެވެ. އަދި އެތަނުގައި އެޕާޓްމަންޓް ހުރި އަދަދަށްވުރެ އިތުރަށްވެސް ވިއްކާފައިވާއިރު އެޕާޓުމަންޓުތައް ގަނެވިއްކުމުގެ އެއްބަސްވުމުގައި މަމްދޫހު ސޮއިކޮށްފައި ވަނީ، ޖިން ޝީ ހޫގެ ސޮއި ފޯޖުކޮށްގެން ކަމަށްވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލައިގައި މަމްދޫހު ހައްޔަރުކޮށް ޕާސްޕޯޓު ވެސް ހިފެހެއްޓި އެވެ. ނަމަވެސް ފަހުން ކޯޓުން ވަނީ ޝަރުތުތަކާއެކު އޭނާ ދޫކޮށްލާފަ އެވެ.
ހަންބޯ ކުންފުނިން ވަނީ އެ މައްސަލައިގައި މަމްދޫހު ދޫވެފައި ހުރުމުން އެކަމުގެ ކަންބޮޑުވުން ފާޅަުކޮށްފަ އެވެ. އަދި އޭނާގެ ތަހުގީގު އަވަސްކޮށް ދިނުމަށާއި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާކަމަށްވެސް އެކުންފުނިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ހަންބޯއިން ބުނީ މިކަމަކީ މުސްތަގުބަލުގައި މިފަދަ ކަންކަން ހުއްޓުވުމަށާއ،ި އަދުލު އިންސާފަށްޓަކައި ކުރަންޖެހޭ ކަމެއްގޮތުގައި ދެކޭ ކަމަށެވެ. އަދި ކުންފުނީގެ އިތުބާރު ދެމެހެއްޓުމަށްޓަކައ،ި މަމްދޫހު ވާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންވެސް ވަކިކޮށްފައި ކަމަށާއި އެހެންކަމުން ކޭ ޕާކު މަޝްރޫއާ ގުޅޭ އެއްވެސް މުއާމަލާތެއް އޭނާއާ ނުކުރުމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.












