އިއްޔެ ބޭއްވި ރިޔާސީ އިންތިހާބާ ގުޅުން ހުރި ބައެއް މަސައްކަތްތައް އަދިވެސް ނުނިމޭތީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވާކަމަށެވެ.
މާދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގިނަ އަދަދަކަށް އާންމުންނާއި، ސަރުކާރު މުވައްޒަފުން ބައިވެރިވާ އިންތިހާބާ ގުޅުންހުރި ބައެއް މަސައްކަތްތައް އަދިވެސް ނުނިމި ހުރުމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މާދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދިފައި ވަނީ އިލެކްޝަން ކޮމިޝަނުން ކަމަށް ވެސް އެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު 282,395 މީހުންނަށް ލިބޭއިރު ވޯޓުލީ ގާތްގަނޑަކަށް 78 އިންސައްތަ އެވެ. މިއީ 2008 ގައި ފެހި ގާނޫނު އަސާސީގެ ދަށުން މަލްޓި ޕާޓީ ޑިމޮކްރެސީގެ އަސާސްތަކާއެކު ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން ވޯޓުލީ މީހުންގެ ނިސްބަތް އެންމެ ދަށް ފަހަރެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 100،691 ވޯޓު ހޯއްދެވި އެވެ. އެއީ ވޯޓުލީ އާބާދީގެ 45.1 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 85،260 ވޯޓެވެ. އެއީ 38.2 ޕަސެންޓު ވޯޓެވެ.
އިލްޔާސްއަށް ލިބިވަޑައިގަތީ 15،528 ވޯޓެވެ. އެއީ ވޯޓުލީ އާބާދީގެ ހަތް ޕަސެންޓެވެ. އިލްޔާސް ވަޑައިގަތީ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ތިން ވަނައަށެވެ.













