ގައުމީ މަސްލަހަތު އިސްކޮށް، ސިޔާސީ ލީޑަރުންނާއި އެހެން ޕާޓީތަކުން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އޭނާއާ ގުޅުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.
އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރަން އާޓިފިޝިަލް ބީޗުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އިއްޔެގެ އިންތިހާބުގައި ރައްޔިތުން އިސްކުރީ ގައުމު ކަމަށާއި ލީޑަރުން ވެސް ތިބެންޖެހޭނީ އެގޮތަށް ކަމަށެވެ.
"އެހެން ހުރިހާ ޕާޓީތަކާއި ސިޔާސީ ލީޑަރުންނަށް ދައުވަތު އަރުވަން އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާ. އަޅުގަނޑު އިސް ކުރާނީ ގައުމިއްޔަތު. އަޅުގަނޑު މި ދިއްކުރާ އަތުގައި އަޅުގަނޑު އެދެން ގައުމިއްޔަތުގެ ދެކެ ލޯބިވާ ހުރިހަ ސިޔާސީ ވެރިން ހިފުމަށް. އަޅުގަނޑު މިދޭ ޔަގީންކަމަކީ ގައުމީ އިސް ކުރުން،" އެއްވެ ތިބި ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 100،691 ވޯޓު ހޯއްދެވި އެވެ. އެއީ ވޯޓުލީ އާބާދީގެ 45.1 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 85،260 ވޯޓެވެ. އެއީ 38.2 ޕަސެންޓު ވޯޓެވެ.
މުއިއްޒު ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި އެބަތިވި ކަމަށާއި "އަޅުގަނޑުމެން ވާންޖެހޭނީ އެކަމާ ނޫނެކޭ ބުނާ ބަޔަކަށް" ކަމަށެވެ.

މުއިއްޒު ވިދާޅުވީ އިއްޔެގެ އިންތިހާބުގައި ރައްޔިތުން ދިނީ ވަރަށް ބޮޑު މެސެޖެއް ކަމަށެވެ. އަދި ވިދާޅުވީ މިއީ ގައުމު އިސްކުރަންވީ ވަގުތު ކަމަށެވެ.
"އަޅުގަނޑުމެން މި ވަނީ މި ގައުމަށް އުއްމީދެއް ގެނެސްދީފައި. މި ގައުމުގެ މިނިވަންކަން އަޅުގަނޑުމެންނަކަށް އެހާ ފަސޭހައެއް ނޫނޭ މިދާ ގޮތަށްދާން ދޫކޮށްލާކަށް. އަޅުގަނޑުމެންގެ މުސްތަގުބަލް ނިންމާނީ އަޅުގަނޑުމެން އަމިއްލައަށޭ،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ރައްޔިތުންނަށް އިރުޝާދު ދެއްވީ ގައުމީ ފިކުރުގައި އެކަތިގަނޑަކަށްވުމަށެވެ. އަދި ވިދާޅުވީ ދިވެއްސަކަށްވީތީ އަދާކުރަންޖެހޭ ވާޖިބު ކޮންމެ މީހަކު ވެސް އަދާކުރަންޖެހޭ ކަމަށެވެ.
"ދިވެއްސަކަށް ވީތީ ދިވެއްސެއްގެ ވާޖިބު އަދާ ކުރުމުގައި ދެ ވަނަ ވިސްނުމަކަށް ނުދާނެކަން ކަށަވަރު ކުރަންވީ،" މުއިއްޒު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިިވަޑައިގެންފި ނަމަ ކަންކަން ނިންމާނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ގައުމީ ވިސްނުން އިސްކުރަން. މިގައުމުގެ ކަންކަމުގެ ތެރެއަށް އެހެން ބަޔަކު ވަދެ، ގޮތް ބުނާ ހިސާބަށް ދިޔައީމާ ނޫނެކޭ ތިމަންނަމެންނަކީ ދިވެހީންނޭ، ތިމަންމެންގެ ގޮތް ނިންމާނީ ތިމަންމެނޭ ބުނެވެންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މިރޭގެ ޖަލްސާގައި މިރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާއަކީ ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރާނެ ބޭފުޅެއް ކަމަށާއި އެއްވެސް ރައްޔިތަކަށް ލިބިފައި އޮތް އެއްޗެއް އަތުނުލައްވާނެ ކަމަށެވެ.
"ހިޔާލީ ދުނިޔެއެއްގައި އޮތް ގޯއްޗެއް ނޫން، ހިޔާލީ ދުނިޔެއެއްގައި ދިން ފްލެޓެއް ނޫން އަޅުގަނޑުމެން ދޭނީ. އެއްވެސް ރައްޔިތަކަށް ލިބިފައި އޮތް، ލިބެން މަގުފަހިވެފައިވާ އެއްވެސް އެއްޗަކުން މަގުފަހި ނުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.














