ގާތްގަނޑަކަށް 14000 މީހުން ދިރިއުޅެމުން އަންނަ ކުޅުދުއްފުށީގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ އާބާދީއަކީ، އެރަށަށް ނިސްބަތްވާ މީހުންނާއި، ރަށުން ބޭރު މީހުންނާ އެކު 6،139 މީހުންނެވެ. އެ ސިޓީގައި ނުވަ ވޯޓު ފޮއްޓެއް ބެހެއްޓި އިރު، ހުރިހާ ވޯޓު ފޮއްޓެއްގެ ވޯޓުލުން ވެސް ހެނދުނު 8:00 ގައި ފެށުނެވެ.
ހެނދުނު ވޯޓުލުން ފެށިގެން އައި އިރު ވެސް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފޮށިތަކުގެ ކިއުގައި ތިބި މީހުން މަދެވެ. ކޮންމެ ފޮށްޓެއްގެ ކައިރީގައި "އަދަދު"ގެ މޮނިޓަރުން ހަރަކާތްތެރިވަމުން ދިޔަ އިރު، ފާހަގަކުރެވުނީ ބައެއް ވަގުތުތަކުގައި ކިއުގައި މީހުން ނެތުމުގެ ސަބަބުން ވޯޓުލުން ހުއްޓިފައި އިރުތަކެއް ވަންދެން އޮތްކަމެވެ.
އެގޮތުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި ހުރި ހަ ނަންބަރު ވޯޓުފޮށީގެ ވޯޓުލުން މިއަދު އިރުތަކެއް ވަންދެއް މަޑުޖެހިފައި އޮތެވެ. އަދި އަފީފުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ކުޅުދުއްފުށީ އަށް ނަންބަރު ވޯޓު ފޮށީގެ ވޯޓުލާން މީހަކު ނެތި ވަރަށް ގިނައިރު ހޭދަވިކަން ފާހަގަވި އެވެ.
މިއަދު އެކެއް ޖެހުމާ ހަމައަށް ކުޅުދުއްފުށީ ވޯޓުފޮށިތަކަށް ވޯޓުލީ އަދަދު؛
- އެމްއެންޔޫ ކެމްޕަސް ކްލާސްރޫމް 3 - 676/767
- ޖަލާލުއްދީން ސްކޫލް ހުޅަނގު - 416/876
- ތައުލީމީ މަރުކަޒު ހުޅަނގު - 289/650
- ތައުލީމީ މަރުކަޒު އިރުމަތީ - 316/713
- ނޮދަން އޮފީސް ކޮމްޕްލެކްސް - 478/1006
- ޖަލާލުއްދީން ސްކޫލު އިރު - 105/239
- ކެމްޕަސް ކްލާސްރޫމް 4 - 170/420
- އަފީފުއްދީން ސްކޫލް ދެކުނު - 245/576
- އަފީފުއްދީން ސްކޫލް އިރުމަތި - 757/884
މިހާތަނަށް ކުޅުދުއްފުށިން 3،452 ވޯޓުލާފައިވެ އެވެ. ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު ހަވީރު 4:00އާ ހަަމައަށެވެ.

ކުޅުދުއްފުއްޓަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާ ބަލާއިރު، އާބާދީ ބޮޑު ރަށަކަށް ވެފައި އެސިޓީގައި އޮންނަ ސިޔާސީ ވާދަވެރިކަމާ ފޯރި ވެސް ބޮޑެވެ. އާންމުކޮށް ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން އަންނަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައި ދެޕާޓީ އެމްޑީޕީ އަދި ޕީޕީއެމް އެވެ. އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީގެ ބައެއް ހަރަކާތްތައް ވެސް އެ ސިޓީގައި ހިންގަ އެވެ.












