މާދަމާ ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގާނޫނީ ހަމަތަކުގެ މަތިން މިނިވަންކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އޮތް ބަދަލުހިފުމުގެ ރޫހު ނިމުމަކަށް ގެންނަވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕޭނުގައި ރާއްޖޭގެ ރައްޔިތުންނަށް މުހާތަބުކޮށް ދެއްވި އެންމެ ފަހު ހިތާބުގައި މުއިއްޒު ވިދާޅުވީ، އޭނާ ކުރައްވާނީ އިންސާފުވެރި ވެރިކަމެއް ކަމަށާއި ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ރިޔާސީ އިންތިހާބަށް ނުކުމެ ތިބީ 'ދިވެހީންގެ ރާއްޖެ' ދިވެހިންނަށް އަނބުރާ ހޯދައިދިނުމުގެ އަޒުމުގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، ގާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކޮށް، އަނިޔާވެރިކަމާ ބަދަލުހިފުމުގެ ރޫހު ނިމުމަކަށް ގެނެސް، މި ގައުމަށް ރަށްވެހިކަމާ އާރޯކަމުގެ އާ ޒަމާނެއް އަޅުގަނޑުމެން ގެނަސްދޭނަން. ކޮންމެ ދިވެހިރައްޔިތަކަށް ހިޔާވަހިކަމާއި އާމުދަނީގެ މަގުތަކާ ވަޒީފާގެ ފުރުސަތު ކަށަވަރުކޮށްދޭނަން"
މުއިއްޒު އިތުރަށް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ މިނިވަން ރާއްޖެއެއް ލިބިއްޖެކަމުގެ އިހުސާސް ދިވެހީންގެ ހިތްތަކަށް އަނެއްކާވެސް ވައްދައިދޭނެ ކަމަށެވެ.
ޕީއެންސީގެ ވެރިކަމެއްގައި ޔާމީން މިނިވަން ނުކުރާނެ ކަމަށް މިހާރު ސަރުކާރުގައި ތިބި ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެގޮތުން ސެޕްޓެމްބަރު އެއްވަނަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ "ޕީޕީއެމްގެ ލޮބުވެތި ރައްޔިތުން. މުއިއްޒު ވެރިކަމަށް ހޮވިއްޖިއްޔާ ޔާމީނު އޮންނާނީ ޖަލުގަ. އަޅުގަނޑަށް އެނގޭ" މިފަދައިން ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގަ އެވެ. އޭރު ޔާމީނު ހުންނެވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގަ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް އަދި މައްސަލާގައި ވަކި ގޮތެއް ނުނިންމެ އެވެ.
އެ ޖަލު ހުކުމާއެކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަނިވި އެވެ. ހުކުމް އޮތް ނަމަވެސް ޕީޕީއެމުން ޔާމީނުގެ ކެންޑިޑެސީ އީސީއަށް ހުށަހަޅާ، އީސީއިން ކެންޑިޑެސީ ބަލައިނުގަތުމުން ޔާމީނު ވަނީ އިންތިހާބީ ހައްގު ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށް ވެސް ގޮސްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ވެސް އިއްތިފާގުވީ ޔާމީނަށް މި އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.
މި އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ވެސް ޕީޕީއެމް ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ހަމަނުޖެހުން ވެސް ހިންގާފައިވެ އެވެ. ޔާމީނަށް ވަފާތެރި ސަޕޯޓަރުން އޭރު ވެސް ތުހުމަތު ކުރީ ޑރ. މުއިއްޒުއަކީ އަމިއްލަ އެޖެންޑާއެއްގެ ދަށުން ވެރިކަން ހޯއްދަވަން އުޅުއްވާ ބޭފުޅުއް ކަމަށެވެ.













