ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކަކަށް ގޯނާކުރި މައްސަލާގައި ޝާމިލުވާ ހަތް މީހުންނަށް އެންވާރްމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ)އިން ކުރި ޖޫރިމަނާގެ އަދަދު 33،000ރ އަށް ކުޑަކޮށްފި އެވެ.
ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކި މައްސަލަ އީޕީއޭގެ ސަމާލުކަމަށް ފުރަތަމަ އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.
އެ މައްސަލައާ ގުޅިގެން އީޕީއޭއިން އޭރު ބުނިގޮތުގައި އެކަން ކުރީ އެއަތޮޅު ކެންދޫގެ ހަތް ފިރިހެނުންގެ ގްރޫޕަކުންނެވެ. އީޕީއޭއިން ބުނީ އެ ގްރޫޕުން ހަ ވެލާ ފަޅާލި ކަމަށާއި އެ މީހުން އަތުލައިގަތީ ވެލާ ކަތިލައި، އޭގެ މަސް ކައްކާ, ފުޅާ ދާއިރާއެއްގައި ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
މި މައްސަލާގައި ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު ދޫކޮށްލީ އެވެ. އަދި ފުލުހުންގެ ތަހުގީގަށާއި އީޕީއޭގެ ތަހުގީގަށް ހޯދުނު ހޯދުންތަކުގެ މައްޗަށް ބިނާކޮށް، މިދިޔަ ޖޫން މަހު އީޕީއޭ އިން ވަނީ ވެލާ ފެޅުމުގައި ބައިވެރިވި ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ ދައްކަން 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ނަމަވެސް އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެ ޖޫރިމަނާ ފައިސާ ދައްކާފައެއް ނުވެ އެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި ކުރި ޖޫރިމަނާ އަލުން މުރާޖައާކުރުމާ ގުޅޭގޮތުން އެންވާރަމަންޓް މިނިސްޓްރީން އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް އެދުމުން، ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ އެއްޗަކަށް ގޯނާކޮށްފި ނަމަ ޖޫރިމަނާ ކުރެވޭނީ 30،000 އާއި 50،000ރ އާ ދެމެދު ކަމަށް އޭޖީން އިއްޔެ ލަފާދީފައިވާ ކަމަށެވެ.
އެހެންވެ ވެލާ ފެޅި ހަތް މީހުންނަށް ކުރި ޖޫރިމަނާގެ އަދަދު މީހަކަށް 33،000ރ އަށް ކުޑަކޮށް މިދިޔަ ބުދަ ދުވަހުން ފެށިގެން 30 ދުވަސްތެރޭ ދައްކަންޖެހޭ ގޮތައް ބަދަލުކޮށް އެފަރާތްތަކަށް އަންގާފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
ވެލާ ކަހަނބުގެ ދިރުންްތައް މުޅި ދުނިޔެއިން ވެސް ނެތިގެން ހިނގައިދާނެ ކަމުގެ ބިރާ އެކު އެތަކެއްޗަށް ގެއްލުން ދިނުމާއި، އެތަކެތީގެ މަސްކެއުމުގެ ބޭނުމުގައި މަރަމުން ދިއުމަަކީ މަނާ ކަމެކެވެ. 2016 ވަނަ އަހަރުން ފެށިގެން ވެލާ ކަހަނބު ވަނީ ފުރިހަމައަށް ހިމާޔަތްކޮށްފަ އެވެ.
ވެލާ ބިސް ވިއްކުން މަނާކޮށްފައި ވަނީ 1996 ވަނަ އަހަރު އެވެ. 2006 ވަނަ އަހަރު ވެލާ ކަހަނބު އަރާ 14 ރަށަކުން ބިސްނެގުން މަނާކުރި އެވެ.













