ވިލާ ގްރޫޕުން ހިންގާ ގދ. ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށް ޓަކައި އެ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ފަށަން ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިިމް އިބްރާހީމް މިރޭ ވައުދުވެޑައިގެންފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ޖޭޕީން ތިނަދޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ބޮޑުކުރުމަށް ޓަކައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެ އާޕޯޓްގެ ފެންވަރު މަތިކުރުމުގެ މަސައްކަތް މިހައިތަނަށް ނުކުރެެވި އޮތީ އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން އެ އެއާޕޯޓް އަތުލުމުންނެވެ.
ކާޑެއްދޫ ހިންގަން ސަރުކާރުން ވިލާއާ ހަވާލުކުރީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެކަމަށް ހެދި އެއްބަސްވުން ބާތިލުކޮށް އެއާޕޯޓް އަލުން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އެ އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ނޫން ކަމަށް ނިންމައި ވިލާއާ އަލުން ހަވާލުކުރަން ސުޕްރީމްކޯޓުން ހުކުމް ކުރީ މިދިޔަ އަހަރު އެވެ.
ސަރުކާރުން އެއާޕޯޓް އަލުން ވިލާއާ ހަވާލުކުރީ މިއަހަރު ކުރީކޮޅުގަ އެވެ.
ތިނަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ތިނަދޫ ފަޅު ތެރޭގައި އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫއެއް ހިންގަން ސަރުކާރުން ރާވާފައިވާ ކަމަށާއި އެ މަޝްރޫއާ އެކު ކާޑެއްދޫ އިންޓަނޭޝަނަލް ވާން ޖެހޭނެ ކަމަށެވެ.

ގާސިމް މިރޭ ވިދާޅުވީ އެކަން ލަސްވީ ސަރުކާރުން ކާޑެއްދޫ އަތުލުމުން ކަމަށާއި އަލުން ހަވާލުކުރިތާ އަހަރެއްހާ ދުވަސް ވީއިރު އެ މަސައްކަލް ނުކުރެވި މިހައިތަނަށް އައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި މާލީ މައްސަލަތަކާ ހެދި ކަމަށެވެ.
"އެންމެ ލަސްވެގެން ތިން މަސް ދުވަހުގެ ތެރޭގައި ނުވަތަ ދެ މަސްދުވަހުގެ ތެރޭގައި ، 2800 މީޓަރުގެ ދިގުމިނުގެ ރަންވޭއެއް، އެއީ ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރުގެ ރަންވޭއެއް އެޅުމަށް ޓަކައި ބޭނުންވާ ފަޅު ހިއްކުމުގެ މަަސައްކަތް މާތް ﷲ ގެ ވާގިފުޅާ އެކީގައި އަޅުގަނޑު ފަށްޓާނަން،" ގާސިމް ވިދާޅުވި އެވެ.
ހޯޑެއްދޫގައި މަސް ފެކްޓްރީއެއް އަޅަން ހަވާލުކޮށް ދިގުލައިގެން ގޮސްފައިވާ މަޝްރޫއު ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ގާސިމް މިރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންތިހާބު ކާމިޔާބު ނުވިޔަސް އެ މަސައްކަތޔް ކުރިއަށް ގެންދާނެ ކަމަށެވެ.












