ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ މިލްކިއްޔާތުގައި ހުރި މ. ދިމްޔާތު ގެ ހެދުމަށް އާރުސީސީ އަށް ފުރަތަމަ ޕޭމަންޓުގެ ގޮތުގައި ދައްކާފައިވާ 13 މިލިއަން ރުފިޔާގެ ތެރެއިން ނަގުދުން ދެއްކި 11 މިލިއަން ރުފިޔާއަކީ 2002 އިން ފެށިގެން އޭނާ އެއްކުރަމުން ދިޔަ ފައިސާ ކަމަށް މުއިއްޒުގެ ކެމްޕޭން މެނޭޖަރު މުހައްމަދު ތޮލާލު ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހުގެ ނޫސްވެރިން ހޯދައި, ބެލި ލިޔުންތަކުން ފެންނަން ހުރި ގޮތުގައި އެ ފައިސާ ދައްކާފައިވަނީ އާރުސީސީގެ އިންވޮއިސް ނަންބަރު (1354/2017/R) އަށެވެ. އެގާރަ މިލިއަން ރުފިޔާއަކީ 500 ގެ ނޫޓުން ބަލާނަމަ 22،000 ނޫޓެވެ. ފަސް ސަތޭކަ ނޫޓުގެ، 100 ނޫޓުގެ ބޮނޑިން ގުނާނަމަ 220 ބޮނޑި އެވެ.
މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ތޮލާލު ވިދާޅުވީ، އެ ފައިސާ އަކީ ދިމްޔާތު އިމާރާތް ހަދަން ފެއްޓިއިރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި މުއިއްޒު އަށް އާއިލީ ގޮތުން ވާރުތަވި ފައިސާއާއި، 2002 އިން ފެށިގެން ކުރެއްވި އަމިއްލަ މަސައްކަތުން ލިބި، ބޭންކަން ޖަމާނުކޮށް ހުރި ނަގުދު ފައިސާ ކަމަށެވެ. ތޮލާލް ވިދާޅުވީ މުއިއްޒުއަކީ ވަރަށް ކުރިއްސުރެ ސިވިލް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ގެންދެވި ބޭފުޅަކަށްވާތީ އެމަސައްކަތުން ފައިސާ ލިބިވަޑައިގަންނަވާ ކަމަށެވެ.
"ގާނޫނާ ހިލާފަށް ހޯއްދަވާފައި ހުރި އެއްވެސް ފައިސާއެއް ނުހުންނާނެ، ޑރ. މުއިއްޒު އަށް އާއިލީ ގޮތުން ލިބިފަ ހުރި ފައިސާގެ ތެރެއިން ބޭންކަން ޖަމާނުކޮށް ހުރި ފައިސާ އަދި އެނގިވަޑައިގަންނަވާނެ ޑރ. މުއިއްޒަކީ 2002 އިން ފެށިގެން އަމިއްލަ މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެއް، އެކަމުން ލިބި ޖަމާނުކޮށް ހުރި ފައިސާ އެއީ [އާރުސީސީއަށް ދެއްކި 11 މިލިއަން ރުފިޔާ] އަކީ" ތޮލާލު ފޯނުން ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.
ދިމްޔާތު އިމާރާތް ކުރި، ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން ލޯނު ނަގާފައި ވާއިރު، އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި މުއިއްޒެއް ނެތެވެ. އެ ކުންފުނިން 39 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައި ވާއިރު، ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރަކީ މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ. ދެ ވަނަ ހިއްސާދަރަކީ މުއިއްޒުގެ އެކުވެރިޔާ، އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ފަޔާޒު (މޫސާ ޒަމީރުގެ ކޮއްކޮ) އެވެ.

ރާއްޖޭގައި ހިންގާ ބޭންކަކުން ނެގި މި ލޯނަށް އިކުއިޓީގެ ގޮތުގައި ދެއްކި އަށް މިލިއަން ރުފިޔާވެސް މުއިއްޒު ދެއްކެވީ ނަގުދު ފައިސާއިންކަން އެކަން އެނގޭ މީހަކު މި ނޫހަށް ކަށަވަރުކޮށް ދިނެވެ. ބެލެވޭ ގޮތުގައި މި ފައިސާ އަކީވެސް މުއިއްޒު 2002 އިން ފެށިގެން އެއްކުރަމުންދިޔަ ފައިސާ އެވެ. އެއީ އެކު ޖުމްލަ 19 މިލިއަން ރުފިޔާ އެވެ. އެހެންކަމުން 2002 ވަނަ އަހަރުން ފެށިގެން އަހަރެއްގެ މައްޗަށް 1.2 މިލިއަން ރުފިޔާ މުއިއްޒު ވަނީ ރައްކާކުރައްވާފަ އެވެ.
ދިމްޔާތު ގޯތީގައި އަޅާފައިވާ 12 ބުރީގެ އިމާރާތް މިހާރު ހުރީ ދިމްޔާތު ޕްރައިވެޓް ލިމިޓެޑަށް 20 އަހަރަށް ކުއްޔަށް ދީފަ އެވެ.
"ކުލީގެ" ގޮތުގައި ބޭރުގެ ކޮމްޕެނީ ތަކުން ޖަމާކުރި ޑޮލަރު
ދިމްޔާތު އެޅުމަށް މުއިއްޒު 11 މިލިއަން ދެއްކީ 2017 ގަ އެވެ. އެ އަހަރުގެ ތެރޭގައި ވިންރަން އިންޓަނޭޝަނަލް ކިޔާ ބޭރުގެ ކުންފުންޏަކުން ތިން ފަަހަރެއްގެ މަތިން ޖުމުލަ 24,348.77 ޑޮލަރު (375,458.033ރ.) މުއިއްޒުގެ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.
އެއަށްފަހު 2018 ގެ ތެރޭގައި ސިނަމާލެ ބްރިޖާއި ގުޅިގެން ގާއިމުކުރި ހައިވޭ ތަރައްގީކުރި ހުނާން ކޮންސްޓްރަކްޝަން ކުންފުނިން ހަތަރު ފަހަރެއްގެ މަތިން މުއިއްޒުގެ އެކައުންޓަށް އެ ކުންފުނިން ޖުމުލަ 70,499 ޑޮލަރު (1,087,094.58ރ.) ޖަމާކޮށްފައިވެ އެވެ.
މުއިއްޒުގެ އެކައުންޓަށް ޑޮލަރު ވަނުމުގެ ކުރިން އޮކްޓޯބަރު 15, 2017 ގައި ދައުލަތުގެ ބަޖެޓުން ފިނޭންސް މިނިސްޓްރީން ވަނީ ހުނާން ކޮންސްޓްރަކްޝަނަށް 105,950 ޑޮލަރު (1,633,749 ރުފިޔާ) ޖަމާކޮށްފަ އެވެ.
މި މުއާމަލާތްތަކާ ގުޅޭގޮތުން "އަދަދު" އިން ސުވާލުކުރުމުން ބުނެފައިވަނީ އެއީ މުއިއްޒުގެ އަމިއްލަ ރޯހައުސްއެއް އެ ކުންފުނިތަކަށް ކުއްޔަށް ދިނުމުން ދައްކާފައިވާ ފައިސާ ކަމަށެވެ.
"ޑރ. މުއިއްޒުގެ އެކައުންޓަށް ކޮންމެ މަހަކު ޖަމާވި ޑޮލަރަކީ އެމަނިކުފާނުގެ ރޯހައުސް އިން ކުއްޔަށް ދޫކޮށްފައިވާ ދެ އެޕާޓްމެންޓު ކުލީގެ ގޮތުގައި އެފަރާތްތަކުން ދައްކަމުން ގެންދާ ފައިސާ," ތޮލާލް ވިދާޅުވެފައިވެ އެވެ.
ނަމަވެސް މި ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ އަމިއްލަ އެކައުންޓަށް ގަވާއިދާ ހިލާފަށް އެއްވެސް ފައިސާއެއް ޖަމާވެފައި ނޯންނާނެ ކަމަށެވެ. އަދި ރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ "އަޅުގަނޑު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނޯންނާނެ" ކަމަށާއި ފޮރުވާނެ އެއްވެސް ކަމެއް ވެސް ނެތް ކަމަށެވެ.












