ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ ވެރިކަމުގެ ފުރަތަމަ ދުވަހު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ދަންނަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"އަދަަދު"ގެ "އެތެރެފުށް" ޕްރޮގްރާމުގައި، ކިހާ އަވަހަކަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރާނަންތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގެ ފުރަތަމަ ދުވަހު ވެސް އެގައުމުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ވާހަކަ އެ ގައުމުގެ ސަރުކާރާ ދައްކަވާނެ ކަމަށެވެ.
"ފުރަތަމަ ދުވަހު ވެސް އަޅުގަނޑު ބޭނުން ހަމަ އިންޑިއާއާއެކީގައި ވާހަކަ ދައްކަން އެ މީހުން ސިފައިންނަކަށް މިތާގަ ނުތިބެވޭނެއޭ އެ ވާހަކަ ބުނަން. ފުރަތަމަ ދުވަހު ވެސް އަޅުގަނޑު އެ ވާހަކަ ބުނާނަން،" މުއިއްޒު ވިދާޅުވި އެވެ.
"ތިބޭފުޅުންނަކީ އަޅުގަނޑުމެންގެ އެންމެ ގާތް އެންމެ އަވަށްޓެރި ގައުމޭ. އަބަދުވެސް އޮންނާނީ އަވަށްޓެރި ގައުމުގެ ގޮތުގައޭ. އެހެންވީމަ ހިނގާށޭ ދެ ފަރާތް އެކުގައި އުޅެވޭނެ ގޮތެއް ހޯދަން. މިތާގަ ނުތިބެވޭނެއޭ އިންޑިއާ ސިފައިންނަކަށް ހެލިކަޕްޓަރެއް ނޫން އެހެން އެއްޗެއް ދުއްވާކަށް ވެސް،"
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުއިއްޒު އެމަނިކުފާނުގެ ކެބިނެޓުގައި ހުންނެވި އިރު، އިންޑިއާ ސަރުކާރާއެކު އެއްބަސްވުންތައް ހެދި އިރު ކަންބޮޑުވުން ފާޅުނުނުރައްވައި ފަހުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަނީ ކީއްވެތޯ ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ، އިންޑިއާ ސިފައިން ނުގޮސްގެން އޭރު ވެސް އެ ވާހަކަ ދެކެވުނު ކަމަށެވެ.

"އެ މީހުން [އިންޑިއާ ސިފައިން] އެތާ ތިބެގެން ނުގޮސްގެން އެ ވާހަކަ ދެކެވިފައި އޮންނާނީ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގައި ބޭއްވި އިންޑިއާ އައުޓް މުޒާހަރާއެއްގެ ތެރެއިން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ސަޕޯޓަރަކު ހައްޔަރުކުރަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އޭނާ ވިދާޅުވި ގޮތުގައި، މައްސަލައަކީ އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމެވެ. އިންޑިއާގެ "ސިވިލިއަނުން" ނުވަތަ އާންމު ރައްޔިތުން ޕްރޮޖެކްޓުތަކަށް އައިސް އުޅުމުގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުގައި އިންޑިއާގެ ކުންފުނިތަކާ މުހިންމު ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބްރިޖުގެ މަޝްރޫއާއި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު އަދި އެހެނިހެން ކުދި މަޝްރޫއުތައް ވެސް ހިމެނެ އެވެ.
އެފަދަ މަޝްރޫއުތަކުގެ އެއްބަސްވުންތައް މުއިއްޒު ސަރުކާރެއްގައި ބާތިލުުކުރައްވާނަންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެކަމަށް ވަކި ޖަވާބެއް ދޭން ދަތި ކަމަށާއި ކޮންމެ އެއްބަސްވުމެއް ވެސް ވަކިވަކިން ބަލަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑަށް ޔެސް، ނޯ، ތީގައި ހަމަ ދަންނަވާކަށް ނޭނގޭނެ އެއްބަސްވުންތައް ނުބަލައެއް. ކޮންމެ އެއްބަސްވުމެއް ބަލާނަން،" މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ދެއްކެވިޔަސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، އޭނާގެ ވެރިކަމެއްގައި ވަކި ގައުމަކާ ދުޝްމަންވުމުގެ ސިޔާސަތެއް ނޯންނާނެ ކަމަށެވެ. އަދި ވަކި ގައުމަކާ އާދައާ ހިލާފު އިސްކަމެއް ވެސް ނުދެއްވާނެ ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު އިދިިކޮޅުގެ ހަރަކާތްތައް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތެވެ. އެހެންނަމަވެސް، އިދިކޮޅުގައި އޮވެ، އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތް ހިންގަން ފެށުމުން ސިޔާސީ ގޮތުން ޕީޕީއެމް/ޕީއެންސީ އަލުން ހަރަކާތްތެރިކޮށް ފެނިގެންދިޔަ އެވެ.

މާލޭގައި ބޭއްވި އިންޑިއާ އައުޓް މުޒާހަރާއެއްގައި މުއިއްޒު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން މާލެއާއި ބައެއް ރަށްރަށުގައި މުޒާހަރާތައް ވެސް ކުރި އެވެ. އަދި މާލޭގެ ބައެއް އިމާރާތްތަކުގައި "އިންޑިއާ އައުޓް" ޖަހާފައި ހުރި ބޮޑެތި ބެނާތަކެއް ވެސް ދެމި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ވެސް ހިމެނެ އެވެ.
އެކަމަކު، އެކަން ހުއްޓުވަން ދައުލަތުގެ އިދާރާތަކަށް އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ނެރުއްވި ރިޔާސީ ގަރާރަކުން އިންޑިއާ އައުޓް ބެނާތައް ދެމުން މަނާ ކުރި އެވެ. ރައީސްގެ ގަރާރުގައި ވަނީ "އިންޑިއާ އައުޓް" އެ ހަރަކާތަކީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގާ ކެމްޕޭނެއް ކަމަށެވެ. އަދި އެއީ ގައުމީ ސަލަމަތާ ގުޅުންހުރި ނުރައްކާތެރި ކަމެއް ކަމަށާއި ވަކި ގައުމަކާ ދެކޮޅަށް ހިންގޭ އެފަދަ ނަފުރަތު އުފެއްދުމުގެ ހަރަކާތްތައް ކަމާބެހޭ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ކަމަށް ވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޑިފެންސް މިނިސްޓްރީގައި އެދުމުން ވެސް އެ މިނިސްޓްރީން އެ މައުލޫމާތު ހާމަކޮށްފައި ނުވެ އެވެ. މިނިސްޓްރީން ބުނެފައި ވަނީ އެ މައުލޫމާތު ހާމަކޮށްފި ނަމަ ދެ ގައުމުގެ ހާރިޖީ ގުޅުމަށް އަސަރުކޮށްފާނެ ކަމަށާއި އެކަން ހާމަ ނުކުރަނީ ގައުމީ ސަލާމަތް ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ.












