ވެމްކޯގެ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދީ، މުސާރަ އަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފު ސިރާޖު ރޭ ވިދާޅުވެއްޖެ އެވެ.
މާލޭ ވޭސްޓު ޓްރާންސްފަ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ސިރާޖު ވިދާޅުވީ ކަރަންޓު ބިލްގައި ކުނި ބިލް ހިމެނުމުން ލިބޭ އާމްދަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. އަދި އަލަށް ގާއިމު ކުރެވުނު ވޭސްޓު ޓްރާންސްފާ ސްޓޭޝަންގެ ސަބަބުން ވެސް ކުންފުނީގެ އާމްދަނީ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ބިލް އެއްކޮށްލުމުގެ ހެޔޮ ނަތީޖާ ވަނީ އާމްދަނީއަށް ކޮށްފައި، އެކަމާ ގުޅިގެން ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން. އަދި މުވައްޒަފުންގެ ކުރިއެރުމާއި މުވައްޒަފުންގެ އުޖޫރައަށް ހެޔޮ ބަދަލެއް ގެނައުމަށް ވަނީ މަޝްވަރާ ކުރެވިފައި،" ސިރާޖު ވިދާޅުވި އެވެ.
ވެމްކޯގައި ގާތްގަނޑަކަށް 2000 މުވައްޒަފުން އުޅެ އެވެ.

ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ކުރިއަށް ދާނެ ގޮތް ދައްކާލަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެ މުވައްޒަފުންގެ ވަޒީފާގެ މާހައުލުގެ ގޮތުން ހާއްސަ ހެލްތު އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކުރަން ކުންފުނީގެ ބޯޑުގައި ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.
އަލަށް ގާއިމު ކުރެވުނު ވޭސްޓު ޓްރާންސްފާ ސްޓޭޝަނުގެ ސަބަބުން މިހާތަނަށް ކުރަމުން ދިޔަ މަސައްކަތަށް އަންނަ ޒަމާނީ ބަދަލާއެކު މުވައްޒަފުންނަށް ވެސް ފަސޭހަތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެެވެ.
އެ ސްޓޭޝަނުގައި ކުނި ވަކިކޮށް އަޅަމުންދާނީ ކޮންޓޭނަރުތަކަކަށެވެ. ކުރިން ބާޖުގައި ކުނި ލޮރީ އަރުވައިގެން ތިލަފުއްޓަށް އުފުލި ނަަމަވެސް، މި ސްޓޭޝަނާއެކު ބާޖަށް އަރުވާނީ ކުނި ކޮންޓޭނަރެވެ.
މި ސަރުކާރުން ކުނި މެނޭޖުކުރަން ކުރި މަސައްކަތުން ތިލަފުށްޓަށް ވަނީ އިންގިލާބީ ބަދަލެއް ގެނެސްފަ އެވެ. މިހާރު އެތަނުގައި ކުނި ނޭންދުމުގެ ސަބަބުން ވިހަ ދުން އެރުން ވަނީ ހުއްޓިފަ އެވެ.













