ގއ. އަތޮޅު ވެރިކަންކުރާ ރަށް ވިލިނގިލި ކައިރީ އޮންނަ ކޫއްޑޫ އެއާޕޯޓު ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް، ވިލިނގިލީ ފަޅު ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަން ހުވަދު އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި މުއިއްޒު ގެންދަވަނީ އެ އަތޮޅަށް ބޮޑެތި ވައުދުތަކެއް ވަމުންނެވެ. މުއިއްޒުގެ މެނިފެސްޓޯގައި ވެސް އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީއާއި، ހުވަދު އަތޮޅު ހިމެނޭހެން ގްރޭޓާ އާބަން ޒޯނެއްގެ ގޮތުގައި އެ ސަރަހައްދު ތަރައްގީ ކުރުމަށް ހިމަނާފައިވެ އެވެ.
ވިލިނގިލީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ އެ މަސައްކަތް ހިންގުމަށް ޓަކައި، އެންމެ މުހިންމު އެއް ކަމަކީ ހުވަދު އަތޮޅު ދެ ބުރީގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުން މުހިންމު ކަމަށެވެ.
ގދ. އަތޮޅު ވެރިކަންކުރާ ރަށް ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ތިނަދޫ ކައިރީ އޮންނަ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ ވައުދުވެވަޑައިގަތް ކަން ފާހަގަ ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ ގއ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓް ގާއިމުކުރާނީ ވިލިނގިލީ ފަޅު ހިއްކައިގެން ކަމަށެވެ.
"ގއ. އަތޮޅުގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް، ވިލިނގިލި ކައިރީ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށް ކޫއްޑޫ އެއާޕޯޓަކީ ޓްރެއިނިިން އެއާޕޯޓެއް ގޮތުގައި ބޭއްވުން،" ޖަލްސާގައި ބައިވެރިވި ގިނަ މީހުން ފޯރިދެމުން ދިޔަ ދަނޑިވަޅު މުއިއްޒު ވިދާޅުވި އެވެ.

ކޫއްޑޫގެ މަސް ފެކްޓަރީގެ ކެޕޭސިޓީ ބޮޑުކުރުމުން، އަދި ކޫއްޑޫގައި އޮންނަ ރިސޯޓު ބޭނުންކޮށްގެން އެ އެއާޕޯޓްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް ހިފޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ކޫއްޑޫގެ އެއާޕޯޓް ބޭކާރުވެގެނެއް ނުދާނެ،" ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެ އަހަރުގެ ސަރުކާރާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަސް އަހަރުގެ ދައުރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެއާޕޯޓް އަޅަން ބިިން ހިއްކާއިރު ބިން ހިއްކާނީ ވިލިނގިލީގައި އިތުރު ގެދޮރާއި ވަސީލަތްތައް ގާއިމްކުރެވޭ ވަރަށް ބިމުގެ ޖާގަ ލިބޭ ވަރަށް ކަމަށެވެ.
"ބިން ހިއްކާއިރު މި ރަށާ ގުޅިފައި ބިން ހިއްކަން ޖެހޭ، އޭގެ ބޭނުމަކީ މި ރަށް އިތުރަށް އާބާދުކުރަން މި ރަށަށް މީހުން ހިޖުރަކުރަން އެޓްރެކްޓް ކުރަން، އަމިއްލަ އިހުތިޔާރުގައި ވިލިނގިއްޔަށް ހިޖުރަކުރަން ބޭނުންވާ މީހުނަށް ފުރުސަތު ހޯދައިދޭން،" މިހާރު މާލޭގެ މޭޔަރަކަށް ހުންނެވި މުއިއްޒު ވިދާޅުވި އެވެ.
ވިލިނގިލީގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަސްއެއް ގާއިމުކޮށް، އެ ކެމްޕަސްގައި ކިޔެވުމަށް އެ ރަށަށް އަންނަ ދަރިވަރުން އުޅޭނެ ދަނާލެއް ގާއިމުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ރަށުގައި ކުޅިވަރު ކުޅޭނެ އެތައް ބިނާއެއް ގާއިމުކޮށްދެއްވުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގަތެވެ.
ހުވަދު އަތޮޅަކީ ފަޅު ރަށްރަށުގެ ގުދުރަތީ ވަސީލަތްތައް ގިނަ އަތޮޅަކަށް ވެފައި، މަސްވެރިން ގިނަ އަތޮޅަކަށް ވާތީ ގއ. އަތޮޅާއި ގދ. އަތޮޅުގައި ވެސް ޑިކޮމްޕެރެންޝަން ޗެމްބަރެއް ގާއިމުކުރާނެ ކަމަށެވެ. އެ ތަންތަނަކީ ފީނާއިރު ޑީކޯވުމުން ފަރުވާދޭ ތަންތަނެވެ.
"ރަށުގެ ތަރައްގީއަށް ޓަކައި ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި، މި ފަސް އަހަރު މި ދަނީ މި ކަންކަން ހާސިލްނުވެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ކުރިން ވެސް ވަނީ އިންޓެގްރޭޓެޑް ޓުއަރިޒަމް ޒޯންތަކެއް ހުވަދު އަތޮޅުގައި ގާއިމުކޮށްދޭން ވައުދުވެވަޑައިގެންފަ އެވެ. އެ ވައުދު މިރޭ ވެސް ތަކުރާރުކުރައްވައި މުއިއްޒު ވިދާޅުވީ އެ ޒޯންތަކާއި ލޯކަލް ޓުއަރިޒަމް ވެސް ހިމެނޭހެން 10،000 އެނދު ގާއިމުކުރެވޭނެ ކަމަށެވެ.












