ރާއްޖޭގެ ބޭންކުތަކުން ރިޓެއިލް ކަސްޓަމަރުންނަށް ކަނޑައަޅާފައި އޮންނަ ޑޮލރު ލިމިޓު ބޮޑުކުރަމުން ގޮސް އެއްކޮށް ނައްތާލާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ޕީޕީއެމް/ޕީއެންސީން ގދ. ގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑަށް ޓޫރިޒަމްގެ ވިޔަފާރި އޮތްއިރު އެ އިންޑަސްޓްރީގައި ގިނައީ ބޭރުގެ އިންވެސްޓަރުން ކަމަށެވެ.
ނަމަވެސް އެ އިންވެސްޓަރުންނަށް ރާއްޖޭން ލިބޭ ޑޮލަރު ރާއްޖޭގައި އެކަށީގެންވާ މިންވަރަށް ނުބަހައްޓާ ކަމަށާއި އެކަން ބަދަލުކޮށް އިންވެސްޓަރުންގެ ފައިސާ ރާއްޖޭން ބޭރުކުރުމުގެ ކުރިން ވަކި ވަރަކަށް ދައުރުކުރަންޖެހޭ ގޮތައް ގާނޫނުތަކާއި ގަވާއިދުތައް އިސްލާހު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންގެ މާލީ ނިޒާމައް ލުޔެއް އަންނަން އޮތީ. ޑޮލަރުގެ އަގު ތިރިކުރެވެން އޮތީ" މުއިއްޒު ވިދާޅުވި އެެވެ.
މުއިއްޒު ވިދާޅުވީ އެގޮތައް ގާނޫނު އިސްލާހުކުރުމުގެ އަމާޒަކީ ރާއްޖޭގެ ބޭންކުތަކުން ކަސްޓަމަރުންގެ ކާޑުތަކަށް ކަނޑައަޅާފައި އޮންނަ ޑޮލަރުގެ ލިމިޓު ނައްތާލުން ކަމަށާއި މަރުހަލާތަކަކަށް ބަހާލައިގެން ޑޮލަރު ލިމިޓު ބޮޑުކުރަމުން ގޮސް އެއްކޮށް ނައްތާލާނެ ކަމަށެވެ.

"ފުރަތަމަ ތިން މަސްތެރޭ މިހާރުގެ ލިމިޓު ދެގުނަ ބޮޑުކުރާނަން. އެހެން ދަމުން ދަމުން ގޮސް ލިމިޓު އުވާލާނަން" މުއިއްޒު ވިދާޅުވި އެވެ.
ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވަނީ އުމުރުން 55 އަހަރާއި 65 އަހަރު ދެމެދު އަމިއްލަ އަށް ރިޓަޔާކުރާ މީހުންނަށް ހާއްސަ އެލެވެންސްއެއް ތައާރަފްކުރުމަށްވެސް ވައުދުވެފަ އެވެ.
އެގޮތުން ވިދާޅުވީ އުމުރުން 55 އަހަރުވުމުން އަމިއްލަ އަށް ރިޓަޔާކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ޕެންޝަން ލިބެނީ 65 އަހަރުވުމުން ކަމަށާއި އެއީ، އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
އަދި އެއީ އެ އުމުރުގެ މީހުންގެ ޝަކުވާ ބޮޑު މައްސަލައެއް ކަމަށާއި އެހެންވެ 55 އަހަރުވުމުން ރިޓަޔާ ކުރާ މީހުންނަށް ހާއްސަ އެލަވަންސެއް ތައާރަފްކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުމަށް އެ ކޮމިޝަނުން ސިޔާސީ މީހުން މަދުކޮށް ޝަރުއީ ދާއިރާގެ މީހުން ގިނަ ކުރާނެ ކަމަށާއި ސޯޝަލް ހައުސިން މަޝްރޫއުތަކުގައި ފަނޑިޔާރުން ހިމެނޭ ގޮތަށް ޝަރުއީ ދާއިރާގެ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި އެ މީހުންނަށް ހާއްސަ ކެޓަގަރީއެއް ކަނޑައަޅާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.













