ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ގާނޫނު ބަދަލުކޮށްގެން ނަމަވެސް ތިނަދޫ ސިޓީއަކަށް ހަދަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެއްޖެ އެވެ.
މި ފެށޭ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތިނަދުއަށް ވަޑައިގެން ސަޕޯޓަރުންނާއެކު މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ގާނުނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންވެސް ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށެވެ.
ތިނަދު އަކީ ހުވަދު އަތޮޅުގެ އެންމެ އާބާދީ ބޮޑު އަދި އުމްރާނީ ވަސީލަތްތައްވެސް އެންމެ ގިނައިން ގާއިމުކޮށްފައިވާ ރަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބެނީ އާބާދީގައި 10،000 މީހުން ހަމަވުމުންނެވެ. ތިނަދޫގެ އާބާދީ 8،000 އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 8،000 ހަމަވާނަމަ ސިޓީއެއްގެ ދަރަޖަ ލިބެންޖެހޭ" ޑރ.މުއިއްޒު
މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ތިނަދޫގައި ވަނީ ސިޓީއަކަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ގާއިމްކޮށްދީފައި ކަމަށާއި އެހެންކަމުން އާބާދީ ހަމަނުވި ނަމަވެސް، ސިޓީއަކަށް ހަދަން ޖެހޭ ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ.

ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދުމަށް އެ ރަށު ކައުންސިލުން މީގެ ކުރިންވެސް ތަކުރާރުކޮށް ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން އަތޮޅުގެ އެހެން ރަށްރަށުން މީހުން ތިނަދޫގައި ރަޖިސްޓްރީކޮށް ގާނޫނު ލާޒިމުކުރާ މިންވަރަށް މީހުން ހަމަކުރަން މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އަދި ރަށުން ބޭރު މީހުންނަށް ތިނަދޫއިން ގޯތިވެސް ދިނެވެ.
ތިނަދޫ ސިޓީއަކަށް ހެދުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ޕްލޭންކުރި ކަމެކެވެ. ތިނަދޫ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން އޭރު ސަރުކާރުން ބުނީ އެ މަޝްރޫއުގެ ބޭނުމަކީ ރަށުގެ އާބާދީ ބޮޑުކޮށް ސިޓީއެއްގައި ހުންނަން ޖެހޭ ވަރަށް މީހުން އިތުރު ކުރުން ކަމަށެވެ. އޭރުވެސް ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 10،000 މީހުން ހަމަވާ ކަމަށާއި ސިޓީއެއްގެ ދަރަޖަ ލިބެންޖެހޭ ހުރިހާ ވަސީލަތެއްވެސް ހުރީ ގާއިމުވެފައި ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް އެ ވެރިކަން ނިމިގެން ދިޔައީ ތިނަދޫ ރައްޔިތުންނަށް އެ އުފާވެރިކަން ނުލިބި އެވެ.
މި ސަރުކާރުގައިވެސް ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދޭން ބުންޏެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތިނަދޫ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ސޯލިހު ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެެވެ.
ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ އިތުރުން މުޅި ހުވަދު އަތޮޅަށާއި ތިނަދުއަށް ގިނަ ވައުދުތަކެއް މުއިއްޒު ވަނީ މިރޭ ވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ތިނަދޫގައި މި ސަރުކާރުން ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އަވަހަށް ނިންމުމާއި ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމާއި މަސްވެރިންނަށް ހުރި ފުރުސަތުތައް ފަހިކުރުމުގެ ގޮތުން ތިނަދޫ އަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ނަފާވާ ރަށަށް ހެދުން ހިމެނެ އެވެ.
އޭގެ އިތުރުން ތިނަދޫ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމާއި، ރަށުގެ މަތީ ތައުލީމީ ވަސީލަތްތައް ތަރައްގީކުރުމާއި ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން މުޅި ހުވަދު އަތޮޅަކީ ޓޫރިޒަމްގެ މައި ހަބަކަށް ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.












