އިއްޔެ މެންދުރުފަހުން ފެށިގެން ވޯޓާސް ލިސްޓުތަކުގައި ކެންޑިޑޭޓުން ސޮއިކުރަން ހުޅުވާލި ފަހުން މިއަދު މެންދުރުފަހާ ހަމައަށް ސޮއިކުރަން ފެށީ އެންމެ ތިން ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި މިއަދު މެންދުރުފަހާ ހަމަައަށް ސޮއިކުރަން އައީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއި، އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ފާރިސް މައުމޫނާއި ހަސަން ޒަމީލުގެ ފަރާތުން އެކަންޏެވެ.
"އެމްޑީޕީ، ޕީއެންސީ، އެމްއެންޕީ، އަދި ޑިމޮކްރެޓްސްގެ ފަރާތުން ސޮއިކުރާކަށް އަދި ނާދޭ،" ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.
ވޯޓާސް ލިސްޓުތަކުގައި ސޮއިކުރަން ހުޅުވާލި މުއްދަތު މާދަމާ ރޭ 10:00 ޖަހާއިރަށް ހަމަވާނެ އެވެ. ރިޔާސީ އިންތިހާބުގައި ބަހައްޓާ 574 ވޯޓު ފޮށި ބަހައްޓާއިރު، އެއިން ކޮންމެ ފޮއްޓެއްގެ ވޯޓާސް ލިސްޓުގައި ވަކިވަކިން ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ޖެހޭނެ އެވެ.
ވޯޓާސް ލިސްޓުތަކުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ އުސޫލު އައީ ސެޕްޓެމްބަރު 7، 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުނު ހުކުމުގެ ގައިޑްލައިންގައި އެ ގޮތަށް އަމަލު ކުރުމަށް ބަޔާންކޮށް އަމުރު ކުރި ފަހުންނެވެ.

ވާދަކުރާ ކެންޑިޑޭޓުން
- އަމިއްލަ ގޮތުން؛ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
- އަމިއްލަ ގޮތުން؛ ޑިފެންސްގެ ކުރީގެ ނައިބު ހަސަން ޒަމީލް
- އެމްޑީޕީ؛ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
- ޕީއެންސީ؛ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
- ޖޭޕީ؛ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
- އަމިއްލަ ގޮތުން؛ އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން
- ޑިމޮކްރެޓްސް؛ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
- އެމްއެންޕީ؛ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި 282،395 މީހުންގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި އަލަށް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދަކީ 27,006 އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ވޯޓުލީ މީހުންގެ 50 އިންސައްތަ އަދި އިތުރު އެއް ވޯޓު ލިބިގެނެވެ. އެ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.
މި ފަހަރު ދެވަނަ ބުރަކަށްދާނަމަ އެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30 ގަ އެވެ.













