އައްޑޫ ސިޓީއަށް 6،000 ޓޫރިސްޓު އެނދުގެ މަޝްރޫއުއަކާއެކު، ހާއްސަ ތިން ވައުދެއް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
މާލެ ފިޔަވައި އާބާދީ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީގެ ތާއިދު ހޯއްދެވުމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރު މުއިއްޒު މިއަދު އައްޑުއަށް ވަޑައިގެން ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި އެ ސިޓީއަށް އަށް ހާއްސަ މަޝްރޫއުތަކުގެ ގޮތުގައި 6000 ޓޫރިސްޓް އެނދު ތައާރަފު ކުރުމުގެ އިތުރުން ވެވަޑައިގަތް ވައުދަކީ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލުމަށް ބްރިޖެއް އެޅުމާއި އައްޑޫ ހޮސްޕިޓަލުން ހުރިހާ ހިދުމަތެއް ލިބޭނެ ގޮތަށް ތަރައްގީކުރުމެވެ.
އައްޑޫ ސިޓީއަށް މުއިއްޒުގެ މައިގަނޑު މަޝްރޫއެއްގެ ގޮތުގައި އިއުލާނު ކުރެއްވީ ސަރުކާރުން ވެސް އިންވެސްޓްކޮށްގެން "އައްސޭރި ޓޫރިޒަމް" ނަމުގައި ހިންގާ ޓޫރިޒަމް މަޝްރޫއު އެވެ. އެ މަޝްރޫއުގެ ގިނަ ތަފްސީލުތަކެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ 6000 އެނދު ގާއިމުވެގެން ދާއިރު 10،000 ވަޒީފާ އުފެދޭނެ ކަމަށެވެ. އަދި އެ މަޝްރޫއު ހަގީގަތަކަށް ވެގެން ދާއިރު އޭގެ ޒާތުގައި އެ ސިޓީގައި ސަރަހައްދީ ސީޕްލޭން ހަބެއް އުފެދިގެން ދިޔުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑުއަށް މުއިއްޒުގެ ޓޫރިޒަމް ސިޔާސަތު އިއުލާނު ކުރެއްވިއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ސިޓީއަށް 7000 ޓޫރިސްޓު އެނދުގެ މަޝްރޫއުއެއް އިއުލާނުކޮށް އެ މަޝްރޫއުގެ ބައެއް މަސައްކަތް ފަށައިފަ އެވެ.

އައްޑޫ ޓޫރިޒަމް ހަބަކަށް ބަދަލުކުރުމުގެ ތެރޭގައި އައްޑޫ އެއާޕޯޓު ބޮޑުކުރުމާއި، ސަންގްރިއްލާ ހިންގޭނެ ގޮތް ހެދުމާއި، ހަންކެޑެ ތަރައްގީކުރުމާއި ފަޅުވެ ވާ ހެދިފައިވާ ގޯތިތަކާއި، ގެސްޓު ހައުސް ހެދުމަށް ދޫކޮށްފައި ހުރި ބިންތައް ރީތި ގެސްޓު ހައުސްތަކާއި ހޮޓާތަކަށް ބަދަލުކޮށްލަން ލޯނު ދިނުން ހިމެނެ އެވެ.
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަނީ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިންނެ އެވެ. އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ އެވެ. ބޭންކު އޮފް ޗައިނާއިން 142.9 މިލިއަން ޑޮލަރު 2.3 ބިލިއަން ރުފިޔާގެ ލޯނު ނަގައިގެން ހިންގާ އެ މަޝްރޫއުގައި 1041 ކޮޓަރި (2082 އެނދު) ހުންނާނެ އެވެ.
އޭގެ އިތުރުން، ދެ ގްރޭންޑް ހޮޓެލް، ދެ ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 64 ސާވިސްޑް އެޕާޓުމެންޓު، 17 ބީޗު ވިލާ ހުންނާނެ އެވެ. އޭގެ އިތުރުން ނޮލެޖު ސެންޓަރު، މިކްސް ސްޕޯޓްސް ބިލްޑިން، އައުޓްޑޯ ބީޗް ސްޕޯޓްސް، ތިއޭޓަރު އަދި ފުޑް ކޯޓާއި ރެސްޓޯރަންޓާއި ފިހާރަތައް ހިމެނެ އެވެ.
އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ހިމެނެނީ ބޯހިޔާވެހިކަމާއި ވަޒީފާ ކަމަށާއި އައްޑޫގައި ތިބެގެން ގެދޮރުވެރިކަން ހާސިލުވާންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އައްޑޫން ބިންވެސް ހިއްކަން ޖެހޭކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އިދިކޮޅު ކެންޑިޑޭޓު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ އެއް މަޝްރޫއު މިހާރު ކުރިއަށް ގެންދަނީ އައްޑޫގަ އެވެ.
އައްޑޫ ބިން ހިއްކަނީ ކުރިއަށް އޮތް 50 އަހަރަށް ވާ ވަރަށް ބިން އިތުރުކޮށް، ޓޫރިޒަމް ތަރައްގީކޮށް އިގްތިސާދު ކުރިއެރުވުމުގެ ގޮތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ބިލިއަނެއްހާ ރުފިޔާގެ އެ މަޝްރޫއުގެ ދަށުން، އައްޑުއަށް 194 ހެކްޓަރުގެ ބިން އިތުރުކޮށް، 11 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ގާއިމްކުރާނެ އެވެ.
މުއިއްޒުގެ އެހެން ވައުދުތައް
އައްޑޫ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އިތުރު ވައުދުތަކެއް ވެސް ވެވަޑައިގެންފަ އެވެ. އެ ވައުދުތަކަކީ؛
- އޮންލައިން ޕޭމެންޓް ސިސްޓަމް ތައާރަފުކުރުން
- އެމޭޒަން ފަދަ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ސެލާ އެކައުންޓް ކްރިއޭޓް ކުރެވޭނެ ގޮތް ހެދުން
- އަންހެނުންނަށް 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ފެށުން
- އަންހެނުން އުފައްދާ މުދާ ވިއްކަން ސިޓީތަކުގައި މާކެޓްތަކެއް ގާއިމުކުރުން. އެތަންތަން ހިންގާނީ އަންހެނުންގެ ކޯޕަރޭޓިވްސްތަކުން
- ޑޭކެއާ ހިންގުމަށާއި ތަރައްގީ ކުރަން ފައިސާގެ އެހީ ދިނުން
- ގެވެށި އަނިޔާ ހުއްޓުވަން ހާއްސަ ގައުމީ މަރުކަޒެއް ގާއިމުކުރުން
- ކޮންމެ އަތޮޅެއްގައި މޮމޮގްރަމީ، ޕެޕްސްމެއާ ޓެސްޓް ހެދޭނެ ގޮތް ހެދުން











