ޝަރީއަތް ހިންގުމުގެ ވާހަކަ ދައުލަތުން ދައްކަން ޖެހޭނީ އަވަހަށް ޝަރީއަތް ކުރާނެ ގޮތެއް ހަމަޖައްސައިދީފައި ކަމަށް ވިދާޅުވެ، ކޯޓު އިމާރާތް ކުރަން ދާންވީ ވެސް ފަނޑިޔާރުންތޯ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ޕީޖީ އޮފީހުގެ ވަކީލުންނާ ސުވާލުކުރައްވައިފި އެވެ.
ފަނޑިޔާރު ނިޔާޒު މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމާ ހެދި ޝަރީއަތް އަވަހަށް ކުރިއަށްނުގެންދެވިދާނެތީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލަމުންދާ މައްސަލައެއްގަ އެވެ.
ޕީޖީ އޮފީހުގެ ވަކީލު އަހުމަދު ނައުޝާދު އިއްޔެ ހައި ކޯޓުގައި ވިދާޅުވި ގޮތުގައި، އެ މީހާ ބަންދުން ދޫކޮށްލީ މައްސަލައިގައި ގިނަ އަދަދެއްގެ ހެކި ހުރި އިރު ކޯޓުގެ ޖާގައިގެ ދަތިކަމާ ހެދި މައްސަލަ އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށްގެންދެވިދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުނުކުރެއްވޭތީ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނައުޝާދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ގާޒީއަށް އެގޮތަށް ގަބޫލުކުރެވުމަކީ މީހަކު ބަންދުން ދޫކޮށްލަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް ނޫން ކަމަށެވެ.
ނައުޝާދު އެހެން ވިދާޅުވުމުން ފަނޑިޔާރު ނިޔާޒު ސުވާލު ކުރެއްވީ، ފިޒިކަލީ ކްރިމިނަލް ކޯޓު ހުރި ގޮތް ބެލިންތޯ އެވެ.
ޖަވާބުގައި ނައުޝާދު ވިދާޅުވީ، ފިޒިކަލީ އެތަން ހުރި ގޮތަށް ބެލިޔަސް، ހަމައެކަނި މައްސަލަ ލަސްވެގެންދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވުމަކީ، އެއީ ގާނޫނީ ނަޒަރަކުން ބަލާއިރު، މީހަކު ޝަރީއަތް ނިމެންދެން ކޮށްފައި އޮތް ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

އެ މީހާ ބަންދު ކުރި ސަބަބު ވެސް އެގޮތުގައި ދެމި އޮތްކަން ވެސް ނައުޝާދު ފާހަގަކުރެއްވި އެވެ. އެގޮތުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރީ އޭނާގެ ކިބައިން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންކަން ފާހަގަކުރެއްވި އެވެ.
ނައުޝާދު ވިދާޅުވީ، އެގޮތަށް ބަލައިގެން މީހުން ބަންދުން ދޫކުރާ ނަމަ، ޝަރީއަތް ނިމެންދެން ބަންދުކުރާ އެންމެން ވެސް އެފަދަ ސަބަބުތަކަށް ޓަކައި ބަންދުން ދޫކުރުމުގެ އިހްތިޔާރު އޮންނާނެ ކަމަށެވެ.
ނިޔާޒު އެއްސެވީ ގާނޫނުގައި އަވަހަށް ޝަރީއަތް ކުރަން އަންގާފައި އޮތް އިރު އަވަހަށް ޝަރީއަތް ކުރާނެ ތަނެއް އޮތްތޯ އެވެ. ހުރިހާ ޖިނާއީ މައްސަލަތައް ހުށަހެޅޭ ކޯޓުކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ އެތަނުގެ އެއް ބައި އޮތީ ވެއްޓިފައި ކަމަށެވެ. އަދި އެއީ ދައުލަތުގެ އެހެން އިދާރާތަކަށް އޮޅިފައި އޮތް ކަމެއް ނޫން ކަމަށެވެ.
"ޝަރީއަތް ހިންގާނެ ތަނެއް ދައްކަވަން ޖެހޭނެ ނޫންތޯ؟ ދައްކާފައި ނޫންތޯ އަވަހަށް ޝަރީއަތް ހިންގާށޭ ބުނަން ޖެހޭނީ،" ނިޔާޒު އެއްސެވި އެވެ.
ނައުޝާދު ވިދާޅުވީ، ޕްރޮސެކިއުޝަންއަށް އެ ސުވާލުގެ ޖަވާބެއް ދެވިދާނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. އަދި ތަކުރާރުކޮށް ފަނޑިޔާރު ނިޔާޒު އެ ސުވާލު ކުރެއްވުމުން ކޯޓުގެ ހާލަތާއި ކޯޓުގެ އިދާރީ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދަތި ކަމަށް ނައުޝާދު ވިދާޅުވި އެވެ.
"ދެން ކާކު ޖަވާބު ދާރީ ވާނީ؟ ދައުލަތެއް ނޫންތޯ ތި ތަމްސީލު ކުރައްވަނީ،" ފަނޑިޔާރު ނިޔާޒު ސުވާލުކުރެއްވި އެވެ.
ޝަރީއަތް ހިންގަން ޖެހޭ އެންމެހާ ކަމެއް ކުރުމަށް ދައުލަތުގެ މައްޗަށް ގާނޫނުން ލާޒިމުކޮށްފައި އޮންނާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"ގާނޫނު ހަދާފައި އޮތީ ހަމައެކަނި އަވަހަށް ޝަރީއަތް ހިންގާށެކޭ ކިޔާފަކާ އެކަންޏެއް ވެސް ނޫން. ޝަރީއަތް ކުރުމަށް ޓަކައި ދެން މަގުފަހިކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް މަގުމަފަހިކުރުމަށް ޓަކައި ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައި އޮންނާނީ ގާނޫނުއަސާސީން ވެސް ގާނޫނުތަކުން ވެސް. ދައުލަތުގެ އެހެން އިދާރާތަކަށް ވެސް ޝަރީއަތް ކުރުމުގައި އެހީތެރިވެދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮންނަނީ،"
ނިޔާޒު ވިދާޅުވީ، ޝަރީއަތް ކުރުމާ ގުޅޭ މައްސަލަތަކުގައި ޝަރީއަތް ކުރެވޭނެ ގޮތެއް ނެތް ކަމަށް ވަންޏާ އެއީ ހަގީގަތެއް ކަމަށް ގަބޫލުކޮށްގެން އެކަމަށް ރިއާޔަތްކޮށްގެން ކުރިއަށްގެންދަން ޖެހޭނެ ކަމަށެވެ. އަދި ބަންދުގައި މީހުންތަކެއް ބައިތިއްބަން ބޭނުންނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް މީހުންތަކެއް ބަންދުކޮށްފައި ބައިތިއްބާކަށް ބޭނުންނުވާނެ ނޫންތޯ؟،" ނިޔާޒު ވިދާޅުވި އެވެ.
"ދައުލަތަށް ނޭނގިގެން އޮތް ކަމެއް ކަމަކަށް އަޅޫގަނޑަށް ގަބޫލެއް ނުކުރެވޭ. ކްރިމިނަލް ކޯޓު ވެއްޓިފައި އޮތް ކަމާއި ކްރިމިނަލް ކޯޓުގެ ޝަރީއަތް ނުކުރެވޭ ކަމާއި އެތަނަށް އެތައް ބައިވަރު މައްސަލައެއް ހުށަހެޅިފައި އޮތް ކަމާއި ޑިއުޓީ ބަހައިގެން ޝަރީއަތް ކުރަން ޖެހޭ ކަމާއި. އެތަނުގެ މައްސަލަތައް ކުރިއަށްނުގެންދެވި އޮތީ އެތަނުގެ ދަތިކަމުންކަން. އެކަން ހައްލުކުރެވެން ޖެހޭނީ، ހައްލު ކުރެވިގެން އޭގެ ފަހުން ތި އުސޫލުން ވާހަކަ ދެކެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،"
"ގާނޫނުގެ ރޫހަކީ އަވަހަށް ޝަރީއަތް ހިންގުމޭ ކިޔާފައި ޝަރީއަތް ކުރެވޭނެ ގޮތެއް ހަދައިނުދީ، އެގޮތަށް އައިސް ހައި ކޯޓުގައި ވަކާލާތު ކުރިޔަސް، އަޅުގަނޑުމެން ކޮން ފަރުވާއެއްތޯ ދޭނީ. އަޅުގަނޑުމެންތޯ ކޯޓު އަޅަން ދާންވީ؟ ޝަރީއަތުގެ މާލަން ބިނާކުރަން ދާންވީ ފަނޑިޔާރުންތޯ؟" ނިޔާޒު އެއްސެވި އެވެ.
ވަކީލު ނައުޝާދު ފާހަގަކުރެއްވީ، ފަނޑިޔާރުންނަށް ގޮތެއް ނިންމެން އޮންނަނީ ވެސް ގާނޫނުތަކާއި ގަވައިދުތައް ބަޔާންކުރާ ގޮތުގެ މަތިން ކަމަށެވެ. މި މައްސަލައިގައި އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ބަޔާން ކުރެއްވި އަސާސަކީ މިފަދަ މައްސަލަތަކުގައި މީހުން ބަންދުން ދޫކުރަން ބޭނުންކުރެވިދާނެ އަސާސެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށް ތަކުރާރުކުރެއްވި އެވެ.
ބަންދު މުރާޖައާ ކުރުމުގެ އިޖުރާއަތްތައް ފުރިހަމަ ނުވިޔަސް އޭގެ ނަތީޖާއެއްގެ ގޮތުން މީހާ ބަންދުން ދޫނުވުން ކަމަށް މީގެ ކުރިން މަތީ މަރުހަލާއިން ނިންމާފައިވާއިރު، މައްސަލައެއް އަވަހަށް ނުމިދާނެ ކަމަށް ފަނޑިޔާރަށް ލަފާކުރެވިގެން މީހަކު ބަންދުން ދޫނުވާ ގޮތަށް އޮތުން އަދި މާ އައުލާކަންބޮޑު ކަމަށް ދެކޭ ކަމަށް ވެސް ނައުޝާދު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެފައިވާއިރު، އެތަނުގެ ޖާގައިގެ ދަތިކަން ވެސް ދިމާވާތީ ކޯޓު ހުޅުމާލޭގައި ކުރިން އޮތް ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް ވަނީ ނިންމައިފަ އެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތުގެ ހާލަތު ވަޒަން ކުރުމަށްފަހު 2017 ވަނަ އަހަރު ގެޑޯ ޕްރައިވެޓު ލިމިޓެޑުން ތައްޔާރުކުރި ރިޕޯޓެއްގައި ވެސް އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ލިޔެފައިވެ އެވެ. އެއަށްފަހު ވެސް އައި އެތައް ޝަކުވާތަކަށް ފަހު މި އަހަރު ކުރީކޮޅު އެ ތަން ބަންދު ކުރަން ޖުޑިޝަރީން ނިންމީ އެވެ.












