ގުޅީފަޅުގައި މި ސަރުކާރުން އަޅަމުންދާ ވިޔަފާރި ބަނދަރު ޖެހިގެން އޮތް ތިލަފުއްޓަށް ބަދަލުކޮށް މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފުށިދިއްގަރު ފަޅު ހިއްކުމުގެ އިތުރުން ގުޅީފަޅު އަދި ގިރާވަރު ފަޅު އިތުރަށް ހިއްކާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ހުޅުމާލޭ ފޭސް ދޭއްގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީ މުއިއްޒު ވަނީ ޕީޕީއެމް/ޕީއެންސީން އިންތިހާބަށް ހުށަހަޅާ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯ ލޯންޗުކޮށްފަ އެވެ. އެއަށްފަހު ދެއްވި ޕްރެޒެންޓޭޝަނެއްގައި މުއިއްޒު ބޯހިޔާވަހިކަން ސިފަކުރެއްވީ އެންމެ ހައްލު ބޭނުންވެފައި އޮތް މައްސަލައިގެ ގޮތުގަ އެވެ. އަދި, އެކަމަށް އެކަށައަޅާފައިވާ ޕްލޭން ހިއްސާކުރެއްވި އެވެ.
"މާލެ ސަރަހައްދަށް އެކަނި 65,000 ގެދޮރު, އެއީ ގޯއްޗާއި ފްލެޓު ހިމެނޭހެން ގައުމީ ތަރައްގީގެ ތެރޭގައި ހިމަނައިގެން ގާއިމުކޮށްދިނުން އަޅުގަނޑުމެންގެ ޕްލޭނަކީ. އެއީ ގުޅީފަޅާއި, ގިރާވަރު ފަޅާއި, ފުށިދިއްގަރު ފަޅާއި, މާލެ ރީޑެވެލޮޕް ކުރީމާ ހުސްވާ ބިންތަކާއި, މި ހުޅުމާލޭ އާއި ވިލިމާލެ މި ހުރިހާ ތަނަކުން ލިބޭ ބިންތައް އެއްކޮށްލައިގެން 65,000 ގެދޮރު ގާއިމުކޮށްދޭނަން,"އޭނާ ވިދާޅުވި އެވެ.

މުއިއްޒު މެނިފެސްޓޯ ލޯންޗުކޮށްދެއްވަނީ. މިހާތަނަށް ހާމަކުރީ ބޯހިޔާވަހިކަމުގެ ސިޔާސަތު އެކަނި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
އެ ޕްލޭނުގެ ދަށުން މާލޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރު ޔަގީންވެގެންދާނެ ކަމަށާއި އަދި މާލޭގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރު ޔަގީން ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މުއިއްޒު ވަނީ މިރޭ ފުށިދިއްގަރު ފަޅުގެ މާސްޓާ ޕްލޭން ކަމަށް ވިދާޅުވެ ކުރެހުމެއް ވެސް ދައްކަވާފަ އެވެ.

"ފުށިދިއްގަރު ފަޅުގައި 1,280 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކޭނެ. އެއީ ފޭސް 1 ފޭސް 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ. މިތަނުން ލިބިގެން މިދަނީ 11,970 ގޯއްޗާއި 26,500 ހައުސިން ޔުނިޓު, ތިން ކޮޓަރި ހަތަރު ކޮޓަރި ގޮތަށް," އޭނާ ވިދާޅުވި އެވެ.
މިހާރު ވެސް ހިއްކަމުންދާ ގުޅީފަޅާއި ގިރާވަރު ފަޅު އިތުރަށް ހިއްކަން ވެސް އޭނާ ވައުދުވެވަޑައިގެންނެވި އެވެ. އެގޮތުން, ގިރާވަރު ފަޅުން 89 ހެކްޓަރު ހިއްކައި އެތަނުން 1,050 ގޯއްޗާއި 2,800 ހައުސިން ޔުނިޓު ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ 1,400 އަކަ ފޫޓާއި 1,650 އަކަ ފޫޓާ ދެމެދު ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރުން ގިރާވަރުފަޅުން ހިއްކަނީ 169 ހެކްޓަރެވެ.
"އަޅުގަނޑުމެން ގުޅީފަޅު ހިއްކަން ނިންމާފައި ވަނީ އެތަނުގެ އެންމެ ފުން ސަރަހައްދާ އެކު, އެތަނުގެ 20 މީޓަރު ފުން މިން ހުންނާނެ. އެ ތަނުން 304 ހެކްޓަރުގެ ބިން, ފޭސް 2 އަށް ވުރެ ބޮޑުވާނެ. އެތަނުން 3,500 ގޯތި އަދި 8,700 ހައުސިން ޔުނިޓު. ޖުުމުލަ 65,000 ވާހަކަ މި ދައްކަނީ," އޭނާ ވިދާޅުވި އެވެ.
ގުޅީފަޅު މަޝްރޫއުގެ ބީލަމަށް ހުޅުވާލުމަށް ތައްޔާރުވެފައި ވާއިރު މުއިއްޒު ވިދާޅުވި ގޮތުގައި އޭނާ ވެރިކަމަށް ހޮވިވަޑައިގެންފިނަމަ އެ ބަނދަރު ތިލަފުއްޓަށް ބަދަލުކުރާނެ އެވެ.

މިރޭ މުއިއްޒުގެ ޖަލްސާއަށް ހާޒިރުވި ތިބި މީހުން. އޭނާ ވިދާޅުވީ ހާއްސަ އިސްކަމެއް ގެދޮރުވެރިކުރުމަށް ދެއްވާނެ ކަމަށް --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
މާލޭގެ ދެކުނުން ގާތްގަނޑަކަށް 16 ކިލޯމީޓަރު ދުރުގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައިގެން އެތަން ތަރައްގީ ކުރުމަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުالله ޔާމީންގެ 2018 ގެ ރިޔާސީ ވައުދެކެވެ. "ވިލިމާލޭ 2" ގެ ނަމުގައި 300,000 މީހުންނަށް އަމާޒުކޮށް ކުރިއަށްގެންދަން ރޭވި އެ މަޝްރޫއުގެ ދަށުން އެ ފަޅުން 800 ހެކްޓަރު އަދި ގުޅީފަޅުން 230 ހެކްޓަރު ހިއްކާނެ ކަމަށް އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން, އެންމެ ދެ ޝަރުތާ އެކު އެ މަޝްރޫއުއަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ޔާމީނު ހުޅުވާލި އެވެ. އެއީ, 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި އަމިއްލަ ނަމުގައި 1,000 އަކަ ފޫޓުގެ ބިމެއް އޮތް މީހަކަށް ނުވުމެވެ.
"ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން
- މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި ގުޅީފަޅާއި، ގިރާވަރުފަޅު ގުޅާލާ ފުށިދިއްގަރުފަޅާއި ދެމެދު ހައި ސްޕީޑް ފެރީ ނިޒާމެއް ގާއިމުކުރުން
- ވިލިމާލޭގައި 5،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ހިންގުން
- ހަ ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް އޮތް އުސޫލު ބަދަލުކޮށް ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތް ހެދުން
- މާލޭގައި ހުންނަ ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް ތަޅާލާ، އެ ފުލެޓުތަކުގެ ބަދަލުގައި އާ ފުލެޓުތަކެއް އަޅައިދިނުން
- ބޭނުންވާ ޑިޒައިނަކަށް, ބޭނުން އުސްމިނަކަށް ގެދޮރު ބިނާކޮށްދިނުން
- އާބަން ހަތް ސަރަހައްދެއް އުތުރާއި ދެކުނުގައި ގާއިމުކުރުން
- 18 އަހަރު ވެފައިވާ ކޮންމެ ދިވެއްސަކަށް ފްލެޓު ނުވަތަ ގޯތި ދިނުން
- ގެދޮރު އަޅަން ފަސް ޕަސެންޓު އިންޓަރެސްޓުގައި ލޯނު ދިނުން












