ދެ މީހަކަށް ހަގީގަތް އޮޅުވާލައިގެން މަސްތުވާތަކެއްޗާ ހަވާލުވާން ފޮނުވި މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިއީ ޖޫން 17، 2022 ވަނަ ދުވަހު ގަތަރު އެއާލައިންސްގެ ފްލައިޓަކުން އައި ސައުތު އެފްރިކާގެ ރައްޔިތަކު ދިރުވާލައިގެން ގެނައި ޑްރަގްއާ ހަވާލުވާން އައި ކަމަށް ބުނެ ތިން މީހެއްގެ މައްޗަށް ދައުވާ ކުރި މައްސަލައެކެވެ. އެ ތިން މީހުން ހައްޔަރު ކުރީ، ޒަމަކިލެ ލެސިއާ އޮންޔެޗެގެ ނަމަކަށް ކިޔާ އެ މީހާ ގެސްޓްހައުސްގައި ބަހައްޓައިގެން އެ ޑްރަގްއާ ހަވާލުވާން އަންނަ ބަޔަކު ހޯދަން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގަ އެވެ.
ޒަމަކިލެގެ ހަށިގަނޑުން ޑްރަގް ފެނުނީ އޭނާ އެއާޕޯޓު ތެރޭގައި އުޅުނު ގޮތުން އޭނާއާ މެދު ޝައްކުވެގެން ބެލި ބެލުމުންނެވެ. އޭނާ ފުލުހުންނާ ހަވާލުކުރުމުން ފުލުހުން ވަނީ އޭނާ ގެސްޓްހައުސްއަކަށް ގެންގޮސް ދިރުވާލައިގެން ގެނައި އެ ޑްރަގް ބޭރުކުރުވައިފަ އެވެ. އޭނާގެ ހަށިގަނޑުން ބޭރު ކުރި 83 ބުލެޓުގައި 896 ގްރާމްގެ ކޮކެއިން ހުއްޓެވެ.
އެ އޮޕަރޭޝަނުގައި ފުލުހުން ފުރަތަމަ ހައްޔަރު ކުރީ، އޭނާ ގެސްޓްހައުސްގައި ހުއްޓާ އެ ޑްރަގްއާ ހަވާލުވާން އައި ކަމަށް ބުނާ ގ. އަންކާރާ، އަހުމަދު ތާއިފް ރިލްވާން އާއި އޭނާއާއެކު ސައިކަލުގައި އައިސް ބޭރުގައި ހުރި މ. ނިބިލިގާ، ނިހާލް މުހައްމަދު އާސިމެވެ. އަދި ގެސްޓްހައުސް ބޭރުގައި ހުޅުމާލޭ ބީޗުގައި އެ މީހުންނަށް ފޯނުން ގުޅައި އިރުޝާދު ދިން ކަމަށް ބުނާ މއ. ސީނަރީވިއު، މުހައްމަދު ހަމްދޫން ވެސް ހައްޔަރު ކުރި އެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.
މި މައްސަލައިގައި ކުށް ސާބިތުވީ، ގެސްޓްހައުސް ބޭރުގައި ހުރެ ގުޅައިގެން އިރުޝާދު ދިން ކަމަށް ބުނާ ހަމްދޫންގެ މައްޗަށް އެކަންޏެވެ. އެހެންނަމަވެސް އޭގެ ތެރެއިން މަސްތުވާ ތަކެއްޗާ ހަވާލުވާން ދިޔަ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވީ، އެ މީހުން ހަވާލުވި ތަކެއްޗަކީ ހަގީގަތުގައިވެސް މަސްތުވާތަކެތިކަން އެމީހުން އެނގޭކަން ސާބިތުނުވުމުންނެވެ.

ޒަމަކިލެ ގެސްޓްހައުސްގައި ހުއްޓާ އެތަނަށް ތައިފް އައިސް ޓަކި ޖެހުމުން ޑްރަގް އަޅާފައި ހުރި ލަކްނޯ ހުސްކުރި އޮރެންޖު ދެ ޕެކެޓު ދިއްކުރި އެވެ. ފުލުހުން ތައިފް ހުއްޓުވީ އެ ޕެކެޓުތައް ހިފައިގެން އެތަނުން ދަނިކޮށެވެ. އަދި ތިރީގައި މަޑުކޮށްގެން ހުރި ނިހާލް ވެސް ހައްޔަރު ކުރުމުން އެވަގުތުން ފެށިގެން އެމީހުން ގެންދިޔައީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެމުންނެވެ. ދެ މީހުން ވެސް ތަހުގީގުގައި ބުނެފައި ވަނީ އެތަނަށް އައީ ހަމްދޫން ބުނެގެން އެއްޗެއް ބަލައި ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އެ ދެ މީހުން ތިއްބައި ހަމްދޫން ތައިފްގެ ފޯނަށް ގުޅުމުން އޭނާ ފޯނު ނަގައި "އޯކޭ ޑަން" އޭ ބުންޏެވެ.
މި މައްސަލައިގައި ހަމްދޫން ހައްޔަރު ކުރީ ތައިފް އާއި ނިހާލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން އެ ދެ މީހުން ފުލުހުންނަށް އެއްބާރުލުންދީ، އެ ކޮތަޅު ގެންދަން ޖެހޭތަން އެނގޭނީ ހަމްދޫންއަށް ކަމަށާއި އޭނާ ހުންނާނީ ގެސްޓްހައުސް ބޭރުގައި ބީޗުގައި ކަމަށް ބުނުމުން ފުލުހުން އެ ސަރަހައްދުން އޭނާ ހޯދައިގެންނެވެ.
ތައިފް ބުނެފައި ވަނީ އޭނާ އެތަނަށް ދިޔައީ، ހަވާލުވި އެތީގައި ޑްރަގް ހުރިކަން އެނގިގެން ނޫން ކަމަށެވެ. އަދި އޭތި ބަލައި ދިޔައީ ހަމްދޫންގެ އެދުމުގެ މަތިން ކަމަށް ބުންޏެވެ. ނިހާލް ވެސް ބުނީ، އޭނާ އެ ގެސްޓްހައުސް ކައިރިއަށް ދިޔައީ، ޑްރޮޕެއް ދިނުމަށް ތައިފް އެދުމުން ކަމަށާއި ހަވާލުކުރި ތަކެތި ގެންދަންވީ ތަނެއް އެނގޭނީ ހަމްދޫންއަށް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ތައިފް ހައްޔަރު ކުރި އިރު އޭނާގެ އަތުގައި ޑްރަގް ހުރި ނަމަވެސް، އެއާ ހަވާލުވީ އޭގައި ހުރީ ޑްރަގްކަން އެނގިގެން ކަމެއް ދައުލަތަށް ސާބިތުކޮށްނުދެވޭ ކަމަށެވެ. އަދި ހަވާލުވީ، ލަކްނޯ އޮރެންޖު ޖޫސް ޕެކެޓުތަކަކާ ކަމަށްވާއިރު، އޭގެ އެތެރޭގައި ހުރި އެއްޗެއް އޭނާއަށް އެނގުމުގެ ފުރުސަތާއި ވަގުތު ނޯންނާނެކަން ކޯޓުން ފާހަގަކުރި އެވެ. އަދި އެތަކެއްޗާ ހަވާލުވާން ދިޔައި ހަމްދޫންގެ އެދުމުގެ މަތިން ހަމަށް ނިހާލް ވެސް ބުނާތީ އެ ވާހަކަށް ބާރު ލިބޭ ކަމަށް ހުކުމުގައިވެ އެވެ.
އެެއާ ހަވާލުވާން ދިޔަ އިރު އޭގައި މަސްތުވާއެއްޗެއް ހުރި ކަމަށް ޝައްކު ކުރެވޭ ނުވަތަ އެނގޭނެ ފަދަ މައުލޫމާތެއް ތައިފްއަށް އެނގޭކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭއިރު، ފުލުހުންގެ ތަހުގީގުން އެފަދަ އެއްވެސް މައުލޫމާތެއް، އޭނާއަށް ލިބިފައިވާކަމުގެ ހެއްކެއް ހޯދައި ޝަރީއަތަށް ހުށަހަޅާފައި ނުވެ އެވެ. އަދި އޭގައި ހުރީ ކޯއްޗެއްތޯ ބެލުމުގެ ފުރުސަތު ވެސް ތައިފްއަށް ނުލިބޭކަން ހުކުމުގައި ފާހަގަކުރި އެވެ. އޭގެ އިތުރުން، ނިހާލްގެ އަތުން އެއްވެސް ޑްރަގެއް ނުފެންނަ އިރު އޭނާ ގެސްޓްހައުސްއަށް ދިޔައީ ޑްރަގާ ހަވާލުވާން ކަމެއް ސާބިތުކޮށްނުދެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ތައިފްއާއި ނިހާލްގެ ފޯނުން ވެސް އެ ދެ މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަށް ބާރު ލިބޭ ހެއްކެއް ނުފެންނަކަން ހުކުމުގައި ފާހަގަކުރި އެވެ. އަދި އެ ދެ މީހުން ތަހުގީގަށް އެއްބާރުލުންދިިން އިރު ހަމްދޫން އޭނާގެ ފޯނުގެ ޕާސްވޯޑް ހަނދާން ނެތް ކަމަށް ބުނެ އެއްބާރުލުން ނުދޭކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ.
ހަމްދޫން އެ ކޮތަޅު ބަލައި ނުގޮސް، އެހެން މީހުން ފޮނުވައި، ގެސްޓްހައުސް ބޭރުގައި ފާރައަށް ހުރެ ތައިފްއަށް ގުޅައި ހަދަންވީ ގޮތް ކިޔައިދިނުމުން އޭގައި ހުރީ ޑްރަގްކަން ހަމްދޫންއަށް އެނގޭކަން ދަލާލަތުކޮށްދޭ ކަމަށް ހުކުމުގައި ވެ އެވެ. އަދި އޭނާ އެގޮތަށް އަމަލު ކުރީ ފުލުހުން ހިފެހެއްޓުމުގެ ފުރުސަތު އޮންނާނެތީ ކަމަށާއި އޭނާގެ އަމަލުތަކުން ގޯސް ނިޔަތް ފާޅުކަންބޮޑުގޮތެއްގައި ފެންނަ ކަމަށް ހުކުމުގައިވެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އެކަމުގައި އުޅޭ މީހުން އެކި އުކުޅުތައް ބޭނުންކުރާކަން ހުކުމުގައި ފާހަގަކުރި އެވެ. އެގޮތުން، ކުށުގެ ތުހުމަތުން ބަރީއަވުމަށް ފަރުދާގެ ފަަހަތުގައި ތިބެ މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި މީހުންނާއި ކުޑަކުދިން ބޭނުންކޮށްގެން މިގޮތަށް ގެންނަން ޑްރަގްއާ ހަވާލުވާން ފޮނުވާކަން ފާހަގަކުރި އެވެ.
ހުކުމުގައި ވަނީ ހަމްދޫންގެ އަތުން ސީދާ ޑްރަގް ނުފެނުނަސް، ތައިފް ބަލައިދިޔަ ތަކެތީގައި ހުރީ ޑްރަގްކަން ހަމްދޫނަށް އެނގި އޭނާ އެތަކެތި ބަލައި ދިޔުމުގެ ބަދަލުގައި އެހެން މީހަކު ފޮނުވާ ނަމަ އޭނާގެ މައްޗަށް ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން ފުރިހަމަވާނެ ކަމަށެވެ.
ހަމްދޫންގެ މައްޗަށް ކުށް ސާބިތުވާތީ، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރެއްވީ އޭނާ އުމުރަށް (ތަންފީޒު ކުރަން ޖެހޭނީ 25 އަހަރު) ޖަލަށްލުމާއެކު 100،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.












