ޓޫރިޒަމް ސިނާއަތުގެ ދިވެހި މުވައްޒަފުންނަށް ބޯހިޔާވެހިކަމުގެ ސްކީމެއް ތައާރަފުކޮށް، މަސްވެރިންނަށް ބޭންކު ލޯނު ލިބުން ތައާރަފު ކުރުން ހިމެނޭ ގޮތަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމާއި މަސްވެރިކަމުގެ ބައެއް ސިޔާސަތުތަކާއި ވައުދުތައް ރޭ ހާމަކުރައްވައިފި އެވެ.
ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަ ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ބޭންކުތަކުން ލޯނު ދޫކުރުމުގައި މަސްވެރިންނަކީ، މުވައްޒަފުންގެ ގޮތުގައި ބަލައި ނުގަންނަ ކަމަށާއި، އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެކަން ހައްލު ކުރައްވާނެ ކަމަށެވެ.
"އެހެންވެ، ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކަށް ފަހު މަސްވެރިންގެ ދަފުތަރެއް އެކުލަވާލައި، އެ ދަފުތަރުގައި ހިމެނީ މުވައްޒަފުން ކަމުގައި ހަމަޖައްސައި ލޯނު ނެގޭނެ ގޮތް ހަމަޖައްސާނަން،" މާލޭ ސިޓީގެ މޭޔަރުގެ ގޮތުގައި ވެސް ހުންނެވި މުއިއްޒު ވިދާޅުވި އެވެ.
މަސްވެރި އުޅަނދު ބަނުމަށް އެތެރެކުރާ މެޓީރިއަލުން އިމްޕޯޓު ޑިއުޓީ ކަނޑާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން މަސްވެރި އުޅަނދު ބަނުމުގައި ބޮޑު ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"މުޅި އިންޑަސްޓްރީއަށް އޭގެން ފައިދާ ކުރާނެ،" ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވި އެވެ


ފަރެސްމާތޮޑާގައި އޮތް މިފްކޯގެ ބޯޓަކަށް މަސް ކުރަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
މަސްވެރިކަމުގެ ސިނާއަތަށް މި ސަރުކާރުން ވެސް ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނައިރު، މުއިއްޒުގެ ހާއްސަ ވައުދެއްގެ ގޮތުގައި ދ. އަތޮޅު މާދެލީގައި މަސް ކާރުހާނާއެއް އަޅާނެ ކަމަށް ވިދާޅުވި އެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ދިގު ތާރީހުގައި ރާއްޖޭގެ މެދުތެރޭގައި ގާއިމުކުރާ ފުރަތަމަ ކާރުހާނާއަށް ވާނެ އެވެ.
މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދައި އެ ސޮސައިޓީ، މިފްކޯގެ ހިއްސާދާރަކަށް ހަދައި، ބޯޑުގައި ޑިރެކްޓަރަކު ތަމްސީލު ކުރާނެ ގޮތް ވެސް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އޭރުން މިފްކޯގެ ހިއްސާދާރެއްގެ ގޮތުގައި އެ ވަނީ މަސްވެރިން. އޭގެ ސަބަބުން މިފްކޯގެ ފައިދާއިން ވެސް މަސްވެރިންނަށް ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތަށް ހުރި އެހެން ސިޔާސަތުތައް ހާމަ ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ޓޫރިޒަމް ސިނާއަތުގައި ވިއްސަކަށް ހާސް ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާއިރު، އެ ދާއިރާއަށް ހާއްސަ ހައުސިން ސްކީމެއް މިހާތަނަށް ނެތްކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރިސޯޓު މުވައްޒަފުންނަށް ސޯޝަލް ހައުސިން ސްކީމެއް ގާއިމުކޮށް، ފްލެޓު ދޭނެ ކަމަށެވެ.
"ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެ މުވައްޒަފުންގެ މަސައްކަތުން. އެ މުވައްޒަފުންނަށް ހާއްސަ ޕްރޮގްރާމެއް ގާއިމު ވެގެން ދިޔުމަކީ ވަރަށް އިންސާފުވެރި ކަމެއް، ވަރަށް އަދުލުވެރި ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ ވެރިންނާ މަޝްވަރާ ކުރެވި، އަދި މަޖިލީހުގައި މަޝްވަރާ ކުރެވި ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންނަށް ރިޓަޔަމަންޓު ޕެންޝަން ސްކީމެއް ވެސް ތައާރަފު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ފ. އަތޮޅުގައި ވެސް ޓޫރިޒަމްގެ ބޮޑު މަޝްރޫއުއެއް ފަށަން އިއުލާނު މުއިއްޒު ކުރެއްވެވި އެވެ. އޭނާ ވިދާޅުވީ އަތޮޅުގެ މަގޫދޫ ފަޅުގައި ރިސޯޓު ތަރައްގީކުރަން މަދުވެގެން ތިން ރަށް ހިއްކައި، އެ ރިސޯޓުތަކުން ލިބޭ ބިމު ކުލި ވެސް އަތޮޅުގެ ހުރިހާ ރަށަކަށް ބަހާލެވޭނެ ގޮތަށް ގާނޫނީ ބަދަލުތައް ގެންނާނެ ކަމަށެވެ.













