ހުޅުމާލޭގައި މީހުން ދިރިއުޅެން ދޫކޮށްފައިވާ ގޯތި ތަކުގައި ހަތް ބުރިއަށް ވުރެ އުސްކޮށް އިމާރާތް ނުކުރެވޭ ގޮޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.
އާބަންކޯ އިން މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނީ މީހުން ދިރިއުޅެން ހުޅުމާލޭން ދޫކޮށްފައިވާ ގޯތިތަކުގައި މިހާރު 10 ބުރިއަށް (31 މީޓަރު)ގެ އުސްމިނުގައި އިމާރާތްކުރެވޭނެ ކަމަށެވެ. އެ އުސްމިނުގައި އިމާރާތްކުރާ އިރު އަމަލުކުރަން ޖެހޭނެ މިންގަނޑުތައް އާއްމުކޮށްފައިވެ އެވެ.
އުސްމިނުގެ އިތުރުން ކުރީގެ ގަވައިދާ ތަފާތުކޮށް މިފަހަރު އޮތް އެއް ކަމަކީ އިމާރާތްތަކުގެ ފަންގިފިލާގެ އަދަދު ބެލުމުގައި ބިމުން އަޑިއަށް ހުންނަ ބައި (ބޭސްމަންޓް) ނުހިމެނުމާއި ޓެރަހުގެ ދެބައިކުޅަ އެއްބައި ހިޔާކޮށްގެން ބޭނުންކުރެވޭ ގޮތަށް އޮތުމެވެ. އިމާރާތެއް 15 މީޓަރަށް ވުރެ އުސްކުރާ ނަަމަ ލިފްޓް ބަހައްޓަން ވެސް، ގަވައިދަށް ގެނައި ބަދަލުގައި ލާޒިމްކޮށްފައި ވެ އެވެ.
ލިފްޓް ބަހައްޓާ އިރު ލިފްޓް މެޝިން ރޫމް އެންމެ އުސްކޮށް ބެހެއްޓޭނީ ޓެރަހުން ފެށިގެން ހަތަރު މީޓަރަށެވެ.
އިމާރާތްތަކުގައި ހުންނަ އެޕާޓްމަންޓްތަކުގެ ނިސްބަތުން ޕާކިން ޖާގަ ބާއްވަން ވެސް ހުޅުމާލޭގައި އިމާރާތްކުރުމުގެ ގަވައިދަށް ގެނައި ބަދަލު ލާޒިމްކުރެ އެވެ. އެގޮތުން ދެ ކޮޓަރީގެ ކޮންމެ އެޕާޓްމަންޓަކަށް ދެ ސަައިކަލްގެ ޖާގަ ބާއްވަން ޖެހޭ އިރު އެއް ކޮޓަރީގެ ކޮންމެ އެޕާޓްމަންޓަކަށް އެއް ސައިކަލްގެ ޖާގަ ބާއްވަން ޖެހޭނެ އެވެ.

ގަވައިދަށް ބަދަލު ގެނެސްފައި މިވަނީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަސައްކަތް ފަށާފައިވާ ވަގުތެއްގަ އެވެ.











