މިހާރު އަހަރުގެ މެދުތެރޭގައި އަންނަ ބޮޑު ޗުއްޓީ އަހަރު ނިމޭކޮޅަށް ބަދަލުކުރަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތުމުން އެކަމާ ދެކޮޅަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ފާޑުކިޔުމާއެކު، ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެެއްވާނެ ކަމަށާއި އިތުރު ތަފުސީލު މިރޭ ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިރާސީ އަހަރު ފެށޭ ތާރީހަށް ގެނައި ބަދަލަކީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް އެ މީހުންގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރިސޯޓުތަކުގެ އޮފް ސީޒަނާ ގުޅުވައި ގެނައި ބަދަލެކެވެ. ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު 2021 އިން ފެށިގެން ދަރިވަރުންގެ ކިޔެވުން ތަރުތީބުކޮށްފައި އޮތީ އެހެންނެވެ.
މުއިއްޒުގެ މި ވައުދާއެކު ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލިޑިވްސް (ޓީމް) އިންވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން ސްކޫލުތައް ފެށޭ ތާރީހު އަލުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ޓީމުން ވަނީ ބުނެފަ އެވެ.
"ސުކޫލްތަކުގެ ބޮޑުބަންދަށް މިހާރު ގެނެވިފައިވާ ބަދަލަކީ މުހިންމު، އިޖްތިމާއީ އަދި އިގްތިސާދީ ފައިދާ ތަކެއް ހިމެނޭ ހާއްސަކޮށް ޓޫރިޒަމް މަސައްކަތްތެރިންގެ ބޮޑުމެޖޯރިޓީ އެއް ބޭނުންވެގެން ގެނެވިފައިވާ މުހިންމު ބަދަލެއް" ޓީމުން ބުނެފައިވެ އެވެ.
އެ ފާޑުކިޔުންތަކާއެކު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެމްޕޭން ޖަލްސާގައި އިއުލާން ކުރެވުނު ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރ އަށް ބަދަލު ކުރުމާއި މެދު ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށެވެ.

އަދި، "އަޅުގަނޑު މި ކަންބޮޑުވުމަށް ޙައްލު ގެނެސްދޭނަަން. ތަފްސީލް މިރޭ ފ.ނިލަންދޫގައި އޮންނަ ޖަލްސާގައި ހާމަކުރާނަން އިންޝާ ﷲ." މުއިއްޒު ވިދާޅުވެފައިވެ އެވެ.
ރިޔާސީ ކެމްޕޭނުގައި ދ. ކުޑަހުވަދޫގައި ހުންނަވާ މުއިއްޒު މިފަދައިން ވައުދުވެވަޑައިގެން ވިދާޅުވީ މި ސަރުކާރުން ގެނައި ބަދަލު އަނބުރާ ގެންގޮސް 2025 އިން ފެށިގެން ޖެނުއަރީ މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ފަށާ ގޮތަށް ކަންކަން ބަދަލުކުރައްވާނެ ކަމަށާއި އެގޮތަށް ބަދަލުކުރުމުން ބޮޑެތި ތަކުލީފުތަކާއި ބެލެނިވެރިންނާއި ދަރިވަރުން އުފުލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"މި ސަރުކާރުން ސްކޫލު ބަންދު ބަންދު ގެނައުމުން ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރަށް މި ބަދަލުވަނީ. އެ ބަދަލުގެ ސަބަބުން ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. އާއިލާތަކަށް އޭގެ ބޭނުމެއް ނުހިފޭ. އޭގެ ސަބަބުން ބަންދުގެ ބޮޑު ބައެއް ގެއްލޭ. މިނިވަން ދުވަހުގެ ކުޅިވަރުގައި ބައިވެރިވާ ހުރިހާ ކުދިން މަޑުކުރަން ޖެހޭ," އޭނާ ވިދާޅުވި އެވެ.













