އަހަރުގެ މެދު ތެރޭގައި ދިރާސީ އަހަރު ފެށުމަށް މި ސަރުކާރުން ގެނައި ބަދަލު އަނބުރާ ގެންގޮސް 2025 އިން ފެށިގެން ޖެނުއަރީ މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ފަށާ ގޮތަށް ކަންކަން ބަދަލުކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލިޑިވްސް (ޓީމް) އިން ނުރުހުން ފާޅުކޮށްފި އެވެ.
މުއިއްޒުގެ އެ ވިސްނުމާ ދެކޮޅަށް މިއަދު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޓީމުން ބުނީ ސްކޫލުތައް ފެށޭ ތާރީހު އަލުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ސޯޝަލް މީޑިއާގައި މި ޕޯސްޓު ޝެއާކޮށްފައިވާ ގިނަ ރިސޯޓު މުވައްޒަފުންވެސް ވަނީ މުއިއްޒުގެ ވިސްނުމާ ނުރުހުންފާޅުކޮށް، މިހާރު އޮތް ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނެފަ އެވެ.
"ސުކޫލްތަކުގެ ބޮޑުބަންދަށް މިހާރު ގެނެވިފައިވާ ބަދަލަކީ މުހިންމު، އިޖްތިމާއީ އަދި އިގްތިސާދީ ފައިދާ ތަކެއް ހިމެނޭ ހާއްސަކޮށް ޓޫރިޒަމް މަސައްކަތްތެރިންގެ ބޮޑުމެޖޯރިޓީ އެއް ބޭނުންވެގެން ގެނެވިފައިވާ މުހިންމު ބަދަލެއް" ޓީމުން ބުނެފައިވެ އެވެ.
ރާއްޖޭގައި ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީގަ އެވެ. އެކަމަކު ކޮވިޑާ އެކު ސްކޫލްތަކަށް ގޮސްގެން ދަރިވަރުންގެ ކިޔެވުން މެދުކެނޑި، ދިމާވި އުނދަގޫ ހާލަތާ ގުޅިގެން ސަރުކާރުގެ ނިންމުމަކަށް ވީ، ދަރިވަރުންގެ ކިޔެވުން ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރުމަށެވެ.
ނަމަވެސް, މުއިއްޒު ވަނީ އެގޮތަށް ބަދަލުކުރުމުން ބޮޑެތި ތަކުލީފުތަކާއި ބެލެނިވެރިންނާއި ދަރިވަރުން އުފުލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"މި ސަރުކާރުން ސްކޫލު ބަންދު ބަންދު ގެނައުމުން ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރަށް މި ބަދަލުވަނީ. އެ ބަދަލުގެ ސަބަބުން ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. އާއިލާތަކަށް އޭގެ ބޭނުމެއް ނުހިފޭ. އޭގެ ސަބަބުން ބަންދުގެ ބޮޑު ބައެއް ގެއްލޭ. މިނިވަން ދުވަހުގެ ކުޅިވަރުގައި ބައިވެރިވާ ހުރިހާ ކުދިން މަޑުކުރަން ޖެހޭ," އޭނާ ވިދާޅުވި އެވެ.
ދިރާސީ އަހަރު ފެށޭ ތާރީހަށް ގެނައި ބަދަލަކީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް އެ މީހުންގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރިސޯޓުތަކުގެ އޮފް ސީޒަނާ ގުޅުވައި ގެނައި ބަދަލެކެވެ. ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު 2021 އިން ފެށިގެން ދަރިވަރުންގެ ކިޔެވުން ތަރުތީބުކޮށްފައި އޮތީ އެހެންނެވެ.
"ބޮޑު ބަންދު އޮތީ ނުބައިކޮށޭ ބަަދަލުކޮށްފައި. އޭގައި އެބަ އޮތް އެއް ސަބަބު. ޓޫރިޒަމް ސެކްޓަރު މީހުންނަށް ޗުއްޓީ ނަގައިގެން ބޭރަށް ދާން ދަތިވާނެ. އެ ބޭފުޅުންނަށް ވެސް ބޭރަށް ދެވެނީ އެއް ނޫން. މި ބަދަލަކީ ރައްޔިތުން ބޭނުންވި ކަހަލަ ބަދަލެއް ނޫން," މުއިއްޒު މިރޭ ވިދާޅުވި އެވެ.
މުއިއްޒު ވަނީ މި ބަދަލު ގެންނަނީ ޓޫރިޒަމު އިންޑަސްޓްރީގައި އުޅޭ މުވައްޒަފުންނަށް ވެސް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވެފަ އެވެ. އަދި, މަޝްވަރާގެ ތެރެއިން އެކަމަށް ހައްލެއް ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، ރިޔާސީ ކެމްޕޭނުގައި ދ. ކުޑަހުދަވޫގައި ވެވަޑައިގެން މި ވައުދާއެކު ގިނަ ބައެއްގެ ފާޑުކިޔުން ދަނީ މުއިއްޒަށް އަމާޒުވަމުންނެވެ. ހާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ ބަޔަކު ދަނީ އެއީ އެންމެ އެދެވޭ ގޮތް ނޫންކަމަށް ބުނެ ސޯޝަލްމީޑިއާގައި އަޑުއުފުލަމުންނެވެ.













