އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރުވި ފަހުން އޭނާގެ ފިރިމީހާ މާވިން ވާގަސްގެ ހަށިގަނޑު ބަލައިފާސްކުރި އިރު އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ނޫފައިގެންގޮސް ކުދިކުދި ހާނީއްކަވެފައި ހުރި ކަމަށް އޭނާގެ ހަށިގަނޑު ބެލި ފުލުހުންގެ ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނެފި އެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ، އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި މާވިންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ ހަލީމަތު ލަމްހާގެ މައްޗަށެވެ. މޭރީ މަރާލުމުގެ ދައުވާ މާވިންގެ މައްޗަށް އުފުލާފައިވާއިރު، އެކަމުގައި ބައިވެރިވިކަމުގެ ދައުވާގެ އިތުރުން އެހެން ދައުވާތަކެއް ދައުލަތުން ލަމްހާގެ މައްޗަށް އުފުލާފައިވެ އެވެ.
މި މަރުގެ މައްސަލައިގެ ޝަރީއަތުގައި މިއަދު ހެކިބަސް ނެގީ މާވިންގެ ހަށިގަނޑު ބަލައިފާސްކުރި ފުލުހުންގެ ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރާއި، ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނާ ބޭސްފުޅި ތަހުލީލު ކުރި ފުލުހުންގެ ފޮރެންސިކް އެނަލިސްޓާއި އައިޖީއެމްއެޗްގެ ޑައިލަސިސް ޑިޕާޓްމެންޓުގެ ނަރުހެކެވެ.
މާވިންގެ ހަށިގަނޑު ބަލައިފާސްކުރި ފުލުސް މީހާ ބުނީ، އޭނާގެ ވައަތު ކަކުލުގެ ތިން ތަނަކާއި މޭމަތިން ތަނަކާއި ބަނޑުގެ ތަނަކާއި ކަނާތްފަރާތު ކޮނޑުގެ ތަނަކާއި ބުރަކަށިން ތަނެއް ނޫފައިގެން ގޮސްފައި ހުރި ކަމަށެވެ. އެ ތަންތަނުގެ މިން ވެސް އެނގޭނެ ގޮތަށް ފޮޓޯތައް އޭނާ އެކުލަވާލި ކްރައިމް ސީން ރިޕޯޓުގައި ހިމަނާފައިވެ އެވެ.
ބަލައިފާސްކޮށް ފޮޓޯ ނެގިއިރު މާވިންގެ ހުއްދަ ހޯދިންތޯ އެހުމުން ހެކިވެރިޔާ ބުނީ، އެކަމަށް މާވިން ވަރަށް ބޮޑަށް އެއްބާރުލުން ދިން ކަމަށާއި އެ ތަންތަން އަމިއްލައަށް ދައްކަން ވެސް ދެއްކި ކަމަށެވެ. އަދި ކޯޓު އަމުރެއް ހޯދިންތޯ އެހުމުން ބުނީ، އެއީ އޭނާގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި ބަލައިފާސްކުރީ ކްރައިމްސީނެއް ކަމަށް ބަލައިގެން ކަމަށެވެ.

ލަމްހާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި އޭނާގެ ގެއިން އައިޖީއެމްއެޗްއިން ބޭރަށް ގެންދަން މަނާ ބޭސްފުޅިއެއް ފެނުމުން ކުރި ދައުވާއެއް ވެސް ހިމެނެ އެވެ. އެ ބޭހުގެ އަސަރު މޭރީގެ ހަށިގަނޑުން ފެނިފައިވާ ކަމަށް ތަހުގީގުން ދައްކަ އެވެ.
ބޭސްފުޅި ތަހުލީލު ކުރި ފޮރެންސިކް އެނަލިސްޓް ހެކިބަސް ދެމުން ބުނީ، އޭނާއާ ހަވާލު ކުރީ އެ އިންޖެކްޝަން ފުޅި ބޭނުންކޮށްފައި ހުރިތޯ ބަލަން ކަމަށެވެ. އަދި މެޝަރިން ސިލިންޑަރަކާއި ކައްޓާއެއް ބޭނުންކޮށްގެން ބެލި އިރު އެ ފުޅީގައި ހުންނަން ޖެހޭ ވަރަށް ބޭސް ނެތްކަން އެނގުނު ކަމަށާއި ނަތީޖާއަކީ ބޭސްފުޅި ބޭނުންކޮށްފައި ހުރުން ކަމަށެވެ.
އޭގެ އިތުރުން އޭގެ ރަބަރު މަތިގަނޑުގައި އެއްޗެއް ހަރާފައި ހުރި ގޮތަށް ވަރަށް ކުޑަ ދެ ލޯވަޅު ހުރި ކަމަށް ވެސް ބުންޏެވެ.
މިއަދު ހެކިބަސް ދިން އައިޖީއެމްއެޗްގެ ޑައިލަސިސް ޑިޕާޓްމެންޓުގެ ނަރުސް ގާތުގައި މޭރީ މަރުވުމުގެ ކުރިން އަމަލުތައް ހުރި ގޮތާ ބެހޭގޮތުން ސުވާލު ކުރުމުން، އެއް ދުވަހަކު މޭރީ ރޯން އިންދައި ފެނިގެން ސުވާލު ކުރުމުން ފެމިލީ މައްސަލައެއް ޖެހުނު ކަމަށް ބުނި ކަމަށެވެ. އަދި އެއީ މާވިންގެ "އެފެއާއެއް" ނުވަތަ ބޭވަފާތެރިވުމާ ގުޅޭ މައްސަލައެއް ކަމަށް ބުނި ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
އެ ހެކިވެރިޔާ ބުނި ގޮތުގައި މޭރީ މަރުވި ދުވަހު ހުރީ އުފާވެރިކޮށެވެ. އެ ދުވަހު އޭނާ ދެއްކީ އަހަރީ ޗުއްޓީ ނަގައިގެން މާވިންއާއެކު ކްރޮސްރޯޑްސްއަށް ދާން އުޅޭ ވާހަކަ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.
ދިފާއީ ވަކީލުންނަށް މައްސަލައިގެ ދައުވާ ފޯމަށް ދައުލަތުން ބަދަލު ގެނައިކަން އެނގިފައިނުވާ ކަމަށް ބުނެ އިއްޔެ ވަކީލުން ވަނީ މައްސަލައިގެ ހެކިބަސް ނެގުން ހުއްޓާލަން އެދިފަ އެވެ. އެކަމަކު، މިއަދު ހެކިބަސް ނެގީ ދައުވާއާ ގުޅޭ އަދާހަމަ ލިޔުންތައް ދިފާއަށް ލިބިފައިވާކަން ކަށަވަރު ކުރެވުމުންނެވެ.
މި މައްސަލައިގައި 100 އަށް ވުރެ ގިނަ ހެކި ދައުލަތުން ހުށަހަޅާފައިވާއިރު، ބައެއް ވާހަކަތައް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ބައެއް ހެކިވެރިން ހާޒިރު ނުކުރަން ދައުލަތުން ވަނީ އެދިފަ އެވެ. ދެން މި މައްސަލައިގައި އަޑުއެހުމެއް ތާވަލުކުރާނީ ހެކިބަސް ނުނަގާ މީހުންގެ ލިސްޓު ދައުލަތުން ކޯޓާ ހިއްސާ ކުރުމުންނެވެ.
މައްސަލައިގެ ފަސްފަހަތް:
މޭރީ އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓުގައި މަސައްކަތް ކުރި ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރި ނަރުހުންނެވެ. ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.
އޮކްޓޯބަރު 19, 2021 ގައި މޭރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ޝައްކު އުފެދޭ ކަންކަން ހުރުމުން ފުލުހުން ޖިނާއީ ތަހުގީގެއް ފެށި އެވެ. އޭނާ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުނި ނަމަވެސް، އޭނާ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލުމުން ކަމަށް މޭރީގެ އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ.
ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ނަރުހަކު ބުނި ގޮތުގައި މާވިން އެންމެ ފުރަތަމަ ބުނީ މޭރީ މަރުވީ ގެނބިގެން ކަމަށެވެ. ދަންޖެހުނު ކަމަށް ބުނެ ފަހުން ވާހަކަ ބަދަލު ކުރި ކަމަށް ވެސް އެ ނަރުސް ބުނެފައިވެ އެވެ.
މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.
މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.












