މޭރީގެ މަރު: ހެކި ހުށަހެޅި ސަބަބު ބަދަލުވިކަން ދިފާއަށް ނޭނގޭ، ހެކިބަސް ނުނަގަން އެދިއްޖެ

މޭރީ ގްރޭސް މަރާލުމުގެ ދައުވާކުރާ މާވިން އަދި ލަމްހާ

މޭރީ ގްރޭސް މަރާލުމުގެ ދައުވާކުރާ މާވިން އަދި ލަމްހާ

އައިޖީއެމްއެޗްގެ ނަރުސް މޭރީ ގްރޭސް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހެޅި ދައުވާ ފޯމުގައި ބައެއް ހެކިތައް ހުށަހެޅި ސަބަބު ބަދަލުވެފައިވާކަން ދިފާއީ ވަކީލުންނަށް އަންގާފައިނުވާ ކަމަށް ބުނެ، އެ މައްސަލަ ހައްލުކުރެވެންދެން އެއްވެސް ހެއްކެއް ނުނެގުމަށް ދިފާއީ ވަކީލުން އެދިވަޑައިގެންފި އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ، އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި މާވިންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ ހަލީމަތު ލަމްހާގެ މައްޗަށެވެ. މޭރީ މަރާލުމުގެ ދައުވާ މާވިންގެ މައްޗަށް އުފުލާފައިވާއިރު، އެކަމުގައި ބައިވެރިވިކަމުގެ ދައުވާގެ އިތުރުން އެހެން ދައުވާތަކެއް ދައުލަތުން ލަމްހާގެ މައްޗަށް އުފުލާފައިވެ އެވެ.

އެ ޝަރީއަތުގައި މިއަދު ހަމަޖެހިފައި އޮތީ ތިން ހެކިވެރިއެއްގެ ހެކިބަސް ނެގުމަށެވެ. އެކަމަކު ހެކިބަސް ނަގަން ފެށުމުގެ ކުރިން ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވަނީ ދައުލަތުން ހާޒިރު ކުރި ހެކިންގެ ތެރެއިން ހެކިވެރިއަކު ހުށަހެޅި ސަބަބު އޭނާ އަތުގައި އޮތް ލިޔުމާއި ދައުލަތުން ބުނާ ގޮތާ ދިމާ ނުވާކަން ފާހަގަކުރައްވައިފަ އެވެ. އަދި އެ ހެކިވެރިޔާގެ ހެކިބަހުގެ ދާއިރާ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޝަރީއަތަށް ހުށަހަޅާ ހެކީން ހުށަހަޅާ ސަބަބުތައް ދައުވާ ފޯމުގައި ބަޔާންކޮށްފައި އޮންނަ އިރު ޝަރީއަތުގައި އެ ހެކީންނާ ސުވާލު ކުރެވޭނީ ފޯމުގައި ބަޔާންކުރާ ދާއިރާގެ ތެރެއިންނެވެ.

އެކަން ފާހަގަކުރުމުން، ދައުލަތުން ވަނީ މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ދެ މަސް ކުރިން ދައުވާ ފޯމަށް ދައުލަތުން ބަދަލު ގެނެސް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް، ދިފާއުން ބުނަމުންދިޔައީ އެކަން އެނގިފައި ނުވާ ކަމަށެވެ.

އެ މައްސަލަ ފެންމަތިވުމުން އެ ހެކިވެރިޔާގެ ހެކިބަސް ނެގުމާ މެދު ގޮތް ނިންމުމަށް ގާޒީ ހުސެއިން ފާއިޒު ރަޝާދު ނިންމެވީ އަޑުއެހުން މެދުކަނޑާލެއްވުމަށެވެ.

ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން އަޑުއެހުން ފެށުމަށް ފަހު ޝަރީއަތުން ނިންމީ، ހުށަހެޅި ސަބަބު ބަަދަލުވެފައިވާކަން ދިފާއަށް ނޭނގޭތީ ދެ ހެކިވެރިއެއްގެ ހެކިބަސް މިއަދު ނުނެގުމަށެވެ.

އެކަމަކު، ޝަރީއަތުން އެ މައްސަލަ ސާފުކޮށް ވަކި ގޮތެއް ނިންމަންދެން އެއްވެސް ހެއްކެއްގެ ހެކިބަސް ނުނަގަން މާވިންގެ ވަކީލު އިސްމާއިލް މުހައްމަދު އެދިވަޑައިގަތެވެ. އަދި އެކަމަށް ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވެސް ތާއީދު ކުރެއްވި އެވެ.

އެ ދެ ވަކީލުން ވެސް މިއަދު ވިދާޅުވި ގޮތުގައި، ދައުވާ ފޯމަށް ބަދަލު ގެނައިކަން ދިފާއީ ހުރިހާ ވަކީލުންނަށް ވެސް އެނގުނީ މިއަދު އެވެ. އެކަމާ ބެހޭގޮތުން ދައުލަތުން ކޯޓުގައި ވާހަކަ ދައްކާފައި ނުވާ ކަމަށާއި ކޯޓުން ވެސް އެ މައުލޫމާތު ދީފައި ނުވާ ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.

ހެކިން ހުށަހެޅި ސަބަބަށް ބަދަލު އައިކަން ދިފާއަށް އަންގާފައި ނެތުމުން ބައެއް ހެކިންނާ ބެހޭގޮތުން ޝަރީއަތުގެ ކުރިން ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން އެކަން ދިފާއުގެ ސަމާލުކަމަށް ގެނައިތޯ އެހުމުން އެކަމަށް ދައުލަތުގެ ސީދާ ޖަވާބެއް ނުލިބެ އެވެ. ދައުލަތުން ބުނީ، ޝަރީއަތުގައި އެ ވާހަކަ ދެއްކި ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

މިކަމުގައި ވެފައި އޮތް ގޮތެއް ސާފުކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން އެއްވެސް ހެއްކެއް ނުނަގަން ދިފާއުން އެދުމުން، ގާޒީ ފާއިޒު ނިންމެވީ، މައްސަލަ މިއަދު އިތުރަށް ކުރިއަށްނުގެންދިޔުމަށެވެ.

މީގެ ކުރިން މި މައްސަލައިގެ ޝަރީއަތުގައި ގިނަ އަދަދެއްގެ ހެކީން ހާޒިރުކޮށް ހެކިބަސް ނަގާފައިވެ އެވެ. މި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ވެސް ވަނީ ތާވަލުކުރެވިފަ އެވެ.

މައްސަލައިގެ ފަސްފަހަތް:

މޭރީ އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓުގައި މަސައްކަތް ކުރި ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރި ނަރުހުންނެވެ. ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި މޭރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ޝައްކު އުފެދޭ ކަންކަން ހުރުމުން ފުލުހުން ޖިނާއީ ތަހުގީގެއް ފެށި އެވެ. އޭނާ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުނި ނަމަވެސް، އޭނާ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލުމުން ކަމަށް މޭރީގެ އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ހެކިބަސް ދިން ނަރުހަކު ބުނި ގޮތުގައި މާވިން އެންމެ ފުރަތަމަ ބުނީ މޭރީ މަރުވީ ގެނބިގެން ކަމަށެވެ. ދަންޖެހުނު ކަމަށް ބުނެ ފަހުން ވާހަކަ ބަދަލު ކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox