ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކުން އެ ރަށްރަށަށް ކުރާ ފައިދާއެއް ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރާއްޖޭގެ އެންމެ އުތުރުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހެނދުނު ހދ. މަކުނުދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ސަރުކާރުން އެ ރަށުގައި ވެސް މަޝްރޫއުތައް ހިންގަނީ ބައެއް ހަގީގަތްތަކާއި ރަށު ރައްޔިތުންގެ އިހުސާސްތަކަށް ނުބަލަ އެވެ.
"ޖެއޮގްރަފީ ގޮތުން ވަކިން އޮންނަ ރަށެއް، އެހެން ރަށްރަށުގައި ވެސް ކަންކަން ކުރާ އުސޫލަކުން މި ރަށުގައި ކުރުން ނުވާނެ އިންސާފަކަށް، މަކުނުދޫއަށް ކަންކަން ކޮށްދިނުމުގައި ކުރަން ޖެހެނީ ޖެއޮގްރަފީގެ އެ ހަގީގަތުގެ މައްޗަށް،" ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީ، މާލޭގެ މޭޔަރަކަށް ވެސް ހުންނެވި މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ބައެއް ރަށްރަށުގައި މަޝްރޫއުތަކެއް ފަށައިގެން ކުރިއަށް ދިޔަ ނަމަވެސް އެ ރަށެއްގެ ރައްޔިތުން ތިބެނީ ހިތްހަމަނުޖެހިފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ ގޮތަށް އެހެން ދިމާވަނީ، ރައްޔިތުން ބޭނުންވާ މަސައްކަތްތަކެއް ކުރުމަށް ވުރެ އަމިއްލަ އެޖެންޑާއެއްގައި މަޝްރޫއުތައް ހިންގާތީ ކަމަށް ވިދާޅުވި އެވެ.
"ހަމަ އެ ބޭފުޅުންގެ އަމިއްލަ އެޖެންޑާއެއް އޮވެގެން ރަށްރަށުގައި އެއާޕޯޓް ވެސް އަޅާން އެބަ ބުނޭ، ބިން ވެސް ހިއްކާ، ރަށުގެ ރައްޔިތުން ތިބެނީ އެކަމާ ހިތްހަމަނުޖެހިފައި، ރަށްރަށަށް އެއިންވާ ފައިދާއެއް ނޯވޭ،" މުއިއްޒު ވިދާޅުވި އެވެ. "ރައްޔިތުންނަކާ ސަރުކާރަކާ ހަގީގަތުގައި ނެތް ގުޅުމެއް،"

މުއިއްޒު ވިދާޅުވީ އޭނާ ގާއިމުކުރާނީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް ދަނެގެން މަޝްރޫއުތައް ރާވައި ހިންގާ ސަރުކާރެއް ކަމަށެވެ.
"އަޅުގަނޑުމެން ގާއިމުކުރާ ސަރުކާރު ވާނީ ދިވެހި ރައްޔިތުންގެ ވިންދާއި އިހުސާސާ ގުޅިލާމެހިފައި އޮތް ސަރުކާރަކަށް، އަޅުގަނޑުމެން ކުރާ މަސައްކަތްތަކަކީ ރައްޔިތުން ބޭނުންވާ ކަންތައްތަކަކަށް ވެގެން ދާނެ،" ދެ ސަރުކާރެއްގައި ހަތް އަހަރު ވަން ދެން ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.












