ހުޅުމާލޭ ޖަލުގައި ހުރި ގައިދީއެއްގެ މެއަށް ތަދުވާތީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް އޭނާ މިއަދު މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މަރުވީ 55 އަހަރުގެ މީހެއް ކަމަށާއި މަރުވި ކަމަށް ބުނެފައި ވަނީ މެންދުރު ފަހު 3:25 ގައި ކަމަށެވެ.
"[ގައިދީގެ] މެޔަށް ތަދެއްއަރައިގެން، މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފައިވޭ. [އޭނާގެ] ލަތު އިތުރަށް ގޯސްވެ، އެމެޖެންސީއަށް ބަދަލުކޮށް، ފަރުވާ ދެމުންދިޔަ،" ކަރެކްޝަންސް އިން ބުންނެވެ.
އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ގައިދީ މަރުވުން އެކަން އޭނާގެ އާއިލާއަށް ވަގުތުން އަންގާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެ އެވެ.












