ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ތެރޭ ކެންޑިޑޭޓަކު ރަސްމީ ގޮތުން ކުރާ ދަތުރެއްގެ ތެރެއިން ވެސް ދައުލަތުން އެކަމަކަށް ހަރަދު ނުކުރާނަމަ ސިޔާސީ ކެމްޕޭން ހަރަކާތްތަކުގައި ނުރަސްމީ ގަޑީގައި ބައިވެރިވެވިދާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު އިންތިހާބު ތަކުގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާގައި ބުނެފި އެވެ.
އެ ކަރުދާހުގައި ފާހަގަކޮށްފައިވާ މައިގަނޑު އެއް ނުކުތާއަކީ އިންތިހާބުގެ ދުވަސްވަރު ކެންޑިޑޭޓަކު ކުރާ ދަތުރެއްގެ މައިގަނޑު މަގްސަދަކީ ރަސްމީ ދަތުރެއް ކަމަށްވާނަމަ ދަތުރުގެ ހަރަދު ދައުލަތުން ބެލެހެއްޓި ނަމަވެސް, އެ ދަތުރެއްގައި ކެމްޕޭން ނުވަތަ ސިޔާސީ ހަރަކާތް ހިންގާނަމަ އެ ފައިސާ ކެމްޕޭން ހަރަދުގެ ތެރެއިން ހަމަޖެއްސުމެވެ.
"ރަސްމީ ބޭނުމަށް ކުރާ ރަސްމީ ދަތުރެއްގެ ހަވާސާގައި އެކަމަކުން އެ ދަތުރެއްގެ ހަރަދަށް އެއްވެސް އަސަރެއް ނުކުރާނެ ފަދަ ސިޔާސީ ހަރަކާތެއްގައި ނުރަސްމީ ގަޑިއެއްގައި ބައިވެރިވެވިދާނެ," އޭގައި ބަޔާންކޮށްފައިވެ އެވެ.
އޭސީސީން މިހެން ބުނެފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަމުގައި އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެމްޕޭނުގެ ދައުލަތުގެ މުދާލާއި ފައިސާ އަދި ނުފޫޒު ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުތައް ކުރަމުންނެވެ. ނަމަވެސް, އެމްޑީޕީން އެ ތުހުމަތުތައް ދޮގު ކުރެ އެވެ.
އިރުޝާދުނާމާގައި ހިމަނާފައިވާ މައިގަނޑު ކަންތައްތައް
- ކެމްޕޭނު ކުރުމަށް ފައިސާއާއި އެހީ ހޯދުމާއި ހަރަދު ކުރުމުގައި އަމަލު ކުރަންވީ ގޮތް
- ދައުލަތުގެ މުވައްޒަފުން ކެމްޕޭނުތަކުގައި ހަރަކާތްތެރިވުމުގައި އަމަލު ކުރަންވީ ގޮތް
- ދައުލަތުގެ މުދަލާއި ފައިސާ އަދި މަގާމު ކެމްޕޭނު ކުރުމުގައި ބޭނުން ނުކުރުން
- ރިޝްވަތު ދިނުމާއި އިންތިހާބާ ގުޅިގެން ވޯޓު ގަތުމާއި ވިއްކުން ފަދަ ކަންކަން ނުކުރުން
- އިންތިހާބާ ގުޅޭ ކަންކަމުގައި ދެފުށް ފެނުން ކަށަވަރުކުރުން
އޭސީސީން އާންމުކުރި އެ ކަރުދާހުގައި ވަނީ ކާކުކަން ނޭނގޭ ފަރާތްތަކާއި ބޭރު ފަރާތްތަކުން ކެމްޕޭނަށް ދޭ ފައިސާ ބޭނުން ނުކުރުމަށް އިރުޝާދު ދީފަ އެވެ. އަދި, ދައުލަތުގެ މުވައްޒަފުން ރަސްމީ ގަޑީގައްޔާއި, ޔުނިފޯމުގައި ހުރެ, ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިނުވުމަށް އިރުޝާދު ދީފަ އެވެ.

ދައުލަތުގެ މުދަލާއި ފައިސާ އަދި މަގާމު ބޭނުން ކުރުމުގެ ބައިގައި ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި, އިންތިހާބު ދުވަސްވަރު ދައުލަތުގެ އިދާރާތަކަށް ގިނަ މުވައްޒަފުން ނެގުމާއި ވަކިކުރުން މަޑުޖައްސާލުމާއި, ދައުލަތުގެ ކުންފުނިތަކުން ކުރާ ރަސްމީ ދަތުރުތަކުގައި ކެމްޕޭން ނުކުރުން ހިމެނެ އެވެ.
އަދި, ކުރާ ކެމްޕޭން ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންގެ ފަރާތުން ސިޔާސީ މަސައްކަތްތައް ނުކުރުމަށް ވެސް އިރުޝާދު ދީފައި ވެއެވެ.
ރިޝްވަތުގެ ބައިގައި ހިމަނާފައިވާ ކަންކަންމުގެ ތެރޭގައި, ކެންޑިޑޭޓުން ތާއިދު ހޯދުމަށް ވާ ވައުދަކީ އެއީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވަކި ފަރުދަކަށް ނުވަތަ ވަކި ޖަމާއަތަމަށް އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ލިބޭ ފަދަ ވައުދަކަށް ނުހެދުން ހިމެނެ އެވެ.
އިންތިހާބާ ގުޅޭ ކަންކަމުގައި ދެފުށް ފެނުން ކަށަވަރު ކުރުމުގެ ބައިގައި ވަނީ, ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ ހިނގަމުންދާ އިންތިހާބަކާ ގުޅުމެއް ނެތް ގޮތުގައި ރައްޔިތުންގެ ލާބައާއި މަންފާއަށް ހިންގާ މަޝްރޫއުތަކެއްކަން ކަށަވަރު ކުރުމަށް އެކަމާ ގުޅޭ މައުލޫމާތުތައް ކަނޑައެޅޭ އުސޫލެއްގެ މަތިން ދުރާލާ އާންމުކުރަމުން ގެންދިއުމަށް އިރުޝާދު ދީފަ އެވެ.













