ސެޕްޓެމްބަރު، 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންއިން ވާދަކުރަން، އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވިޔަސް، ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި ޑރ. މުއިއްޒުގެ ކެންޑިޑެސީ ފޯމު މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް އޭނާ ދަރުބާރުގެއަށް ވަޑައިގަންނަވައިފި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ސުންގަޑި މިއަދު މެންދުރު ފަހު 2:00 އަށް ހަމަވާއިރު، ޔާމީން އެދިވަޑައިގެންނެވީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަ ނުކުރެއްވޭތީ، މިފަހަރުގެ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
ނަމަވެސް އެ ނިންމުން ގަބޫލު ނުކޮށް ޕީޕީއެމް/ޕީއެންސީ ސެނެޓުން އިއްޔެ ނިންމާފައިވަނީ އިންތިހާބުގައި ވާދަ ކުރުމަށެވެ. ނަމަވެސް އެ ނިންމުމަށް، ޖަލުގައި އޮންނެވި ޔާމީންގެ ރުހުމެއް ނުދެއްވަ އެވެ.
އިދިކޮޅު ކޯލިޝަނުގެ މައިނޯރިޓީ ޕާޓީ، ޕީއެންސީން ރިޔާސީ އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުއިއްޒު ކަނޑައެޅީ އެ ކޯލިޝަނުގެ ރިޔާސީ ޓިކެޓު އަރުވާފައިވާ، ކުރީގެ ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެވެ.
އެ ނިންމުން އެގޮތަށް ނިންމާފައި އޮއްވައި އިއްޔެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ހުކުމްކޮށްފަ އެވެ.

އެއާއެކު ޔާމީން ވަނީ އިންތިހާބު ބޮއިކޮޓު ކުރުމަށް ޕީޕީއެމްގެ ލީޑަޝިޕަށް ލަފާ ދެއްވައިފަ އެވެ. އެ އެންގެވުމާ މެދު މަޝްވަރާ ކުރުމަށް އިއްޔެ ބޭއްވި އިދިކޮޅުގެ ޖޮއިންޓު ސެނެޓު ބައްދަލުވުން ވެސް ވަނީ ހޫނުވެފަ އެވެ. އަދި ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތުގެ ތެރޭގައި ވަނީ އެ ހިޔާލުތަފާތުވުންތައް ބޮޑުވެ މާރަމާރީ ވެސް ހިންގައިފަ އެވެ













