ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާ ވެސް ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ ހިމަބިހި ޖެހިފައި ހުރި މީހަކު ފެނުނީ އިއްޔެ ކަމަށާއި އެ މީހާގެ ފަރާތުން ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އޮތީ ކިހާ މިންވަރަކަށްތޯ ބެލުމަށްޓަކައި އޭނާއާ ބައްދަލުވެފައިވާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
"މި ކޭސް ފެނުމާ ގުޅިގެން ކުރީ ފަހަރުތަކެކޭ އެއްފަދައިން ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި އޭނާއާ ކޮންޓެކްޓުވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
އެ އޭޖެންސީން އިތުރަށް ބުނީ އެ ކޭސް ވަރަށް ގާތުން މޮނިޓަރު ކުރުމަށްފަހު ވެކްސިން ނުޖަހާ މީހުން ދެނެގަނެ އެމީހުންނަށާއި ބަލި ޖެހިފައިވާ މީހާ ދިރިއުޅޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރުގައްޔާއި މި އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ވަގުތުން ކޮންޓުރޯލް ކޮށްފަ އެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓުގައި ވަނީ އިއްޔެ ފެނުނު ކޭސްއާއި އޭޕްރިލް މަހު ފެނުނު ކޭސްއާ އެއްވެސް ގުޅުމެއް ނެތްކަން ކަށަވަރު ކޮށްދީފަ އެވެ.
ހިމަބިއްސަކީ މީސްލްސް ވައިރަސްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި ފެތުރެނީ ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި އެ ވައިރަސް ބަލި ޖެހިފައި ހުރި މީހެއްގެ ފަރާތުން އެހެން މީހެއްގެ ހަށިގަނޑަށް ވާސިިލުވުމުންނެވެ.
ހިމަބިހި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ނޭފަތުން އަރިދަފުސް އައުމުގެ އިތުރުން ލޮލުރޯގާޖެހުން އަދި އަނގައިގެތެރޭގައި ރަތް ކުލައަކަށް ހުންނަ ތިކިތަކެއް ނުވަތަ ފޮޅުތަކެއް ނެގުން ފަދަ ކަންތައްތައް ހިމެނެ އެވެ.
ހިމަބިހި ޖެހޭތާ ހަތަރު ވަރަކަށް ދުވަސް ތެރޭގައި ހަށިގަނޑުން ތުނި ބިހި ނުވަތަ ފެންބިހި ތަކެއް ފާޅުވާން ފަށާނެ އެވެ. މިފެންބިހިތައް ފުރަތަމަ ފާޅުވަނީ މޫނު މަތީގަ އެވެ. އެއަށްފަހު އަތާއި ފައިގެ އިތުރުން ބުރަކައްޓާއި މޭމަތީގައި ބިހިތައް ނަގަން ފަށަ އެވެ. މި ބިހިތައް ގާތްގަނޑަކަށް ފަސް ދުވަސް ވަންދެން ދެމި ހުރެ އެވެ.
ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން ނުވަ މަހުގައި މީސްލްސް ވެކްސިން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.












