ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު މިއަދު ހަމަޖައްސައިފި އެވެ.
އިލްޔާސްގެ ރަނިން މޭޓަކަށް އަމްރު ހަމަޖައްސާފައި މި ވަނީ އެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އައްޔަން ކުރަން ނިންމާފައި އޮއްވައި، އެ ނިންމުން ބަދަލު ކުރުމަށްފަހެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިލްޔާސް ފޯމު ހުށަހަޅުއްވަން ހަމަޖެހިފައި ވަނީ މިއަދު މެންދުރު 1:00 ގަ އެވެ. ފޯމު ހުށަހެޅުއްވުމަށްފަހު އިލްޔާސް އާއި އަމްރު ނޫސްވެރިންނާ ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ވެރިކަން ހިންގާ ޕާޓީގެ ކެންޑިޑޭޓު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. އެމަނިކުފާނުގެ ނައިބަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މިއަދު ރަނިން މޭޓަކު ހަމަޖައްސަވާނެ ކަމަށް ބެލެވެ އެވެ. އެ މަގާމަށް ވަޑައިގަންނަވަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު މަހްމޫދު ޝައުގީ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

އެ ކެންޑިޑޭޓުންގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފާރިސް މައުމޫން އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން ބުނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން އަދި ސުޕްރީމް ކޯޓުން ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕީޕީއެމްގެ ސިސްޓާ ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާދަ ކުރައްވާނެ ކަމަށް ވަނީ ވެސް ވަނީ ބުނެފަ އެވެ. އެކަމަކު، ޕީޕީއެމުން މިހާރު ބުނަނީ ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި އެ ޕާޓީގެ ކެންޑިޑޭޓަކު އަލުން ކަނޑައަޅާނީ ކަމަށެވެ.












