ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ކަމަށެވެ.
ފުރަތަމަ ފިޔަވަހީގައި ހިމެނޭ 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރީ 37 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ ޔުނިޓުތަކާއެކު މުޅި މަޝްރޫއުގެ އަގަކީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނި ގޮތުގައި 165 މިލިޔަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) އަށެވެ.
ފުރަަތަމަ ފިޔަވަހީގައި އަޅާނީ ތިން ކޮޓަރީގެ 1400 ޔުނިޓާއި ދެ ކޮޓަރީގެ 600 ޔުނިޓް ކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ.
އެ މަސައްކަތުގެ އެއްބަސްވުމުގައި ފަހިދިރިއުޅުން ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރެވެ. އަދި ކޭޕީއައިއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކައުންޓްރީ ހެޑް ސަރުވަޖީތު ސިންގެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ ފަހިދިރިއުޅުން ކޯޕަރޭޝަނުގެ އޮފީހުގައި އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ 4،000 ޔުނިޓުގެ ކޮންކްރީޓު މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ.










