އިދިކޮޅު ލީޑާޝިޕްގެ މަރުހަބާ ޖަމީލަށް، މުއިއްޒު ބަހެއް ވިދާޅުނުވި

ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ޔާމީންގެ ރަނިން މޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު (މ) - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ޔާމީންގެ ރަނިން މޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު (މ) - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަދި ޔާމީނުގެ އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އިއުލާންކުރުމުން މަރުހަބާ ނުދަންދަނަވައި އެ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ފެޔަށް ޖެހިލައްވައިފި އެވެ.

ރަނިންމޭޓުކަން ދިނުމާއެކު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ލީޑަޝިޕުގައި ހިމެނޭ ހުރިހާ ބޭފުޅުންވަނީ ޔާމީނުގެ ފުރަތަމަ ވެރިކަމުގައި ނައިބު ރައީސްކަން ވެސް ކުރެއްވި ޖަމީލަށް މަރުހަބާ ދަންނަވާފަ އެވެ.

ޖަމީލަށް ރަނިން މޭޓުކަން ދިންތާ ގާތްގަނޑަކަށް 24 ގަޑިއިރު ފާއިތުވެގެންދިޔައިރު ވެސް މުއިއްޒު މިހާތަނަށް ޖަމީލަށް މަރުހަބާ ދަންނަވާފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން މުއިއްޒުގެ ބަހެއް ހޯދުމަށް "އަދަދު" އިން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ޖަލު ހުކުމުގެ ސަބަބުން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ވިދާޅުވެ، ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މުއިއްޒު މަސައްކަތް ކުރެއްވި ކަމަށް ޕީޕީއެމްގެ ތެރޭގައި އަޑުފެތުރުނެވެ. އެކަން މުއިއްޒުގެ ގާތް ބޭފުޅުން މީގެކުރިން ކަށަވަރުވެސް ކޮށްދިނެވެ.

ނަމަވެސް ޖުލައިން 26 ގައި މުއިއްޒު ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގައި އެ ތުހުމަތުތައް ދޮގުކުރައްވާ އަބަދުވެސް ހުންނެވީ އަދި ހުންނަވާނީވެސް ޔާމީނާއެކު ކަމަށް ވިދާޅުވެ 30 މިނެޓު މުއިއްޒު ވާހަކަދެއްކެވި އެވެ.

""މިހުރިހާ ވާހަކައެއް މި ދަންނަވަނީ އަޅުގަނޑުގެ ތާއީދު، އަޅުގަނޑު ރައީސަށް ސަޕޯޓްކުރާ ކުރުން، އެއީ ހަގީތަތްކަން، ސާބިތު ހިފޭ ހެކިތަކާ އެކީގައި ދެންނެވުމުގެ ގޮތުން، އެލިގޭޝަންސް ތަކަށް [ތުހުމަތުތަކަށް] އެއްވެސް ގޮތަކަށް ޖަވާބު ނުދީ އަބަދު ހުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެހާ ރަނގަޅުކަމަކަށް ނުވާތީ،" މުއިއްޒު އެރޭ ވިދާޅުވި އެވެ.

ވަރަށް ނުތަނަވަސްކަމާ އެކު އިންނަވައިގެން މުއިއްޒު ވިދާޅުވީ ޕީޕީއެމްއާއި އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އޮތް ގުޅުމުގެ ގާތްގަނޑަކަށް މުޅި ތާރީހެވެ. އޭނާ އަކީ ޔާމީނަށާއި ޕީޕީއެމްއަށް ވަފާތެރި ބޭފުޅެއްކަން ދޭހަވާ އެކި އެކި މުއާމަލާތްތަކުގެ ވާހަކަ ވަކިވަކިން ދައްކަވަން ފެށްޓެވުމުގެ ކުރިން އޭނާ ވިދާޅުވީ އޭނާއަށް އެކި ފަރާތްތަކުން ކުރާ ތުހުމަތުތަކާ ހެދި ބައެއް މެމްބަރުންގެ މެދުގައި ހިތްނުތަނަވަސްކަން އޮތް ކަން ގަބޫލުކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތަކަށް ހަމަވާއިރު ޕީޕީއެމުން ދަނީ ޔާމީނުގެ ފޯމު ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. ޔާމީނުގެ އިންތިހާބީ އެޖެންޓު މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ކޯޓުތަކުން ނިންމަން ޖެހޭ ކަންކަން ނިމުމުން މާދަމާވެސް ފޯމު ހުށަހެޅިދާނެ ކަމަށެވެ. ނަމަވެސް، ޔާމީނުގެ ޖަލު ހުކުމް އޮއްވާ އެ ފޯމު ބަލައިނުގަންނާނެ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox