ޏ. ފުވައްމުލައް ސިޓީގައި ހުންނަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ގޮތްޕަށް، އެ އޮފީހުގެ ލިޔެކިޔުންތައް ހިމެނޭ އަރުޝީފު ބަދަލު ކުރުމަށް ނިންމައިފި އެވެ.
ފުވައްމުލަކުގައި ޕީޖީ އޮފީހުގެ ގޮތްޕެއް ހުޅުވައި އެ ތަނަށް މައްސަލަތައް ބަލައިގަންނަން ފެށީ މިދިޔަ މެއި މަހު 23، ގަ އެވެ.
ޕީޖީ އޮފީހުން ބުނީ އެ ގޮތްޕަކީ އެ އިދާރާގެ ލާމަރުކަޒީ ސިޔާސަތުގައި ހިމެނޭ ބައެއް މުހިންމު މަސައްކަތްތަކެއް ހިމެނުމަށް ވެސް މުހިންމު ތަނެއް ކަމަށެވެ.
"ޕީޖީ އޮފީހުގައި ހުރި ފައިލްތަކާއި ލިޔެކިޔުންތަކުގެ އާކައިވް ފުވައްމުލަކު ގޮތްޕަށް ބަދަލު ކުރުމަށް ނިންމައި އެ މަސައްކަތް އެބަ ކުރިއަށްދޭ،" ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވި އެވެ.
2022 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި ދަނީ މަސައްކަތްކުރަމުންނެވެ. މިހާރު އިދާރީ މުވައްޒަފުންނާއެކު މައްސަލަ ބަލައިގަތުމުގެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ.

ފުވައްމުލަކުގައި އަމަން އަމާންކަން ގާއިމުކުރުމަށް ފުލުހުންނާއި އެ ރަށު ސިޓީ ކައުންސިލް އަދި މުއައްސަސާތަކުން ކުރައްވާ މަސައްކަތަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.













