މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ހޮޑާއި ބޭރަށް ހިންގުމުގެ ބައްޔަކީ ވަކި ކާނާއެއްގެ ސަބަބުން ފެތުރޭ ބައްޔެއް ނޫންކަން އެޗްޕީއޭއިން މިއަދު ޔަގީންކޮށްދީފި އެވެ.
އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ, މާލެ ސަރަހައްދުަގއި ގަދަޔަށް ފެތުރެމުންދާ ހޮޑުލުމާއި ބޭރަށްހިންގުމުގެ ބައްޔަކީ ވައިރަހެއެއްގެ ސަބަބުން ފެތުރެމުންދާ ބައްޔެއްކަން އެ އެޖެންސީން ހޯދި ހޯދުމުން އެނގިފައިވާ ކަމަށެވެ. އަދި އެއީ އެއްވެސް ކާނާއެއްގެ ސަބަބުން ފެތުރޭ ބައްޔެއް ނޫންކަން އެ އެޖެންސީން ޔަގީން ކޮށްދިނެވެ.
"ތަހުގީގުތަކުގެ ވަގުތީ ނަތީޖާ ފެންނަ ގޮތުގައި ކުއްލިއަކަށް މި ފެތުރިގެން އުޅޭ ބައްޔަކީ ވައިރަހެއްގެ ސަބަބުން ފެތުރޭ ބައްޔެއް. އެއީ ވަކި ބާވަތެއްގެ ކާނާއަކުން ފެތުރެމުންދާ ބައްޔެއް ކަމަށް ނުބެލެވޭ،" އެޗްޕީއޭއިން ބުނެފައިވެ އެވެ.
ބަލި ފެތުރެނީ ވަކި ކާނާއެއްގެ ސަބަބުން ނޫންކަން އެޗްޕީއޭއިން ޔަގީން ކޮށްދީފައިވާއިރު, ބަލި ފެތުރެނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބެހި މެޓާއެއްގެ ސަބަބުން ކަމަށް ބައެއް ނޫސްތަކާއި ސޯޝަލް މީޑިޔާގައި ދަނީ ހަބަރު ފަތުރަމުންނެވެ.
ކުއްލިއަކަށް ގިނަ ބަޔަކަށް ބަލި ޖެހުނު ސީދާ ސަބަބު ދެނެގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ބަލި ފެތުރޭތާ ދެ ހަފްތާވެފައިވާ ކަމަށެވެ. އަދި މިއީ ކޮންމެ އަހަރަކު ވެސް ސްކޫލު ޗުއްޓީއާ ދިމާކޮށް ފެތުރޭ ބައްޔެއް ކަން ފާހަގަކޮށް އެ އެޖެންސީން ބުނީ, ރެއިން ފެށިގެން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގިނަ އަދަދެއްގެ ކޭސްތައް ޖަމާވެފައިވާ ކަމަށެވެ.
ހޮޑާއި ބޭރަށް ހިންގުމުގެ ބަލިފެތުރުން ހުއްޓުވާ, ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން, ބަލީގެ އަލާމާތްތައް ފެންނަ ނަމަ ގޭގައި މަޑުކުރުމާއި, އަލާމާތްތައް ހުއްޓޭތާ 24 ގަޑިއިރު ނުވަނީސް ކައްކާ, ކާން ހަދައިދިނުން ފަދަ ކަންކަން ނުކުރުމާއި, ގިނަގިނައިން އަތްދޮވުން އަދި, މީހުން އެއްވާ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފައި ވެއެވެ.
އަދި ބަލި ޖެހިފައިވާ މީހާ ހޮޑުލާ, ނުވަތަ ބޭރަށް ހިންގާތަން ސާފުކޮށް, ޑިސްއިންފެކްޓް ކުރުމަށް ވެސް އެ އެޖެންސީން އިލްތިމާސް ކުރެ އެވެ.
މާލޭގައި ކުއްލިއަކަށް ބަލި ގިނަވެފައި މިވަނީ, މިނިވަން ދުވަހާ ގުޅިގެން, ގިނަ ބަޔަކު އެއްވެ ހަރަކާތްތައް ބާއްވާފައި ވަނިކޮށެވެ. އެގޮތުން, މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އެއްވެ, އެކި ކަހަލަ ހަރަކާތްތައް ބާއްވާފައިވެ އެވެ.













