ވެރި ރަށް މާލެ ތެރޭގައި ފެތުރެމުންދާ ހޮޑުލެވޭ ބަލި ޖެހިގެން އޭޑީކޭ ހޮސްޕިޓަލުން އެކަނި ވެސް 200 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދީފި އެވެ.
އާބާދީގައި 211،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާލޭގައި ރެއިން ފެށިގެން ފެތުރެނީ ހޮޑުލެވޭ ވައިރަލް ރޯގާއެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމުގެ އިތުރުން ބޮޑުކަމުދިޔުން ވެސް ހިމެނެ އެވެ.
އެ ބަލި ރެއިން ފެށިގެން ފެތުރެން ފެށިއިރު، މިނިވަން ދުވަސް ފާހަގަ ކުރަން މާލޭގައި ބޭއްވި ކުޅިވަރުތައް ބެލުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އިއްޔެ ހަވީރު އަދި ރޭގަނޑު މަގުތަކަށް ނިކުތެވެ.
މި ނޫހާ ވާހަކަ ދައްކަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑަައިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ރެއިން ފެށިގެން މިއަދު މެންދުރު 3:00 އާ ހަމައަށް ހޮޑުލެވޭތީ އައި 210 މީހުންނަށް އެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ.
ހޮޑުލެވޭތީ ސަރުކާރުން ހިންގާ އައިޖީއެމްއެޗްއިން ވެސް ވަރަށް ގިނަ ބަޔަކު ދަނީ ފަރުވާ ހޯދަމުންނެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލު ފޯނު ނުނަގާތީ އެތަނުން ފަރުވާ ހޯދި މީހުންގެ އަދަދެއް ނޭނގުނެވެ.

ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް ސިފަ ކުރައްވަމުން އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ކުޑަކުދިންނާ ބެހޭ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ސޯޝަލް މީޑިޔާގައި ލިޔުއްވާފައި ވަނީ "މުޅި މާލެ [އޮތީ] ހޮޑުލުމުގައި" ކަމަށެވެ.
ހޮޑުލެވޭ އަދި ބޭރަށް ހިންގާ މީހުން ކުއްލިއަކަށް ގިނަވެފައިވާތީ އެކަމުގެ ސަބަބު ދަނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން މަސައްކަތް ފަށާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް އެޗްޕީއޭއިން ނުދެ އެވެ.
ބަލި މީހުން ކުއްލިއަކަށް ގިނަވުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް ވަނީ އާންމު ސާފުތާހިރުކަމުގައި ސަމާލުވާން އެދިވަޑައިގަނެފަ އެވެ.
"ހޮޑުލެވޭތީ އަދި މީހުން ބޭރަށް ހިންގާތީ އީއާރްއަށް ދައްކާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެއްޖެ. ބޯ ފެނަކީ ސާފު ފެންކަން ޔަގީން ކުރައްވާ. ފެން ކައްކައި، ހިހޫކޮށްގެން ބުއިން އަދި ފިލްޓަރުކޮށްފައި ހުންނަ ފެނަކީ ރައްކާތެރި ގޮތެއް،" ނިޔާފް ވިދާޅުވި އެވެ. "ގިނައިން އަތް ދޮވުމާއި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުވުން ވެސް މުހިންމު."












