މާލޭ ސަރަހައްދުގައި ބަލިމަޑުކަމެއް ރެއިން ފެށިގެން ފެތުރެމުންދާއިރު ވެސް މިއަދު ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ ކާނިވާ ބޭއްވުމާމެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބަހެއް ނުބުންޏެވެ.
ހޮޑުލެވުމުގެ އިތުރުން ބޭރަށް ހިންގާތީ ހޮސްޕިޓަލަށް ގެންދާ މީހުން އާދަޔާ ހިލާފަށް ވަނީ އިތުރުވެފަ އެވެ. އައިޖީއެމްއެޗް އާއި އޭޑީކޭ ހޮސްޕިޓަލަށް ވެސް ރެއިން ފެށިގެން ވަރަށް ގިނަ މީހުން އެބަ ދެ އެވެ.
ބަލިމަޑުކަން ފެތުރެމުންދާތީ އޭގެ ސަބަބު ދަނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ނަމަވެސް ބަލިމަޑުކަމާ ގުޅިގެން ކާނިވާ ބޭއްވުމަކީ މައްސަލައެއްކަން ނުވަތަ ނޫންކަން ވެސް އެޗްޕީއޭއިން ނުބުންޏެވެ.
ކާނިވާ ބޭއްވުމާމެދު އެޗްޕީއޭގެ ބަހެއް ހޯދަން ގުޅުމުން އެ އިދާރާގެ ތަރުޖަމާނު އަދި ކޮލިޓީ އެޝުއަރެންސް އޮފިސާ ތަސްލީމާ އުސްމާން ވިދާޅުވީ އޭނާ ހުރީ ރަށުގައި ނޫން ކަމަށާއި އެސިސްޓެންޓް ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިޝަތު ލުބާނާއަށް ގުޅުމަށެވެ. ލުބާނާ ވިދާޅުވީ އޭނާ ހުންނެވީ އަހަރީ ޗުއްޓީގައި ކަމަށާއި ޑރ. ނަޒްލާ ރަފީގަށް ގުޅުމަށެވެ. ޑރ. ނަޒްލާ ފޯނު ނުނަންގަވާތީ އެޗްޕީއޭގެ ބަހެއް ނުލިބުނެ އެވެ.

މިނިވަން އުފާ ކާނިވަލުގަައި ކުޅިވަރު ސްޓޯލްތަކާއި ކެއުންބުއިން ވިއްކާ ސްޓޯލްތައް ހުންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އަދި ކާނިވާ އިފުތިތާހު ކުރާ ދުވަހު ބޮޑުބެރާއި ސަގާފީ ނެށުމާއި ޒަމާނީ މިޔުޒިކާއި ނެށުމުގެ ހަރަކާތްތަކާއި ވަކިވަކި ފަންނާނުންގެ ހުނަރުތައް ދައްކާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
އެ ކާނިވަލުގައި ތަފާތު ކުޅިވަރުތަކަށް ހާއްސަ 20 ސްޓޯލް ހުންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. ކުޅިވަރުތަކުގެ ތެރޭގައި، އަމާޒަށް ބޮޅު އެއްލުމާއި ފުއްޕާހަން ފަޅައިގެން އިނާމު ހޯދާ ކުޅިވަރަކާއި އަމާޒަށް ހޫޕްސް އުކާ ކުޅިވަރަކާއި އަމާޒަށް ބީން ބޭގް އުކާ ކުޅިވަރަކާއި ބޯޅަ އުކައިގެން ކާށި ވައްޓަންޖެހޭ ކުޅިވަރަކާއި ބުރު އަނބުރާލައި ހަދިޔާ ލިބޭ ކުޅިވަރަކާއި މަރުތޭލަކުން ބާރަށް އެއްޗެއްގައި ޖަހަންޖެހޭ ކުޅިވަރެއް ހިމެނޭނެ އެވެ.
އޭގެ އިތުރުން، އެ ކާނިވަލުގައި ކާބޯތަކެތި ވިއްކުމަށް ހާއްސަ 40 ސްޓޯލެއް ބަހައްޓަ އެވެ. އެ ސްޓޯލްތަކުގައި ލުއި ބުއިމާއި ކޮފީ އާއި އައިސް ކްރީމާއީ ޕޮޕްކޯނާއި ސްނޯ ކޯނާއި ލޮލީ ފަދަ ތަކެއްޗާއި ފާސްޓް ފުޑްސް އާއި ލުއި ކާނާ އާއި ހޯމްބޭކްސް އާއި ދިވެހި ކާނާ ވިއްކާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.












