މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ހުޅުމާލޭގައި ޑްރޯން ޝޯއެއް ބާއްވަން ނިންމައިފި އެވެ.
ދިރާގުން ބުނީ އެކުންފުންޏާއި ހޯމް މިނިސްޓްރީން ގުޅިގެން ބާއްވާ ޑްރޯން ޝޯ އޮންނާނީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު އެ ޝޯ ބަލާލުމަށް ސެންޓްރަލް ޕާކު ސަރަހައްދަށް ދިއުމަށް އެދޭކަމަށް އެ ކުންފުނިން ބުނެ އެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ޝޯ އެވެ.
ދިރާގުން ވަނީ މިނިވަން ދުވަހާ ގުޅުވައިގެން ހާއްސަ ޑޭޓާ ޕެކޭޖުތަކެއް ވެސް ހުޅުވާލާފަ އެވެ. މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް އެންމެ 99 ރުފިޔާއަށް "މިނިވަން އުފާ އެޑްއޮން" އެކްޓިވޭޓް ކޮށްލައިގެން 24 ގަޑިއިރަށް އަންލިމިޓެޑް މޮބައިލް ޑޭޓާ ލިބޭނެ އެވެ.
މިނިވަން ދުވަހުގެ މުނާއްސަބަތުގައި މިއަދު ހަވީރު ހުޅުމާލޭގައި ފުޅަނދު ބުރު ވެސް އޮންނާނެ އެވެ. ފުޅަނދުބުރު ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެންޓްރަލް ޕާކު ސަރަހައްދުގައި ކަމަށް ހޯމް މިނިސްޓްރީން ހާމަކުރެ އެވެ.














